ފުރަތަމަ ފިރިހެން ދަރިފުޅު 8 މަހުގައި ނިޔާވުން. އައިޖީއެމްއެޗަށް އިހުމާލުގެ ތުހުމަތުތަކާއެކު، މައްސަލަ ބަލަނީ

އައިޖީއެމް ހޮސްޕިޓަލް: ފޮޓޯ/ ވޮއިސް

ދެމަފިރިއެއްގެ ފުރަތަމަ ފިރިހެން ދަރިފުޅު އެންމެ 8 މަހުގައި ނިޔާވުމުގައި އައިޖީއެމްއެޗުގެ އިހުމާލު އޮތް ކަމަށް ތުހުމަތުވާ މައްސަލަ އެ ހޮސްޕިޓަލުން ބަލަން ފަށައިފިއެވެ. 

މީގެ ހަފްތާއެއްހާ ކުރިން ހިނގި މި ހާދިސާއާއި ގުޅޭ ގޮތުން ކުއްޖާގެ އާއިލާގެ ފަރާތުން މީސްމީޑިއާގައި ކުރި ޕޯސްޓެއްގައި ވަނީ އައިޖީއެމްއެޗަށް ބޮޑެތި ތުހުމަތު ތަކެއް ކޮށްފައެވެ. 

އެގޮތުން، ސިއްޙަތު އެންމެ ރަނގަޅަށް ހުރި ތުއްތު ދަރިފުޅު ހޮޑުލައި، އަބަދުހެން ރޮވޭ ގޮތްވެ، ނުކެވޭތީ ކުއްޖާ ހޮސްޕިޓަލަށް ދެއްކުމުން އެންމެ ފުރަތަމަ ދެފަހަރުވެސް ބޭސް ދީފައި ގެއަށް ފޮނުވާލީ ކަމަށާ، ނަމަވެސް ހާލު ރަނގަޅު ނުވާތީ ތިންވަނަ ފަހަރަށް، މިމަހު 20 ވަނަ ދުވަހު ހޮސްޕިޓަލަށް ދެއްކުމުން އެޑްމިޓްކޮށް އައިވީ ގުޅީ ކަމަށް އާއިލާއިން ބުނެފައިވެއެވެ.

އަދި އެފަހުން ކުއްޖާގެ ލޭ ނަގައި ޓެސްޓުތައްވެސް ހެދި ނަމަވެސް އޭގެ ނަތީޖާ އާއިލާއާ ހިއްސާ ނުކުރާ ކަމަށް  ބުނެފައިވެއެވެ. 

އައިވީ ގުޅާފައި އޮތް އިރުވެސް އެ ކުއްޖާ ގަވާއިދުން ބުއްފުޅި ބޯ ކަމަށާ، ނަމަވެސް ހާލަތު އިތުރަށް ގޯސްވެ އެޑްމިޓް ކުރިތާ ދެވަނަ ދުވަހު ކުއްޖާ ދުޅަވެ، ފުފެން ފެށި ކަމަށް އާއިލާއިން ބުންޏެވެ.

އެޑްމިޓް ކުރިތާ ދެދުވަސް ވީއިރު ކުއްޖާގެ މުޅި ހަށިގަނޑު އޮތީ ‘ބްލޯޓް’ ވެފައި. ހޮސްޕިޓަލުގެ މެޑިކަލް އޮފިސަރުން ސާމްޕަލްތައް ނަގުވައި، ޓެސްޓުތައް ހަދާފައި ބުނަނީ އިންފެކްޝަން އުފެދިގެންނޭ އެހެންވީ. އެކަމަކު ކޮންތާކު؟ކިހިނެއް؟ ނުވަތަ ކީއްވެ ވީ ކަމެއް ކަމެއް ނުބުނޭ. ހަމައެކަނި އިންފެކްޝަން އެކޭ ބުނެ އަޅާނުލާ.

ތިންވަނަ އަށްވީ ދުވަހު، ކުއްޖާގެ ދުޅަ މައިތިރިވި ކަމަށާ ނަމަވެސް، އޭރުވެސް ބަނޑު ހުރީ ފުފިފައެވެ. އެހެންކަމުން، ޓެސްޓުތަކުގެ ނަތީޖާ ހިއްސާ ކުރުމަށް އާއިލާއިން ހޮސްޕިޓަލުގައި އާދޭސް ކުރުމުން ދިން ޖަވާބަކީ، ކުއްޖާ ދުޅަވީ ހަށިގަނޑުގައި ފުލުއިޑް ގިނަވެގެން ކަމަށާ، އަދި ލިވާގައި ހުންނަންޖެހޭ އެންޒައިމެއްވެސް ހުންނަންޖެހޭ ވަރަށްވުރެ މަތިވުމުން ކަމަށް ހޮސްޕިޓަލުން ބުނި ކަމަށް ޢާއިލާގެ ފަރާތުން ބުނެފައިވެއެވެ. ނަމަވެސް އެއީ ކޮން އެންޒައިމް އެއް ކަމާއި، އޭގެ ބޭނުމާއި އެފަދަ އެއްވެސް މައުލޫމާތެއް ހިއްސާ ނުކުރާކަން އާއިލާއިން ފާހަގަކޮށްފައިވެއެވެ. 

ހަތަރުވަނަ ދުވަހު ކުއްޖާއަށް ލޯވެސް ހުޅުވައި ނުލެވޭ. ނުހުޅުވައި އޮވެގެން ރޮނީ. ފަސް ވަނަ ދުވަހު ހާލަތު އިތުރަށް ގޯސްވުމުން، އާއިލާއިން ކަންބޮޑުވެ، ނަރުހުންނަށް ‘ހަޅޭލަވަން’ ފެށުމުން ޑރ. ފައިސަލް އައީ ކުއްޖާ ބަލަން.

އާއިލާއިން ބުނެފައިވާގޮތުން، އޭގެ ކުރިން ކުއއޖާގެ ހާލަތު ބަލަން އައިސްފައިވަނީ މެޑިކަލް އޮފިސަރުންނެވެ. ކުޑަކުދިންގެ ޚާއްސަ ޑޮކްޓަރެއް ގެނެސްދިނުމަށް އެދުމުންވެސް އޭރު އެކަމެއް ނުކޮށް ދިނެވެ. 

އެހާލަތުގައި، ކުއްޖާ ގޮވައިގެން ބޭރަށް ފުރަން، އާސަންދަ ހަމަޖައްސައި އެންސްޕާގެ އެހީ ހޯދަން މަސައްކަތް ފެށިއިރު، އެހީ ލިބުނުކަން އަންގައި އެންސްޕާއިން ގުޅިއިރު ކުއްޖާ ނިޔާވެފައިވާ ކަމަށް އާއިލާ ވަނީ ބުނެފައެވެ. 

މި ހާދިސާއާ ގުޅޭ ގޮތުން، ވޮއިސް އިން ސުވާލު ކުރުމުން އައިޖީއެމްއެޗްގެ ސީއީއޯ ހަލީމް ވިދާޅުވީ އެ މައްސަލަ ސީރިއަސް މައްސަލަ އެއްގެ ގޮތުގައި ބަލަން ފަށާފައިވާ ކަމަށެވެ. ނަމަވެސް އިތުރު ތަފްސީލެއް ނުދެއްވައެވެ. 

ކޮމެންޓް