ނިޔާވީ ސިފައިންގޭގައި 27 އަހަރުވީ އޮފިސަރެއް، ރައީސްގެ ތައުޒިޔާ

މި ހާދިސާގައި ނިޔާވި ސިފައިންގެ އޮފިސަރު

ކާށިދޫ ކަނޑަށް ލޭންޑިން ކްރާފްޓެއް ބަންޑޫން ޖަހާލި ހާދިސާގައި ނިޔާވި ގައުމީ ދިފާއީ ބާރުގެ ވޮރަންޓް އޮފިސާ 2 އަލީ ހާމިދުގެ އާއިލާއަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ތައުޒިޔާ ވިދާޅުވެއްޖެ އެވެ.

ސިވެކްގެ ލޭންޑިން ކްރާފުޓް "އެލްސީ 308" އިން 5 މީހަކު ދަތުރުކުރިއެވެ. އެ އުޅަނދު ބަންޑުން ޖަހާލާފައިވަނީ 13:30 ހާއިރުއެވެ. މި ހާދިސާގައި އަލީ ހާމިދު ނިޔާވުމާއި ގުޅިގެން ރައީސް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ހާމިދު, މި ދުނިޔެ އާއި ވަކިވެގެންދިއުމަކީ އެމަނިކުފާނަށް ވަރަށް ފުން ހިތާމައެއް ކުރުވި ކަމެއް ކަމަށެވެ.

ހާމިދު ވަނީ ދިވެހި އަސްކަރިއްޔާއަށް ޝަރަފުވެރިކަމާއެކު 27 އަހަރު ހިދުމަތް ކުރައްވާފައިވާކަން ފާހަގަ ކުރައްވާ އޭނާ ދެމިއޮތުމުގެ އާލަމަށް ދަތުރުކުރެއްވީ ވެސް ގައުމީ ހިދުމަތަށްޓަކައި ސިފައިންގެ ޑިއުޓީގައި އުޅުއްވަނިކޮށް ކަން ރައީސް ވަނީ ފާހަގަ ކުރައްވާފަ އެވެ.

"މި ހިތާމަވެރި ދަނޑިވަޅުގައި ޢާއިލާއާއި މުއައްސަސާއާއި އެކު މި ފުން ހިތާމައިގައި ބައިވެރިވެ، މަރުހޫމުގެ ފުރާނަފުޅަށް ހެޔޮ ރަހްމަތް ލެއްވުމަށާއި އާއިލާއަށް ކެތްތެރިކަން އިތުރުކޮއްދެއްވުން އެދި ދުއާ ކުރަމެވެ," ރައީސްގެ ޕޯސްޓްގައި ލިޔުއްވާފައިވެ އެވެ.

ކޮމެންޓް