ވާހަކަ: ދައްތަގެ ފަހު ވަގުތުކޮޅު

އޭނާގެ ކޯތާފަތް ވަނީ ހިކި، ވަޅުޖެހިފައެވެ. އަދި ހަންގަނޑު ވަނީ ކަށިތަކާ ތަތްވެ ހިފެހެއްޓިފައެވެ. ނަމަވެސް އެއިން އެއްކަމެއްވެސް އޭނާ ހެޔޮ ޢަމަލު ކުރުމަށް އޮތް ހުރަހަކަށް ނުވިއެވެ. އޭނާ ޤުރުއާން ކިޔަވަން އިންދާ ނުފެންނަ ވަގުތެއް މަދުވާނެއެވެ. ގިނަ ވަގުތު ހޭދަ ކުރަނީ ބައްޕަ އޭނާއަށް ހަދައިދީފައިވާ ނަމާދު ކޮޓަރީގެ ތެރޭގައެވެ. ރުކޫޢުކޮށް، ސަޖިދަކޮށް، ދުޢާ ކުރުމުގައެވެ. އެއީ ފަތިހުން ފެށިގެން އިރުއޮއްސެންދެން އޭނާގެ ޢަމަލުތައް ހުންނަ ގޮތެވެ. ފޫހިވުމަކީ އޭނާގެ ތަބީޢަތުގައި ނެތް ކަމެއް ފަދައެވެ. 

އަހަރެންގެ ވާހަކަތޯއެވެ؟ އަހަރެންނަކީ އޭނާގެ އިދިކޮޅޭ ބުނުމަކީވެސް ދޮގަކަށް ނުވާނެވެ. ފެޝަން މަޖައްލާތަކާއި ވާހަކަތަކަށް އަހަރެން މަރުދެމެވެ. އެކިއެކި ފިލްމު ތަކާއި ވީޑިއޯތައް ބެލުމުގައި އަހަރެންގެ ދުވާލާއި ރޭގަނޑު ހޭދަކުރަމުއެވެ. ގޭގައި ފިލްމުތައް ބެލުމުގެ އިތުރުން ސިނަމާތަކަށް ގޮސްވެސް ފިލްމުތައް ބަލައި މަޖާ ނެގުމުގައި ވަގުތުތައް ހޭދަކުރަމުއެވެ. ރަހުމަތްތެރިންވެސް ބުނެއުޅެއެވެ. ސިނަމާތަކަކީ އަހަރެންނެވެ. އަހަރެންނަކީ ސިނަމާތަކެވެ. އެހާވެސް ބޮޑަށް ސިނަމާތަކަށް އަހަރެން ހުރީ ދެވިހިފާފައެވެ. އެކަންކަމުގެ ސަބަބުން، އަމިއްލަ ޒިންމާތަކުން ރެކުމާއި، ނަމާދަށާއި ދީނީ ކަންކަމަށް ފަރުވާކުޑަކޮށް އެއީ މާ ބޮޑު ކަމެއް ކަމުގައިވެސް އަހަރެން ނުހަދަމުއެވެ.

* * * *

Advertisement

ގަޑިން ދަންވަރު ހަތަރެއް ޖަހަން އުޅެނީ އެވެ. އާދައިގެ މަތީން، ތިން ގަނޑިއިރު ވަންދެން ފުލުފުލުން ވީޑިއޯތައް ބެލުމަށްފަހު ނިދުމަށް އަހަރެން ތައްޔާރުވެލީމެވެ. މަޑުމަޑު އަރާމު ރަޖާ ގައި މަތީގައި އަޅައި އެނދު މަތީގައި ރަނގަޅަށް ހަމަޖެހިލި ވަގުތު، އަހަރެންގެ ދައްތަ އޭނާގެ ނަމާދު ކޮޓަރީގަ އިނދެ އަހަރެންނަށް ގޮވާލި އިވުނެވެ.

"އާނ ނޫރާ! ކީކޭ؟"އަހަރެން ދައްތަ ބޭނުންވާ ކަމެއް އަހާލީމެވެ. 

'ފަތިސް ނަމާދު ނުކޮށް ނުނިދާތި' ދައްތަ ބުނެލިއެވެ. 

"އާރރރގ... ފަތިސް ނަމާދަށް އަދި ވަގުުތުކޮޅެއް އެބައޮތޭ“ ފޫހި ރާގެއްގައި އަހަރެންނަށް ބުނެލެވުނެވެ. 

'ހަނާން، އަހަރެންގެ ގާތަށް އައިސް އިށީނދެވިދާނެތަ؟' ދައްތަ ވަރަށް ލޯބިން އެދުނެވެ.

ދައްތަ އަކީ އަބަދުވެސް އެފަދަ މަޑުމޮޅި ރިވެތި އަޚްލާޤެއްގެ އިންސާނެކެވެ. ދައްތަ ތަހަންމަލް ކުރަމުންދާ ބަލި ޖެހުމުގެ ކުރިންވެސް އެއީ އެފަދަ ދެވަނައެއް ނުވާ ތަޤުވާވެރި ޞާލިޙް އަޅެކެވެ.  

އެ ދައްތަގެ އެދުމަށް އަހަރެންނަށް އިންކާރު ނުކުރެވުނެވެ.

"އާނ، ނޫރާ؟"އަހަރެން ދައްތަގެ ނަމާދު ކޮޓަރިއަށް ވަނީމެވެ. 

”މިތާ އިށީނދެބަލަ." ދައްތަ އަހަރެން ގާތުން އެދުނެވެ. 

"ކީކޭ ދައްތާ؟"ދައްތަ ކައިރީ އިށީންނަމުން ބުނެލީމެވެ.

ދައްތަގެ ވާހަކަ ފެށީ ކީރިތި ޤުރުއާނުގެ އާޔަތަކުންނެވެ. 

{كُلُّ نَفْسٍ ذَائِقَةُ الْمَوْتِ ۗ وَإِنَّمَا تُوَفَّوْنَ أُجُورَكُمْ يَوْمَ الْقِيَامَةِ} آل عمران: 185

ކޮންމެ نفس އަކީވެސް، މަރުގެ ރަހަ ލިބިގަންނާނޭ އެއްޗެކެވެ. އަދި، (ތިޔަބައިމީހުން ކުޅަ عمل ތަކަށް) ތިޔަބައިމީހުންނަށް ފުރިހަމަޔަށް ޖަޒާ ދެއްވާނެކަން ކަށަވަރީ، قيامة ދުވަހުންނެވެ. [އާލު ޢިމްރާން 3:185]

ދެން އޭނާ އަހާލިއެވެ. "ކޮއްކޮ މަރުވާނެކަން ޤަބޫލުކުރަން ހެއްޔެވެ؟"

"އާނ، އަހަރެން ޤަބޫލުކުރަން." އަހަރެން ޖަވާބުދިނީމެވެ. 

"ތިބާ ކުރާ ކޮންމެ ކަމަކަށް، އެއީ ކިތަންމެ ކުޑަ ކަމެއް ނުވަތަ ބޮޑު ކަމެއް ނަމަވެސް، ތިބާ ޒިންމާ ނަގަންޖެހޭނެ ކަމަށް ތިބާ ޤަބޫލުކުރަންތަ؟"އަނެއްކާވެސް ދައްތަ ސުވާލުކުރިއެވެ.

"އަހަރެން ޤަބޫލުކުރަން، އެކަމަކު... الله އީ ފާފަފުއްސަވާ އެންމެ ރަޙްމާން ވަންތަ އިލާހު. އަހަރެންނަކީ ޒުވާނެއް. އަދި އަހަރެންގެ އުމުރުގައި ބާކީ ވަރަށް ގިނަ ދުވަސްވެސް އެބަ އޮތް."

"ހުއްޓާލާ ހަނާން... ތިބާ މަރާއިމެދު ބިރެއް ނުގަނޭތޯ؟ ބަލާލަބަލަ ހިންދު. އޭނާ ތިބާއަށްވުރެވެސް މާ ޅަ. އެކަމަކު ކާރު އެކްސިޑެންޓެއްގައި މަރުވެއްޖެ. އަދި މިވެނި މީހަކާއި އެވެނި މީހަކުވެސް މެ. މަރަކީ އުމުރަށް ބަލާ އެއްޗެއް ނޫން، އަދި ތިބާގެ އުމުރަކީ ތިބާ މަރުވާނެ ވަގުތު ވަޒަންކުރެވޭނެ އެއްޗެއް ނޫން."

ކޮޓަރީގެ އަނދިރިކަމުގެވތެރެއިން އަހަރެންގެ ހަށިގަނޑު ބިރުވެރިކަމުން ފުރިގެންދިޔައެވެ.

"އަހަރެން އަނދިރި ދެކެ ބިރުގަނޭ. އަދި މިހާރު ދައްތަ ތި ދެއްކި ވާހަކައިން މަރު ދެކެވެސް ބިރުގަނެއްޖެ. ދެން އަހަރެން ނިދާނީ ކިހިނެއް؟ ތިއެއް ނޫނޭ. ނޫރާ، ވާނެ ކުރިއަށް އޮތް ބަންދުގައި އަހަރެމެންނާއެކު ޗުއްޓީ ހޭދަކޮށްލަން ދާން." މައުލޫ ބަދަލުކޮށްލެވޭތޯ އަހަރެން މަސައްކަތް ކުރީމެވެ. 

"އަހަރެން މިއަހަރު ދިގު ދަތުރަކަށް ދާން އެބައޮތްހެން ކަންނޭނގެ. އެކަމަކު އެހެން ތަނަކަށްހެން އަހަންނަށް ހީވަނީ. އަހަރެމެން އެންމެންގެ ދިރިއުޅުމަކީ اللهގެ އަތްޕުޅުގައިވާ އެއްޗެއް. އަދި އަހަރެމެން އެންމެންނަކީ އެކަލާނގެއަށް ހަޟުރަތަށް ދާންތިބި ބައެއް."

އަހަރެންގެ ލޮލުން ފާއްދާލި ކަރުނައިން ދެ ކޯތާފަތް ތެމެން ފެށިއެވެ. އަހަރެންގެ ދައްތަ އަކީ ކެންސަރުގެ އެންމެ ފަހު ސްޓޭޖްގައި ހުރި މީހެކެވެ. ޑޮކްޓަރުން ވަނީ ދެން އޭނާ މާ ގިނަ ދުވަހު ދުނިޔޭގައި ހުންނާނެ ކަމާމެދު އުއްމީދު ކަނޑާލާފައެވެ. ނަމަވެސް އެކަކުވެސް އެވާހަކަ އޭނަ ގާތުގައި ނުބުނެއެވެ. ވީއިރު އެކަން އޭނާއަށް އެނގުނީ ކިހިނެއް ހެއްޔެވެ؟ މީހަކު ބުނީބާއެވެ؟ ނުވަތަ އޭނާއަށް ހަގީގަތް އިހްސާސްކުރެވުނީބާއެވެ. 

"ކޮއްކޮ ތި ވިސްނަނީ ކޮންކަމަކާ ދޭތެރޭތަ؟ ކޮއްކޮ ހީކުރީ އަހަރެން މިހެން މިބުނަނީ އަހަރެން ބަލިވެ އުޅޭތީ ކަމަށްތަ؟ ނޫން. ޙަޤީޤަތުގައި، ބަލިނުވެ، ގަދަވެ ސަލާމަތުން ތިބި މީހުންނަށްވުރެވެސް ދިގު މުއްދަތަކަށް އަހަރެން ދިރިހުރެދާނެ. އަދި ހަނާން… ހަނާން ދިރިހުންނާނީ ކިހާ ދުވަހަކަށް؟ ވިހި އަހަރު؟ ސާޅީސް އަހަރު؟ ދެން އޭގެ ފަހުން؟" ކޮޓަރީގެ އަނދިރީގެ ތެރެއިން ދައްތަ އަހަރެންގެ އަތުގައި ހިފައި މަޑުމަޑުން ފިއްތާލިއެވެ. 

"އަހަރެމެންގެ ތެރެއިން އެކެއްގެ މެދުގައިވެސް ތަފާތެއް ނެތް. އެންމެންވެސް މިދުނިޔެ ދޫކޮށްދާނެ. އާޚިރު މަންޒިލަކީ ސުވަރުގޭގެ މަތިވެރި ނިޢުމަތް. ނުވަތަ ނަރަކައިގެ ވޭންދެނިވި އަޒާބު. اللهގެ ވަޙީ ބަސްފުޅާމެދު ވިސްނާލާ…

{…. فَمَن زُحْزِحَ عَنِ النَّارِ وَأُدْخِلَ الْجَنَّةَ فَقَدْ فَازَ وَمَا ٱلۡحَیَوٰةُ ٱلدُّنۡیَاۤ إِلَّا مَتَـٰعُ ٱلۡغُرُورِ } آل عمران: 185

”…ފަހެ ނަރަކައިން އެއްކިބާކުރައްވައި، ސުވަރުގެޔަށް ވެއްދެވި މީހާ (ދަންނާށެވެ!) ފަހެ، އެމީހަކު نصيب ލިބިގެންފިކަން ކަށަވަރެވެ. ކެހިވެރިކަމުގެ ވަގުތީ އުފަލެއް ދޭ އެއްޗެއްކަމުގައި މެނުވީ، ދުނިޔޭގެ ދިރިއުޅުން ނުވެއެވެ.“

އަހަރެން ނޫރާގެ އެ ކޮޓަރިން ނުކުތް އިރު ސިކުނޑީގައި އެނބުރެމުންދިޔައީ އޭނާ ދެއްކި ވާހަކަ ތަކެވެ. ކޮޓަރިން ބޭރަށް ނުކުތް ވަގުތުވެސް އޭނާ އަހަރެންނަށް ހަނދާންކޮށްދިނީ ފަތިސް ނަމާދު ކުރާށެވެ.

* * * * 

ނޫރާގެ ހާލަތު ފަތިސް ނަމާދަށްފަހު ވަރަށް ބޮޑަށް ގޯސްވިއެވެ. ބައްޕަ ވަގުތުން އޭނާ ހޮސްޕިޓަލަށް ގެންދިޔައެވެ. އަހަރެންނާއި މަންމަ ގޭގައި ތިބީ ހޮސްޕިޓަލުން ޚަބަރެއް ލިބޭނެ އިރެއްގެ އިންތިޒާރުގައި ކެތްމަދުވެފައެވެ. 

އެގޮތުގައި ތިއްބާ މެންދުރުވީއިރު ބައްޕަގެ ކޯލެއް މަންމަ އަށް އައެވެ. ބައްޕަގެ އަޑު ހުރީ ބަދަލުވެފައެވެ. ވާހަކަ ދެއްކުނީވެސް ވަރަށް އުނދަގުލުންނެވެ. ބައްޕަ އެދިލެއްވީ ދައްތައާއި ބައްދަލު ކުރަން ހޮސްޕިޓަލަށް އައުމަށެވެ. 

އަހަރެމެން ވަގުތުން ގެއިން ނުކުމެ ދަތުރު ފެށީމެވެ. އެދުވަހު އެ ދަތުރުވެސް އިންތިހާއަށް ދިގުހެން އަހަންނަށް ހީވިއެވެ. މަގުގެ ދެފަރާތުން އިވެމުންދިޔަ ކާރުތައް ބަރުގޮނު އަޅާ އަޑުން އަހަރެންނަށް އިތުރު އުނދަގޫތަކެއް ކުރުވިއެވެ. އެ ހިނދު ކައިރީގައި އިން މަންމަ އަށް ބަލައިލިއިރު، ދެ އަތްތިލައިން މޫނު ފޮރުވާލައިގެން ރޮމުން މަންމަ ދިޔައީ ނޫރާއަށްޓަކައި ދުޢާ ކުރަމުންނެވެ. 

އެގޮތުގައި އިންދައި ހޮސްޕިޓަލު ކުރިމައްޗަށް ކާރު މަޑުކޮށްލިއެވެ. ހޮސްޕިޓަލުގެ މައި ދޮރާށިން ވަދެގެންދިޔަ އެކި ހާލަތުގައި ތިބި އެކި މީހުން ފެނުނެވެ. އެކަކު ދިޔައީ ކަމަކާ ވަރަށް ބޮޑަށް ދެރަވެގެން އަޑު އުފުލައި ރޮމުންނެވެ. އެކްސިޑެންވެ ހާލު ވަރަށް ދެރަވެފައިވާ ޒުވާނަކު ގޮވައިގެން ނަރުހުންނާއި ޑޮކްޓަރުން އޮޕަރޭޝަން ކޮޓަރިއަށް ވަންނަތަން އެހެން ދިމާއަކުން ފެނުނުއިރު، އެހެން ޒުވާނެއްގެ ފުރާނަ ނެތް މަސްގަނޑު ޢާއިލާއާ ހަވާލުކުރަނީއެވެ. 

އަހަރެންނާއި މަންމަ ނޫރާ އޮތް ފަންގިފިލާއަށް ދިޔުމަށް ސިޑިން މައްޗަށް އަރަންފެށީމެވެ. އޭނާ އެވަގުތު އޮތީ އިންޓެންސިވް ކެއަރ ޔުނިގައެވެ.

އެ ފަންގިފިލާއަށް އެރުމާއެކު ނޫރާ ކައިރިއަށް ގެންދިޔުމަށް އެތަނުގައި އިން ނަރުހެއް ގާތު މަންމަ އެދުނެވެ. އެތަނަށް ދިޔަ މަގުމަތީގައި އެ ނަރުސް ކިޔައިދެމުން ދިޔައީ ނޫރާގެ ރިވެތި އަޚްލާގުގެ ވާހަކައެވެ. އަދި ހެނދުނަށްވުރެ ނޫރާގެ ހާލަތު ރަނގަޅުވެފައިވާ ކަމަށްވެސް ބުނެދިނެވެ. 

އައިސީޔޫގެ ދޮރާއި ހަމައަށް އާދެވުނު އިރު އެތަނުގެ ބޭރުގައި ބައްޕަ ހުރިތަން ފެނުނެވެ. އެ މޫނުމަތި ވަނީ މިލާފައެވެ. ރޮއި ރޮއި ލޯ ހުރީ ރަތްވެފައެވެ. ނަމަވެސް އަހަރެމެން ފެނުމުން ހިނިތުންވެލިއެވެ.

އައިސީޔޫއަށް ވަދެވެނީ އެންމެ މީހަކަށް ކަމުން އެންމެ ފުރަތަމަ ނޫރާ ކައިރިއަށް ދިޔައީ މަންމަ އެވެ. ގާތްގަނޑަކަށް ދެމިނެޓް އެތަނުގައި ހޭދަކުރުމަށްފަހު މަންމަ ބޭރަށް ނުކުތެވެ. އޭރު މަންމައަށް ހުރީ ހަމަ ރަނގަޅަށްވެސް ރޮވިފައެވެ. ގިސްލަމުން ކަރުނަތަށް ފޮހެމުން ދިޔަ ނަމަވެސް އެ ލޮލުން ފައިބަމުން ދިޔަ ކަރުނަތަކަށް ހުއްޓުމެއް ނާދެއެވެ.

އަހަރެންނަށްވެސް ނޫރާ ކައިރީގައި ހޭދަކުރެވޭނީ އެންމެ ދެ މިނެޓު ކަމުގައި ނަރުހުން ބުންޏެވެ. އަދި މާ ގިނަ ވާހަކަތައް ނުދެއްކުމަށް ޝަރުތުކޮށް ވަނުމަށް ފުރުސަތު ދިނެވެ. 

"ކިހިނެއްތަ ނޫރާ؟ ރޭ ދައްތަ ހުރީ އެންމެ ރަނގަޅަށް، ކީއްވެގެން މިހެން މި ވީ؟"

"އަލްޙަމްދުالله، އަހަރެން މިހާރުވެސް ރަނގަޅު."އަހަރެންގެ އަތުގައި ހިފައި މަޑުމަޑުން ފިތާލުމަށްފަހު ނޫރާ ބުނެލިއެވެ. 

"އަލްޙަމްދުالله... އެކަމަކު... ދައްތަގެ އަތް ވަރަށް ފިނި." އަހަރެންނަށް ބުނެލެވުނެވެ. 

އަހަރެން އޭނަގެ އެނދުގައި އިށީނދެ، އަހަރެންގެ އަތް އޭނަގެ ކަކުލުގައި ބާއްވާލީމެވެ. އޭނާ ވަގުތުން ފައި ދުރަށް ޖައްސާލިއެވެ.

"މަޢާފުކުރޭ... ދައްތަ އަށް ތަދުވާކަމެއް އަހަރެންނަށް ކުރެވުނީތަ؟"

"ނޫން، އެކަމަކު އަހަރެންނަށް ހަނދާންވީ الله ގެ ވަޙީ ބަސްފުޅު.

{وَالْتَفَّتِ السَّاقُ بِالسَّاقِ} القيامة: 29

”އަދި (މަރުގެ ސަކަރާތުގައި) އެއްފައި އަނެއްފަޔާ އޮޅައިލެވޭހިނދެވެ.“ (75:29)

.. ޙަނާން، އަހަރެންނަށް ދުޢާކޮށްދީ. އަހަރެންގެ އާޚިރަތުގެ ދަތުރުގެ ފުރަތަމަ ދުވަހާ ވަރަށް އަވަހަށް ބައްދަލުވެދާނެ. އެއީ ދިގު ދަތުރެއް. އެދަތުރަށްޓަކައި އަހަރެންނަށް އެކަށީގެންވާ ވަރަށް ހެޔޮ ޢަމަލުތައް ކުރެވިފައެއް ނެތް."

ދައްތަގެ އެ ބަސްތަކުން ހިފެހެއްޓުމެއްނެތް ކަރުނަ އަހަރެންގެ ލޮލުން އޮހޮރެންފެށިއެވެ. އޭނާވެސް އަހަރެންނާއެކު ރުއެވެ. އެ ކޮޓަރީގެ ހަމަހިމޭންކަމުގެ ތެރެއިން އިވެމުންދިޔަ ހަމައެކަނި އަޑަކީ، އަހަރެމެން ދެ އުޚްތުންގެ ރުއިމުގެ އަޑެވެ.

އިރުކޮޅެއް ނުވެ ނަރުސް އައިސް އަހަރެންގާތު ނުކުތުމަށް އެދުނެވެ. ދައްތަ އާއި އެކު ހޭދަކުރުމަށް އަހަރެންނަށް ލިބުނު ވަގުތުކޮޅު ހަމަވީއެވެ. އެއީ އެ ދައްތަ ދިރިހުއްޓައި އަހަރެންނަށް ފެނުނު އެންމެ ވަގުތެވެ. 

އައިސީޔޫއިން ނުކުމެވެސް އަހަރެންނަށް ރުއިން ހުއްޓައި ނުލެވުނެވެ. އަހަރެންނަކީ ދުވަހަކުވެސް އެފަދައިން ރުއި މީހެއް ނޫނެވެ. ނަމަވެސް އެދުވަހު މަންމަ އާއި ބައްޕަ އަހަރެން ހުއްޓުވަން ކުރި މަސައްކަތް ވީ ނާކާމިޔާބެވެ.

އޭގެ އިރުކޮޅެއް ފަހެވެ. ނަރުސް އައިސް ދިން ޚަބަރަކީ އަހަރެމެން އަޑުއަހަން އެންމެ ބޭނުން ނުވި ޚަބަރެވެ. ދައްތަ މި ފަނާވަނިވި ދުނިޔެ ދޫކޮށް އުޚުރަވީ ޙަޔާތުގެ ދަތުރުފެށި ކަމުގެ ޚަބަރެވެ. إِنَّا لِلَّٰهِ وَإِنَّا إِلَيْهِ رَاجِعُونَ‎. އެ ދުވަހަކީ އަންނާނެ ދުވަހެއްކަން އަހަރެމެން އެންމެނަށް އެނގުނު ނަމަވެސް، އެކަން ގަބޫލުކުރަން ދަތިވިއެވެ. 

ދައްތަގެ ޖަނާޒާގެ ކަންކަން ނިމުމުން ގެއަށް އައިސް އަހަރެން އިނީ އަހަރެމެން ދެމީހުން އުޅުނު ކޮޓަރީގެ ތެރޭގައެވެ. އެ ކޮޓަރިން އިހްސާސް ކުރެވެމުން ދިޔައީ އެކަނިވެރި ކަމެވެ. ހުސްކަމެވެ. އާއިލާގެ އެކިއެކި މީހުންނާއި ރަހުމަތްތެރިން އަހަރެންނަށް ހިތްވަރު ދިނުމަށް ކޮޓަރިއަށް ވަނުމަށްފަހު، ނުކުންނަމުން ދެއެވެ. ނަމަވެސް އެއީ ކޮން ބައެއް ކަމެއް އަދި އެމީހުން ދައްކަމުން ދިޔައީ ކޮން ވާހަކަތަކެއް ކަމެއްވެސް އަހަރެންނަށް ނޭނގެއެވެ. އެނގޭ ހަމައެކަނި އެއްޗަކީ އަހަރެންނަށް ދެން އަހަރެންގެ ދައްތަ ނުފެންނާނެ ކަމެވެ. އެ ލޯބި ލޯބި ދެއަތުން ދެން އަހަރެންގެ މި ދެ އަތުގައި ފިރުމާ ނުލާނެކަމެވެ. އެ އުޖާލާ މޫނާއި ލޮބުވެތި ހިނިތުންވުން ދެން ނުފެންނާނެ ކަމެވެ. ލޯބިން ހަނާން އޭ ކިޔައި ގޮވާލާ އަޑު ދެން ދުވަހަކުވެސް ނީވޭނެ ކަމެވެ. 

ރޮއި ރޮއި އަހަރެންގެ ލޮލުން ކަރުނަވެސް ހުސްވި ކަހަލައެވެ. ނުވަތަ ރޯންވެސް އަހަރެންނަށް ނޭނގޭ ކަހަލައެވެ. ދައްތަގެ ޚިޔާލުތަކުގައި ގަބުވެފައި އެތައް އިރަކު އިނދެވުނެވެ. ކަފުންކޮށްފައި އޮތް ދައްތަގެ ހަށިގަނޑު އަހަރެންގެ ލޯ ކުރިމަތިން އަދިވެސް ފެންނަ ކަހަލައެވެ. އެ ދައްތަައަށް އަލްވަދާޢު ކިޔުމަށް ދައްތަގެ ނިތްކުރީގައި ފަހު ފަހަރަށް އަހަރެން ބޮސް ދިނީމެވެ. 

އެ ގޮތުގައި އިންދައި ދައްތަ އާއެކު އައިސީޔޫގައި ހޭދަވި ވަގުތުތައް ހަނދާނަށް އައެވެ. ދައްތަގެ ފައިގައި އަހަރެންގެ އަތް ޖައްސާލުމުން ސިހިފައި އެ ފައި ދުރުކޮށްލުމަށްފަހު ކިޔައިދިން އާޔަތެވެ.

{وَالْتَفَّتِ السَّاقُ بِالسَّاقِ} القيامة: 29

”އަދި (މަރުގެ ސަކަރާތުގައި) އެއްފައި އަނެއްފަޔާ އޮޅައިލެވޭހިނދެވެ.“ (75:29)

އެއަށްފަހު އެއާ ޖެހިގެން އިންނަ އާޔަތްވެސް އަހަރެންނަށް ހަނދާނަށް އައެވެ. 

{إِلَىٰ رَبِّكَ يَوْمَئِذٍ الْمَسَاقُ} القيامة: 30

”އެދުވަހުން އެމީހަކު ގެންދެވުންވަނީ، ކަލޭގެފާނުގެ ވެރިރަސްކަލާނގެ حضرة އަށެވެ.“ (75:30)

އަހަރެން އެރޭ ނޫރާގެ ނަމާދު ކޮޓަރިއަށް ވަދެލީމެވެ. ހަމަހިމޭން އެކޮޓަރީގެ ތެރެއިން ކުރެވެމުން ދިޔައީ އަހަރެންގެ އެއްމާބަނޑު ދައްތަ އެކުގައިވާ ކަމުގެ އިހްސާސެވެ. މަންމަގެ ބަނޑުގައި އަހަރެންނާއެކު ނުވަމަސް ދުވަސްވަންދެން އެ ދައްތަ އޮތެވެ. ދުނިޔެއަށް އައުމަށްފަހުގައިވެސް އެކުގައި ލޯބިން އުޅުނެވެ. އަހަރެންގެ އުފާތަކާއި ހިތާމަތައް އެ ދައްތައާއެކު ހިއްސާކުރީމެވެ. ހިތާމަވެރި ދުވަސްތަކުގައި އަހަރެންގެ ހިތަށް ތަސައްލީއެއް ހޯދައިދިނީ އެ ދައްތައެވެ.

އަހަރެންނަށް ހިދާޔަތުގެ ސީދާ މަގު ދެއްކެވުން އެދި، އެ ދައްތަ އެ ކޮޓަރީގެ ތެރޭގައި އެތައް ރެއެއްގެ ނިދި ނަގާލައި ދުޢާކޮށްފައިވެއެވެ. އެވަގުތު އަހަރެންގެ ފާފަތައް ފުއްސަވައި، ރަޙުމަތް ލައްވައި ސީދާ މަގުގައި ސާބިތުކަން ދެއްވުން އެދި އަހަރެންނަށް ދުޢާ ކުރެވުނެވެ. 

އެރޭއަކީ ނޫރާ އޭނާގެ ކަށްވަޅުގައި ހޭދަކުރާ ފުރަތަމުރަތަމަ ރޭ ކަމުން،  އޭނާއަށް ރަޙުމަތްލައްވާ އޭނާގެ ކަށްވަޅު އަލިކޮށްދެއްވުންއެދު ދުޢާކުރެވުނެވެ.

އެވަގުތު އަހަރެންގެ ހިތަށްއެރިއެވެ. ”އަހަރެން މަރުވެއްޖެނަމަ ވާނީ ކިހިނެއް؟ އަހަރެން ދާނީ ކޮންތާކަށް؟“ އެ ޚިޔާލު ތަކުގެ ސަބަބުން ބިރުވެރިކަން އަހަރެން ވަށާލިއެވެ. 

الله اكبر، الله اكبر 

މިސްކިތުން ފަތިސް ނަމާދުގެ ބަންގީގެ އަޑު އިވެން ފެށީ އެވަގުތުއެވެ. އަ އަޑުން މީގެކުރިން އަހަރެންނަށް ނުލިބޭފަދަ ހިތްހަމަޖެހުމެއް ލިބެމުންދިޔައެވެ. އެ ބަންގީގެ ފަހަތުން އަހަރެންވެސް ބަންގި ތަކުރާރު ކުރަމުން ދިޔައީމެވެ.  

އެއަށްފަހު ވުޟޫ ކޮށްލައިގެން ދައްތަގެ ނަމާދު ދޮޅީގައި ދައްތަގެ މުސައްލަ މަތީގައި ނަމާދު ކުރަން ފެށީމެވެ. އެދުވަހު އަހަރެން އެ ނަމާދުކުރީ އެއީ އެންމެ ފަހު ނަމާދު ކަމުގައި ހީކޮށްގެންނެވެ. ވަދާޢީ ނަމާދެއް ފަދައިންނެވެ. އިއްޔެ ނޫރާ ނަމާދު ކުރި ފަދައިންނެވެ. އެއީ އޭނާގެވެސް އެންމެ ފަހު ފަތިސް ނަމާދު ކަމުގައިވިއެވެ.

* * * *

މިހާރު އަހަރެންނަކީ ކުރިންގެ ހަނާނެއް ނޫނެވެ. ހެނދުނު ހޭލެވޭ ހިނދު، ހަވީރު ވަންދެން ދިރިހުރެދާނެ ކަމަކަށް އަހަރެން އުންމީދެއް ނުކުރަމެވެ. އަދި ހަވީރު ވަންދެން ދިރިހުރެވިއްޖެނަމަ، ހެނދުނު ވަންދެން ދިރިހުރެދާނެ ކަމަކަށް އުންމީދެއް ނުކުރަމެވެ. އަހަރެންގެ ޢަމަލުތައް ބަހައްޓަނީ މިއީ އެންމެ ފަހުން އެ ޢަމަލު ކުރާ ފަހަރު ފަދައިންނެވެ.

އަހަރެމެން އެންމެންވެސް ކުރަމުން މިދަނީ ނޫރާގެ ދަތުރެވެ. ސުވާލަކީ އެ ދަތުރަށް އަހަރެމެން ތައްޔާރުވެފައިވަނީ ކިހާވަރަކަށްތޯއެވެ؟

(ނިމުނީ)

Advertisement

ކޮމެންޓް

Advertisement

Advertisement