ސެކިއުލަރިޒަމްގެ ނުރައްކާތެރިކަން -1

04 May 2019 | 18:53

ލިޔުނީ: އައްޝައިޚް އަޙްމަދު ސަމީރު

ސެކިއުލަރިޒަމް ނުވަތަ މިޒަމާނުގެ ޢިލްމާނިއްޔަތު ބިނާވެފައިވަނީ ދީނުގެ ޙުކުމްތަކުން ހަށިފޮޅާލުމުގެ ބާޠިލު ޢަޤީދާގެ މައްޗަށެވެ. މި ފަލްސަފާ ޤަބޫލު ކުރާގޮތުގައި އިންސާނާ އުޅެންވީގޮތެއް އެނގޭނީ އިންސާނާއަށެވެ. އިންސާނާ އުޅޭނެގޮތް ކަނޑައަޅާނީ އިންސާނާގެ ބުއްދިންނެވެ. އެކަން ކަނޑައަޅާކަށް ރަސޫލުން ފޮނުއްވިކަމެއް، އެބޭކަލުންގެ އަތްޕުޅުމައްޗަށް ފޮތާއި ޝަރީޢަތް ބާވައިލެއްވިކަމެއް، މިއީ މިފިކުރުގެ އަހުލުވެރިން ޤަބޫލުކުރާކަމެއް ނޫނެވެ.

އޭގެތެރެއިން ދީނާއި ދައުލަތް ހިންގުން ވަކިކުރެވެއެވެ. އިޤްތިޞާދީ ނިޒާމުގައިވެސް ދީނުގެ އެއްވެސް ޙުކުމެއް ނުހިނގާނެއެވެ. ޙަރާމް ޙަލާލަކީ މި ނިޒާމުގައި ޤަބޫލުކުރާ އެއްޗެއް ނޫނެވެ. ދީނުގައި ވަކިކަމެއް ވާޖިބުވީތީ ކުރަންޖެހޭކަމެއް ނޯންނާނެއެވެ. ނުވަތަ ވަކިކަމެއް ޙަރާމްވެގެން ނުކުރެވޭނެކަމެއްވެސް ނޯންނާނެއެވެ. މިނިޒާމު ފެށިގެން އައީ ހުޅަނގުންނެވެ.

މި ނިޒާމަކީ އިސްލާމީ ތާރީޚުގައި މުސްލިމުން ދަންނަ އެއްޗެއް ނޫނެވެ. އެހެނީ މުސްލިމުންނަކީ އެބައިމީހުންގެ ޙަޔާތުގެ މަޤްޞަދު ރަނގަޅަށް ދަންނަ ބައެކެވެ. އެބަމީހުން ކުރާ ކޮންމެކަމެއްވެސް ކުރަންޖެހޭނީ އިންސާނާ ދުނިޔޭގައި ވުޖޫދުކުރެއްވި މަތިވެރިވަންތަ ﷲ ގެ ރުއްސެވުން ހޯދުމަށްކަމުގައި ޤަބޫލުކުރާ ބައެކެވެ.

ހުޅަނގުގައި މި ފަލްސަފާ ފެށިގެން އައީ ކުރިސްޓިއަން ފާދިރީންގެ ޚުރާފީ ނުފޫޒު މީސްތަކުންގެ މައްޗަށް ގަދަވުމުގެ ސަބަބުން ފައްޅިތަކުގެ ފާދިރީންގެ ކިބައިން މިނިވަންވުމުގެ ގޮތުންނެވެ. އެހެނީ އޮޅުވާލެވިފައިވާ ނަޞާރާދީނުގައި އެބައިމީހުންގެ ޙަޔާތުގެ ކަންކަމަށް ބޭނުންވާ އެކަށީގެންވާ ޙުކުމްތަކެއް ނެތެވެ. ފާދިރީން ޤަބޫލުކުރަމުން ދިޔައީ ބޯދާ ޢަޤީދާތަކެވެ. ނަމަވެސް އިސްލާމްދީނަކީ އެ ދީނެއްގައި އިންސާނާއަށް ބޭނުންވާނެ ހުރިހާކަމެއް ލެއްވި، ހުރިހައިގޮތަކުން ފުރިހަމަކުރެވިފައިވާ އިލާހީ ނިޒާމެކެވެ. އޭގައި އެއްވެސް އުނިކަމެއް ނެތެވެ. އެއީ ހުރިހައި ޒަމާނަކަށް އެކަށީގެންވާ އުޞޫލުތަކާއި ހަމަތަކެއްގެ މައްޗަށް ބާވައިލައްވާފައިވާ މަތިވެރި ޝަރީޢަތެކެވެ.

އިސްލާމްދީނުގައި އިންސާނާގެ ޙަޤީޤަތްކަމުގައިވާ ރޫޙާނިއްޔަތާއި މާއްދިއްޔަތަށް ފުރިހަމައަށް ކާނާދެއެވެ. އެއްވެސް ކަމެއްގައި ޙައްދު ފަހަނައެޅުމެއް ނުވާގޮތުގައެވެ. ދުނިޔޭގެ ބާއްޖަވެރިކަން ހޯދުމުގެ ގޮތުންވިޔަސް އިސްލާމްދީނުގެ ކުދިބޮޑު އެއްވެސް ޙުކުމްފުޅަކުން ހަށިފޮޅާލަން ޖެހޭސަބަބެއް ނެތެވެ.

އައު އީޖާދުތަކާއި އިންސާނުން ކުރީގައި ނުދަން އެތައް ފަންނަކާއި ހޯދުންތަކެއްގެ އަޞްލަކީ އިސްލާމީ ޢިލްމުވެރިންނާއި މުފައްކިރުން އިންސާނިއްޔަތަށް ގެނެސްދީފައިވާ އަގުބޮޑު ހަދިޔާއެކެވެ. މިއީ އިންކާރުކުރެވެން ނެތް ޙަޤީޤަތެކެވެ.

ވީމާ ޢިލްމީ ޙަޤީޤަތަކާ އިސްލާމްދީން ފުށުއެއް ނާރާނެއެވެ. ވީއިރު އިންސާނާއަށް ތަހުޒިބުވެވޭނީ އިސްލާމްދީނުގެ ހަމަތަކުގައި ހިފަހައްޓައިގެންނެވެ. އެނޫންގޮތަކުން ބާއްޖަވެރިކަން ހޯދަން އިންސާނާ ޤަޞްދުކޮށްފިނަމަ އަބަދުވެސް ކުރިމަތިވާނީ އަބާއްޖަވެރިކަމެވެ. ދުނިޔެއާއި އާޚިރަތުވެސް ގެއްލިދާނެކަން ޔަޤީނެވެ. ޙަޔާތުގެ މަޤްޞަދުވެސް ގެއްލިދާނެއެވެ.

(ނުނިމޭ)

Advertisement

ކޮމެންޓް

Advertisement