މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ކެންޑިޑޭޓުން، ރަނިންމޭޓުން އިޚްތިޔާރުކޮށް އިއުލާނުކުރަމުން ދިޔުމަކީ ކަންބޮޑުވެވަޑައިގަންނަވާ ކަމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ވަޓްސްއެޕް ގްރޫޕަކަށް ފޮނުއްވި މެސެޖެއްގައި ރައީސް ނަޝީދު ވިދާޅުވީ، ރިޔާސީ އިންތިޚާބަށް ޕާޓީން ނުކުންނައިރު އެހެން ސިޔާސީ ޕާޓީތަކާ ވާހަކަދައްކައި، އިއްތިހާދުތަކާއި އެއްބަސްވުންތައް ގާއިމުކުރެވޭނެ ފަދަ ޖާގައެއް އޮތުން ނުހަނު ބޭނުންތެރި ކަމަށެވެ.
"ޕާޓީ އިލެކްޝަންއަށް ނުކުންނައިރު އެހެން ޕާޓީތަކާ ވާހަކަ ދައްކާ، އެއްބަސްވުންތައް ގާއިމުކުރެވޭނެ ގޮތަށް ތިބުން ބޭނުންތެރި. ރަނިން މޭޓުކަމަކީ އެމްޑީޕީން އެހެން ޕާޓީތަކާ ކުރާ މަޝްވަރާތަކުގައި ލެވަރެޖޭއް. އެ ލެވަރޭޖު ގެއްލޭ ގޮތަށް ކެންޑިޑޭޓުން އަމަލުނުކުރައްވާނެ ކަމަށް އުންމީދުކުރައްވަން،" ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވެފައި މިވަނީ، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށް އެމްޑީޕީން ބާއްވާ ޕްރައިމަރީގައި ވާދަކުރައްވާނެކަން ރަސްމީކޮށް އިއުލާނުކުރައްވައި، ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް އެމަނިކުފާނުގެ ރަނިންމޭޓަކަށް މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ހަމަޖެއްސެވިކަން ހާމަކުރައްވާފައި ވަނިކޮށެވެ.
އެމްޑީޕީގެ ކުރިއަށް އޮތް ޕްރައިމަރީގައި ވާދަކުރައްވާނެކަން ފައިސަލް ނަސީމްގެ އިތުރުން ޕާޓީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާޢީލާއި، ކުރީގެ ރައީސް ޢަބްދުالله ޝާހިދު އަދި ރައްޔިތުންގެ މަޖިލީހުގެ މެންބަރު އަޙުމަދު ޝަމްހީދު ވެސް ވަނީ އިއުލާނުކުރައްވާފައެވެ. ނަމަވެސް، ފައިސަލް ފިޔަވައި އެހެން އެއްވެސް ބޭފުޅަކު އަދި ރަނިންމޭޓަކު އިއުލާނެއް ނުކުރައްވައެވެ.
ޕްރައިމަރީއަށް ނުކުމެވަޑައިގަންނަވާކަން އިއުލާނުކުރައްވަމުން ފައިސަލް ނަސީމް ވިދާޅުވީ، އެމަނިކުފާނު މި މަސައްކަތަށް ނުކުމެވަޑައިގަތީ ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ފުރިހަމަ ތާއީދާއި އެއްބާރުލެއްވުމާއެކު ކަމަށެވެ. އަދި މިއީ ފަސޭހަ މަސައްކަތެއް ނޫން ކަމަށާއި، މި ދަތުރު ފެއްޓެވީ ވަރުގަދަ ޓީމަކާއެކު ކަމަށްވެސް ފައިސަލް ވިދާޅުވިއެވެ.
"ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހާ މަޝްވަރާ ކުރެވި ވަރަށް ބޮޑު އެއްބާރުލުމެއް މިކަމުގައި އޮވެގެން މިކަމުގައި އަޅުގަނޑުމެންނަށް ކުރިއަށް މިގެންދެވެނީ. އެއީ އަޅުގަނޑުމެންނަށް ގަބޫލުކުރެވެނީ ވަރަށް މުހިންމު ކަމެއްގެ ގޮތުގައި. އެގޮތަށް އަޅުގަނޑުމެންނަށް ކުރިއަށް ގެންދެވޭ ކަމަށްވަންޏާ އެނގިވަޑައިގަންނަވާނެ ރައީސް ސޯލިހަކީ އެއީ ނިމިގެންދިޔަ އެމްޑީޕީ ސަރުކާރުގައި ރާއްޖޭގެ ރައްޔިތުންނަށް ވަރަށް ގިނަ ޚިދުމަތްތަކެއް ވަރަށް ގިނަ މަސައްކަތްތަކެއް ކުރެއްވި ބޭފުޅެއް،" ފައިސަލް ފާހަގަކުރެއްވިއެވެ.
ފައިސަލްގެ ރަނިންމޭޓެއްގެ ގޮތުގައި މަސައްކަތް ކުރައްވަން ނިންމެވި ނިންމެވުމާ ގުޅޭގޮތުން މޭޔަރު އާދަމް އާޒިމް ވިދާޅުވީ، ފައިސަލަކީ ނިމިދިޔަ ސަރުކާރުގައި އާރްޓީއެލް ފަދަ ބޮޑެތި މަޝްރޫޢުތައް ކޮންމެ ދުވަހަކު ގާތުން ބެއްލެވި މުރާލި ލީޑަރެއް ކަމަށެވެ. އަދި އެމްޑީޕީގެ ވެރިކަމެއްގައި ޕާޓީގެ ރައީސަކާއި ނައިބު ރައީސަކު ހުރުމަކީ މުހިންމު ކަމެއްގެ ގޮތުގައި ދެކެވަޑައިގަންނަވާތީ، ފައިސަލްގެ ދައުވަތު ގަބޫލުކުރައްވައި އެމަނިކުފާނާއެކު ކުރިއަށްދާން ތައްޔާރަށް ހުންނެވި ކަމަށް އާޒިމް ވަނީ ވިދާޅުވެފައެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists