ދީން
28 May 2025 | 11:48
ޛުލްޙިއްޖާ މަހުގެ ފުރަތަމަ 10 ދުވަހު ކުރެވިދާނެ ބައެއް ހެޔޮ ކަންކަން

اللهُގެ ޙަޟުރަތުގައި އެންމެ ލޮބުވެތިވެގެންވާ މައްސަރުތަކަކީ ޙުރުމަތްތެރިވެގެންވާ މައްސަރުތަކެވެ. އެ މައްސަރުތަކުގެ ތެރެއިން އެންމެ ލޮބުވެތިކަން ބޮޑު މައްސަރަކީ ޙައްޖު މަހެވެ. ޙައްޖު މަހުގެ އެންމެ މާތް ދުވަސްތަކަކަކީ އެ މަހުގެ ފުރަތަމަ ދިހަ ދުވަހެވެ. މި ކަން ބަޔާންކުރައްވައި، މާތް الله ވަޙީކުރައްވައިފައިވާ ބަސްފުޅުގެ މާނާގައިވެއެވެ.

"ފަތިސް ގަންދެއްވަމެވެ. އަދި ދިހަ ރޭ ގަންދެއްވަމެވެ."

الله سُبْحَانَه وَتَعَالَى މި އާޔަތްތަކުގައި، ހަނދާންކޮށްދެއްވަނީ މުސްލިމުންނަށް ޓަކައި ލައްވަވައިފައިވާ ހެޔޮކަމުގެ މޫސުމެއްގެ މަތީންނެވެ. އެކަލާނގެ އަޅަމެންނަށް ގޮވައިލައްވަނީ، އެކަލާނގެ ޙަޟުރަތަށް އަލުން އައުމަށެވެ. ޢިލްމުވެރީން ވިދާޅުވާ ގޮތުގައި މި ދިހަ ރެއަކީ، ޙައްޖުމަހުގެ ފުރަތަ ދިހަ ރެއެވެ. މި ދިހަ ދުވަހަކީ މާތް الله މި ދުނިޔޭގައި ލައްވައިފައިވާ އެންމެ މާތް ދުވަސްތަކެވެ.

މި ކަން ބަޔާންކޮށްދެއްވައި މާތް ނަބިއްޔާ ﷺ ޙަދީޘްކުރައްވައިފައި ވެއެވެ. (مَا مِنْ أَيَّامِ نِالْعَمَلُ الصَّالِحُ فِيْهِنَّ أَحَبُّ إِلَى اللّٰهِ مِنْ هَـٰذِهِ الْأَيَّامِ الْعَشْرِ. فَقَالُوْا يَا رَسُوْلَ اللّٰهِ، وَلَا الْجِهَادُ فِيْ سَبِيْلِ اللَّهِ؟ فَقَالَ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ: وَلَا الْجِهَادُ فِيْ سَبِيْلِ اللَّهِ، إِلَّا رَجُلٌ خَرَجَ بِنَفْسِهِ وَمَالِهِ، فَلَمْ يَرْجِعْ مِنْ ذَلِكَ بِشَيْءٍ)

މާނައީ: "މި ދިހަ ދުވަހަށް ވުރެ، اللهގެ ޙަޟުރަތުގައި ޞާލިޙު ޢަމަލުތައްކުރުން ލޮބުވެތިކަން ބޮޑުވެގެންވާ ދުވަސްތަކެއްނުވެއެވެ. އެ ބޭކަލުން ދެންނެވޫއެވެ. އޭ اللهގެ ރަސޫލާއެވެ! اللهގެ މަގުގައި ޖިހާދުކުރުމަށްވުރެ ވެސް ތޯއެވެ؟ ޙަދީޘްކުރެއްވިއެވެ. اللهގެ މަގުގައި ޖިހާދުކުރުމަށް ވުރެ ވެސް މެއެވެ. އޭނާގެ ނަފުސާއި މުދާ ހިފައިގެން ނުކުމެ، އެއިން އެއްވެސް އެއްޗަކާއިގެން އެނބުރި ނައި މީހާ ފިޔަވައެވެ."

މާތް ވެގެންވާ ދުވަސްތަކުގައި ކުރެވިދާނެ ބައެެއް ހެޔޮ ޢަމަލުތައް

މި ދުވަސްތަކުގައި ކުރެވޭން އޮތް ޞާލިޙު ޢަމަލުތަކުގެ ތެރޭގައި ރޯދަހިފުން ހިމެނެއެވެ. ކީރިތި ރަސޫލާ ﷺ ގެ އަނބިއަނބިކަނބަލުންގެ އަރިހުން ވާރިދުވެފައި ވެއެވެ.

"އެކަލޭގެފާނު ޙައްޖު މަހުގެ ނުވަ ވަނަ ދުވަހާއި، ޢާޝޫރާ ދުވަހާއި، ކޮންމެ މަހަކު ތިން ދުވަހު ރޯދަފުޅު ހިއްޕެވިއެވެ."

އެކަލޭގެފާނު ޙަދީޘްކުރައްވައިފައި ވެއެވެ. (صَوْمُ يَوْمِ عَرَفَةَ يُكَفِّرُ سَنَتَيْنِ مَاضِيَةً وَمُسْتَقْبَلَةً، وَصَوْمُ عَاشُوْرَاءَ يُكَفِّرُ سَنَةً وَاحِدَةً مَاضِيَةً)

މާނައީ: "(ޙައްޖުވެރިޔާ ނޫން މީހާ) ޢަރަފާތު ދުވަހު ރޯދަހިފުމަކީ، ވޭތުވެ ދިޔަ އަހަރާއި ކުރިއަށް އޮތް އަހަރުގެ ކުދި ފާފަތައް ފުއްސަވައިދެއްވާނޭ ކަމެކެވެ. އަދި ޢާޝޫރާ ދުވަހު ރޯދަހިފުމަކީ ވޭތުވެ ދިޔަ އަހަރުގެ ކުދި ފާފަތައް ފުއްސަވައިދެއްވާނޭ ކަމެކެވެ."

1) ޛިކުރު ކުރުމާއި ތަކުބީރު ކިޔުން

މި ދިހަ ދުވަހު ކުރުން އިތުރުވެގެންވާ ހެޔޮ ޢަމަލުތަކުގެ ތެރޭގައި މާތް اللهއަށް ޒިކުރުކުރުން ހިމެނެއެވެ. اللهُ تَعَالَىގެ ޙަޟުރަތުގައި އެންމެ ލޮބުވެތިކަން ބޮޑު ޢަމަލަކީ ޒިކުރުކުރުމެވެ. އެއީ މުއުމިނު އަޅާގެ އަތުގައިވާ އެންމެ ވަރުގަދަ ހަތިޔާރެވެ. އަދި އެއީ ދުނިޔެއާއި އާޚިރަތުގައި އެ ކަމުގެ ސަބަބުން ނަޖާވުން ލިބޭނޭ ކަމެކެވެ.

ޒިކުރުކުރާ މީހާ، ކުފުރުގެ ނުބައި އަނދަވަޅަށް ވެއްޓުމުންނާއި، ޝައިޠާނާގެ މަޅީގައި ޖެހުމުންނާއި، ނަރަކައިގެ ގިންޏާއި ހިލަތަކުގެ ހޫނުން ރައްކައުތެރިކޮށްދޭނެއެވެ. މާތް اللهއަށް ޒިކުރުކުރާ މީހާގެ މައްޗަށް މާތް اللهގެ ރަޙުމަތާއި މަލާއިކަތުންގެ ހެޔޮ ދުޢާ ލިބިގެންވާނެތެވެ. މާތް الله ފަރުޟުކުރެއްވި އެންމެހައި އަޅުކަންތަކާއި ޛިކުރުކުރުމާ ދެމެދުގައި ހަރުދަނާ ގުޅުމެއްވެއެވެ

މީގެ އިތުރުން، ޛުލްޙިއްޖާ މަހުގެ ފުރަތަމަ ދިހަ ދުވަހު ތަކްބީރު ("އައްލާހު އަކްބަރު")، ތަޙްމީދު ("އަލްޙަމްދު ލިއްލާހި")، ތަހްލީލު ("ލާ އިލާހަ އިއްލަﷲ") އަދި ތަސްބީޙު ("ސުބްޙާނަﷲ") ކިޔުމަކީ ސުންނަތެކެވެ.

އެގޮތުން، މިސްކިތުގައާއި، ގޭގައާއި، މަގުމަތީގައި، الله ހަނދާންކޮށް އެކަލާނގެ ނަންފުޅު މަތިވެރިކޮށް، ހަޑިހުތުރު ނޫން ކޮންމެ ތަނެއްގައި މަތިވެރިވެގެންވާ الله އަށް އަޅުކަން ކުރުމުގެ ގޮތުންނާއި އެކަލާނގެ މަތިވެރި ކުރުމުގެ ގޮތުން ތަކުބީރު ކިޔުމަކީ ސުންނަތެކެވެ.

ފިރިހެނުން މިބަސްތައް އަޑުހަރުކޮށް ކިޔަންވާނެއެވެ. އަދި އަންހެނުން ކިޔަންވާނީ މަޑުންނެވެ. 

2) ގިނަގިނައިން ތައުބާވުން

މި ދިހަ ދުވަހު ކުރަންޖެހޭ އެންމެ މުހިންމު ކަންތައްތަކުގެ ތެރޭގައި اللهއަށް އިޚްލާޞްތެރިކަމާއެކު ތައުބާވުމާއި، ފާފަތަކާއި ދުރުހެލިވެ ފާފަތައް ކުރުން ދޫކޮށްލުން ހިމެނެއެވެ. ތައުބާވުމަކީ اللهގެ މަގަށް ރުޖޫޢަވުމާއި، ކުރެވުނު ފާފަތަކާމެދު ހިތާމަކުރުމާއެކު، އެކަލާނގެ ނުރުއްސަވާ ޢަމަލުތައް ފާޅުގަޔާއި ސިއްރުގައި ކުރުން ހުއްޓާލުމެވެ. އަދި، އެފަދަ ޢަމަލުތަކަށް އަލުން ރުޖޫޢަ ނުވުމަށް ޢަޒުމު ކަނޑައެޅުމާއި، الله ލޯބިވެވޮޑިގަންނަވާ ކަންތައްތައް ކުރުމުގައި ސާބިތުވެ ހުރުމެވެ. 

3) ރޭ އަޅުކަން ކުރުން

މި ރޭތަކަކީ އަހަރުގެ އެންމެ ހެޔޮވެގެންވާ ރޭތަކުގެ ތެރެއިން ބައެކެވެ. މި ރޭތަކުގައި ގިނަގިނައިން ނަމާދުތައް ކުރުމާއި، ޤުރުއާން ކިޔެވުމާއި، ފާފަފުއްސެވުމަށް އެދުން ގިނަ ކުރާށެވެ. ރަމަޟާން މަހުގެ ލައިލަތުލް ޤަދުރު ހޯދުމަށް މަސައްކަތްކުރާ ފަދައިން، މި ރޭތަކުގެ ދަރުމަ ހޯދުމަށްވެސް ގަދައަޅައި މަސައްކަތް ކުރަންވާނެއެވެ. 

4) ޞަދަޤާތް ދިނުން

މާތްވެގެންވާ ދުވަސްތަކުގައި ދެވޭ ޞަދަޤާތުގެ ދަރުމަ އިތުރުވެގެންދާ ކަމަށް ޢިލްމުވެރިން ވިދާޅުވެއެވެ. އެހެންކަމުން، އިޚްލާސްތެރި ނިޔަތަކާއެކު ކިތަންމެ ކުޑަ މިންވަރަކުން ނަމަވެސް ޞަދަޤާތް ކުރުމަކީ ގިނަ ގުނަ ސަވާބު ލިބޭނެ ކަމެކެވެ.

5) ގިނަ ގިނައިން ޤުރުއާން ކިޔެވުން

ޤުރުއާން ކިޔެވުމާއި ޤުރުއާނުގައި މާތް الله އަންގަވާފައިވާ ކަންކަމާމެދު ވިސްނައި ފިކުރުކުރުން މި ދުވަސްތަކުގައި އިތުރުކުރަންޖެހެއެވެ. އެގޮތުން ކޮންމެ ދުވަހަކު ޤުރުއާން ކިޔަވައި ޤުރުއާނާއި އެއްގޮތަށް ތިމާގެ ދިރިއުޅުން ބައްޓަންކުރަން ޖެހެއެވެ. 

ތިމާއަށް ވެގެން ވާނަމަ، މި ދުވަސްތަކުގައި ޚަތިމެއް ކުރެވޭތޯވެސް މަސައްކަތްކުރާށެވެ. 

6) ގިނަގިނައިން ދުޢާކުރުން

ތިމާ އެދޭ ކަންކަން މާތް الله ދަންނަވައި ދުޢާ ކުރުމުންމަތީ ދެމިހުރުމަކީ މޮ ދުވަސްތަކުގައި ކުރެވޭނެ މުހިންމު ކަމެކެވެ. ބޭނުންވާ ކަންކަމަށް އެދި اللهގެ ހަޟުރަތުގައި ދަންނަވާ މީހުންދެކެ އެކަލާނގެ ލޯބިވެވޮޑިގަންނަވައެވެ. އަދި މި ބަރަކާތްތެރި ދުވަސްތަކުގައި އެކަލާނގެ ރަޙްމަތް ވަކިން ޚާއްޞަކޮށް އިތުރުވެގެންވެއެވެ.

އެހެންކަމުން، ހިތުގައިވާ އެދުންތަކާއި، ބޭނުންތަކާއި، އުންމީދުތައް الله އަށް ދަންނަވާށެވެ. އަދި ތިބާގެ އާއިލާއަށާއި، ރަޙްމަތްތެރިންނަށާއި، އުއްމަތަށް ދުޢާކުރުމަށްވެސް ހަނދާންކުރާށެވެ.

ޙައްޖަށް ދިއުމުގެ ކުޅަދާނަކަން ނެތް މީހުންވެސް މި ބަރަކާތްތެރި ދުވަސްތަކުގައި الله އަށް އަޅުކަން ކުރުމާއި، ނަމާދުކުރުމާއި، ޤުރުއާން ކިޔެވުމާއި، الله ހަނދާންކުރުމާއި، ދުޢާކުރުމާއި، ޞަދަޤާތްދިނުމާއި، މައިންބަފައިންނަށް ހެޔޮކޮށް ހިތުމާއި، ގާތްތިމާގެ ކަމުގެ ގުޅުން ބަދަހިކުކުރުމާއި، ހެޔޮކަންތައް އަމުރުކޮށް ނުބައި ކަންތައް ނަހީކުރުމާއި، އަދި އެހެނިހެން ހެޔޮ ޢަމަލުތަކާއި އަޅުކަންތަކުގައި އުޅެންވާނެއެވެ.

މުސްލިމުންނަށް މާތް الله ދެއްވާ ފުރުޞަތުތަކުގެ ބޭނުން ރަނގަޅަށް ހިފައި، މި ފަދަ ހެޔޮ ކަން ބޮޑު ދުވަސްތަކުގައި ޞާލިޙު ޢަމަލުތައް ގިނަކޮށް މާތް اللهގެ ޙަޟުރަތުގައި، މަތީ ދަރަޖައެއް ލިބޭތޯ ވާދަކުރާށެވެ!

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Oct 2026
މޫނު ނިވާކޮށްގެން ތިބި ބަޔަކު ގެއަކަށް ވަދެ ތިންލައްކައެއްހާ ރުފިޔާ ފޭރިގެންފި
ވޮއިސްއަށް އެނގިފައިވާ މޫނު ނިވާކޮށްގެން ތިބި ދެ މީހަކު އެ ގެއަށް ވަދެ ތިންލައްކައެއްހާ ރުފިޔާ ފޭރިފައިވެ އެވެ.
09 Oct 2026
އަދީބު ވިދާޅުވެ ދެއްވީ ރާއްޖޭގެ ޑްރަގްގެ ހާލަތު؛ މިހާރު ބޭނުންކުރަނީ ދެ ބާވަތް އެއްކޮށް، ވަރަށް ނުރައްކާ
އެއަށްވުރެ ނުރައްކާތެރި ކަމެއްގެ ގޮތުގައި އަދީބު ފާހަގަ ކުރެއްވީ ގިނަ މީހުން މިހާރު ޑްރަގް ނަގާ ގޮތެވެ. އަދީބު ވިދާޅުވި ގޮތުގައި ގިނަ މީހުން މިހާރު މަސްތުވަނީ ދެ ބާވަތެއް އެއްކޮށްގެންނެވެ.
09 Oct 2026
ނިމިގެންދިޔައީ ބީއެމްއެލްގެ ތާރީހުގައި އެންމެ ކާމިޔާބު ނުވަ މަސް
މި އަހަރުގެ ފުރަތަމަ ނުވަ މަސްދުވަހަކީ ބީއެމްއެލްގެ ތާރީހުގައި އެންމެ ކާމިޔާބު ނުވަ މަސް ކަަމަށް އެ ބެންކުން ބުނެފި އެވެ.
09 Oct 2026
އަޒޭއާ ޖުމާއާ ރޯމަންއަށް ގިނަ ތުހުމަތުތަކެއް؛ ޑްރަގްގެ ތިން ބާވަތަކަށް ޕޮޒިޓިވް
އެ މީހުންގެ މައްޗަށް މަސްތުވާތަކެތި ބޭނުންކޮށް ގެންގުޅުމާއި އެތަކެތީގެ ވިޔަފާރިކޮށް ޓްރެފިކް ކުރުމުގެ ތުހުމަތު ކުރެ އެވެ.
09 Oct 2026
ވިލިމާލޭގައި ޒަމާނީ އައު މިސްކިތެއް, 1000 މީހުންގެ ޖާގަ, ދެ ކުލާސްރޫމް ހުންނާނެ
ފިޔަ ފައުންޑޭޝަންއިން ބިނާ ކުރާ މި މިސްކިތަކީ 1000 މީހުންނަށް ނަމާދު ކުރެވޭ މިސްކިތެކެވެ.
09 Oct 2026
ހަގީގަތުގައިވެސް އިބޫގެ ތާއީދު ފައިސަލްއަށް އެބައޮތްހެއްޔެވެ؟
މިއަދު ހެނދުނު ރާއްޖޭގެ މަޝްހޫރު ޓީވީ ޗެނަލެއްގައި އެމްޑީޕީގެ ރިޔާސީ ޓިކެޓަށް ވާދަކުރައްވާނެކަން ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމު އިއުލާންކުރެއްވި މަންޒަރު ފެނުނެވެ. ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިޙްގެ ތާއީދާއެކު ފައިސަލް ނަސީމާއި އާދަމް އާޒިމްގެ ޕެއަރ ނިކުންނަ ވާހަކަތަކުގެ އަޑު ސިޔާސީ މަސްރަހުގައި ހަރުލާފައި ހުންނަތާ ދުވަސްކޮޅެއް ވެއްޖެއެވެ.
09 Oct 2026
އަލް-ޢަސްރުގެ ނަމާދު ވޯކްޝޮޕް މިފަހަރު ށ. މަރޮށީގައި ބާއްވަނީ
ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ޖަމްޢިއްޔާއެއް ކަމަށްވާ އަލް-ޢަސްރުން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ "ލޯތަކުގެ ފިނިކަން" ނަމާދު ވޯކްޝޮޕް، ށ. މަރޮށީގައި ބޭއްވުމަށް ނިންމައިފިއެވެ.
09 Oct 2026
ސައުދީ އެއާޕޯޓަކަށް ދިން ހަމަލާތަކެއްގައި ޕައިލެޓަކާއެކު ތިން މީހުން މަރުވެއްޖެ
ސައުދީ އަރަބިއްޔާގެ ވެރިރަށް ރިޔާޒުގައި ހުންނަ ކިންގް ޚާލިދު އިންޓަނޭޝަނަލް އެއާޕޯޓަށް އަމާޒުކޮށް ދިން ދެ ހަމަލާއެއްގައި، ޕައިލެޓަކު ހިމެނޭހެން ތިން މީހަކު މަރުވެއްޖެ ކަމަށް އެ ޤައުމުގެ ސިވިލް އޭވިއޭޝަން އޮތޯރިޓީން ހާމަކޮށްފިއެވެ.