ހުޅުމާލެ ފޭސް 2ގެ އަތިރިމަތީގައި ޕިކްނިކް ހެދުމަށްފަހު ސަރަހައްދަށް ކުނިއަޅާފައި / ފޮޓޯ: ވޮއިސް
ލައިފްސްޓައިލް
22 Jul 2025 | 09:37
ކުނިއެޅުން: އުޅެ އުޅެވެސް ނުހުއްޓުނު އާދައެއްތަ؟


ޕާކުތަކާއި، މަގުތަކާއި، ގޮނޑުދޮށްތަކާއި، އަދި މިނޫންވެސް އާންމުން އެއްވެ އުޅޭ ސަރަހައްދުތައް ރީތިކޮށް ބޭއްވުމަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ ކުނީގެ މައްސަލައެވެ. އާންމުކޮށް މިގޮތަށް އުކާލާ ކުނީގެ ގޮތުގައި ފާހަގަކޮށްލެވެނީ ކާއެއްޗެހި ބަންދުކުރާ ޕްލާސްޓިކް ޕެކެޓް، ޕްލާސްޓިކް ފުޅި، ސިނގިރެޓް ފިލްޓަރ އަދި އެއްފަހަރު ބޭނުން ކުރެވޭ ކަރުދާސް ތަށި ފަދަތަކެއްޗެވެ. މި މައްސަލައަކީ ވަކި ރަށަކަށް ނުވަތަ ތަނަކަށް ދިމާވެފައިވާ މައްސަލައެއް ނޫނެވެ. އަތޮޅުތެރޭގެ ރަށްތަކުގެ ގޮނޑުދޮށްތަކުން ފެށިގެން ގޮސް "ތަރައްގީވެ ތަހުޒީބު" ވެފައިވާ މާލެ އާއި ހުޅުމާލޭގެ އެކި ހިސާބު ތަކަށް ބަލާލި ނަމަވެސް މިކަން ވަރަށް ރަނގަޅަށް ފެނިގެންދެއެވެ. މިކަމުންވެސް ދޭހަވެގެންދަނީ، މިއީ ތަނުގެ ތަހުޒީބާ ގުޅިފައިވާ ކަމެއް ނޫން ކަމެވެ. މިކަމަކީ ތަނުގަ ދިރިއުޅޭ މީހުންގެ ވިސްނުމާއި ފިކުރުގެ ތަހުޒީބާ ގުޅިފައިވާކަމެއްކަމެވެ.

މިއީ ތިމާވެއްޓާއި ތަނުގެ މާހައުލުގެ މައްސަލައެއް ނޫނެވެ. މިއީ ތިމާވެއްޓާއި މާހައުލަށް ދިމާވެފައިވާ މައްސަލައެކެވެ. މިއީ މިހާރު އާންމު އުނދަގުލަކަށް ވެފައިވާ އިޖުތިމާއީ ބޮޑު މައްސަލައެކެވެ. މިއީ އެ މާހައުލެއްގައި ދިރިއުޅޭ މީހުންގެ ޒިންމާދާރުކަން ކުޑަ ކަމާއި ދިރިއުޅޭ މާހައުލާއި އަދި އެހެންމީހުންނަށް ޤަދަރުކުރަން ނޭނގުމުގެ ސަބަބުން ދިމާވާ މައްސަލައެކެވެ. ސާފުތާހިރުކަމުގެ އާދަ ކުޑަކޮށްވެސް ހަރުލާފައި ނެތުމުގެ ސަބަބުން ދިމާވެފައިވާ މައްސަލައެކެވެ.

ހުޅުމާލެ ފޭސް 2ގެ އަތިރިމަތީގައި ޕިކްނިކް ހެދުމަށްފަހު ސަރަހައްދަށް ކުނިއަޅާފައި / ފޮޓޯ: ވޮއިސް

އެތަން މިތަނަށް ކުނިއެޅުން ހުއްޓުވުމަށް ގަވާއިދުތަކެއް ކަނޑައެޅިފައިވެއެވެ. އަދި އެކިހިސާބުތަކުގައި، ކުނި ނޭޅުމަށާއި ކުނި އެޅުމަށް ހާއްސަ ކުރެވިފައިވާ ޑަސްބިން ބޭނުން ކުރުމަށް ހަނދާންކޮށްދިނުމުގެ ގޮތުން ނޯޓިސް ބޯޑުތަކާއި ޑަސްބިންތައް ބެހެއްޓިފައި ހުރެއެވެ. ކަމުގެ ނުރަނގަޅުކަމާއި ލިބޭ ގެއްލުންތަކަށް ހޭލުންތެރި ކުރުވުމަށް ޕްރޮގްރާމްތައްވެސް ހިންގައެވެ. މުއައްސަސާތަކުން ރަށުތެރެ ސާފު ކުރުމުގެ ޕްރޮގްރާމްތައް ދޭތެރެއަކުން ބާއްވައެވެ. މީގެ އިތުރުން ގްރޭޓަރ މާލެ ސަރަހައްދު ސާފުތާހިރުކޮށް ބޭވުމަށް ވެމްކޯގެ މުވައްޒިފުން ރެޔާއި ދުވާލު ވަރަށް ބުރަކޮށް މަސައްކަތް ކުރަމުން ދެއެވެ. ނަމަވެސް މި މައްސަލައަކަށް ހައްލެއް ނުލިބެއެވެ. މިހާލަތައް ކަންތައް ދިޔުމުން މިއީ ކަމަށް ހޭލުންތެރި ކުރެވިފަ ނެތީމައެކޭވެސް ނުބުނެވޭއެވެ.

މިކަން އާންމު ކަމަކަށްވެ، ނުހުއްޓިގެން މިއުޅެނީ ކީއްވެތަ؟

ކަންނެތްކަން: ކުނިއެޅުމަކީ މިހާރު ބައެއް މީހުންގެ ކަށީގަ ހަރުލާފަ ހުންނަ އާދައަކަށް ވެއްޖެއެވެ. ޑަސްބިނަކާއި ހިސާބަށްގޮސް ޑަސްބިނައް ކުނިއެޅުން އެމީހުންނަށް ވަނީ މާބޮޑުކަމަކަށެވެ. މިދެކެވެނީ މާދުރު ހިސާބެއްގަ ހުންނަ ޑަސްބިންތަކެއްގެ ވާހަކައެއް ނޫނެވެ. ފަސްވަރަކަށް ފޫޓު ކައިރީގައި ހުންނަ ޑަސްބިނަކަށްވެސް އިންތަނުން ތެދުވެލާފައި ގޮސް އަތުގައި އޮތް ހުސްފުޅި ނުވަތަ ޕްލާސްޓިކް ކޮތަޅު ވައްޓާލަން ވަނީ ބޮޑުކަމަކަށެވެ. މި މަންޒަރު ހުޅުމާލޭގެ ފެރީ ޓަރމިނަލް ސަރަހައްދުން ވަރަށް ރަނގަޅަށް ފެންނާނެއެވެ.

ހުޅުމާލެ ފެރީ ޓަރމިނަލް ސަަރަހައްދު / ފޮޓޯ: ވޮއިސް

ޒިންމާދާރުކަންކުޑަވުން: ހިތުހުރިހާ ތަނަކަށް ކުނިއެޅުމުން ހަމައެކަނި ދޭހަވަނީ ތިމާވެއްޓާއިމެދު ނުވިސްނާ މިންވަރު އެކަންޏެއް ނޫނެވެ. ތިމާގެ ވިސްނުމުގެ ނާތަހުޒީބުކަމާއި ޒިންމާދާރުކަން ކުޑަކަންވެސް ދޭހަކޮށްދެއެވެ. މިފަދަ އާންމު އިޖުތިމާޢީ މިންގަނޑުތަކާއި ހިލާފު އަމަލުތައް ކުރާ މީހުން އެމީހުންގެ މި އަމަލާއިމެދު ކުޑަކޮށްވެސް ވިސްނާނުލައެވެ. މިކަމުގެ ސަބަބުން ގެއްލުންވަނީ ހަމައެކަނި ތިމާވެއްޓަކަށް ނޫނެވެ. ހަލާކުވެގެންދަނީ ހިތްގައިމު މާހައުލުތައް އެކަންޏެއް ނޫނެވެ. އަހަރެމެންގެ އާންމު އިޖުތިމާއީ ފޭރާންވެސް ދަނީ ބާވެ ފަނާވެގެންނެވެ. މިއިން ކަމަކާއި މެދު ކުޑަކޮށްވެސް ވިސްނާ ފިކުރުކުރާ މީހެއްނަމަ މިފަދަ އަމަލުކުރުމަށް ފަސްޖެހޭނެކަން ޔަގީނެވެ.

"ސާފުކުރަން ބަޔަކަށް ވަޒީފާދީފައި ތިބޭ": މީވެސް ވަރަށް ގިނައިން މީހުން ބުނާތީ އަޑުއަހާ ޖުމުލައެކެވެ. ކޮންފަދަ ނާތަހުޒީބު ވިސްނުމެއް ހެއްޔެވެ. އަމިއްލަ ނާތަހުޒީބު ވިސްނުމާއި އަމަލު ދިފާއު ކުރަން ވަރަށްވެސް ހެއްވާ ބަހަނާއެކެވެ. އެއިން މީހެއްގެ އާއިލާ މީހެއް ނުވަތަ ރައްޓެއްސެއް ސާފުކުރުމުގެ މަސައްކަތުގައި އުޅޭނަމަ މި އުނދަގޫ ޖައްސާނެބާއޭ ހިތައްއަރައެވެ. އެއީވެސް ކޮންމެވެސް މީހެއްގެ އާއިލާ މީހެއް ނުވަތަ ރައްޓެއްސެކެވެ. އެވެސް އިންސާނެކެވެ. އެއީ އެންމެންވެގެން ގޮނޑުކުރާތަން ސާފްކުރަން ތިބޭ ނޯކަރުންނެއް ނޫނެވެ. ކޮންމެކަހަލަ މަސައްކަތެއް ކުރިނަމަވެސް އެއް އިންސާނަކު އަނެއް އިންސާނަކަށް ކުރަންޖެހޭ ޤަދަރާއި އިއްޒަތް އެމީހުންނަށްވެސް ހައްޤެވެ.

ވެމްކޯ މުވައްޒިފުން، ސާފުކުރުމުގެ މަސައްކަތުގައި / ފޮޓޯ: ވޮއިސް

ސާފުކުރުމުގެ އާދަ ހަރުލާފައި ނެތުން: ދިރާސާތަކުން ދައްކާގޮތުގައި އާންމު ދިރިއުޅުމުގައި ގެދޮރު ސާފުކުރުމަށް އާދަވެފައި ނެތް މީހުން ބޭރުތެރެއަށް ނިކުމެ އުޅޭއިރުވެސް އަމަލުތައް ހުންނަނީ ހަމަ މި އުސޫލުންނެވެ. ގޭތެރޭގެ މިފަދަ މަސައްކަތް ކުރުމަށް މިމީހުން ބަރޯސާވަނީ އެހެން މީހުންނަށެވެ. ހާއްސަކޮށް ގޭގެ އަންހެންވެރިން ނުވަތަ ގޭގައި ބޮޑަށް ތިބޭ މީހުންނަށެވެ. މިހެންވެ، ބޭރުތެރެޔަށް ނިކުމެ އުޅޭއިރުވެސް ސާފުތާހިރުކޮށް ތަންތަން ބޭއްވުމަކީ އަމިއްލަ ޒިންމާއެއްކަމަށް ޤަބޫލު ނުކުރަނީއެވެ.

ކައިރި ހިސާބެއްގައި ޑަސްބިނެއް  ފެންނަން ނެތުން: ދެން މިއީ މޮޅު އަނެއް ބަހަނާއެވެ. ޖޫސް ޕެކެޓްތަކާއި ކާއެއްޗިއްސާއި ފެންފުޅިތައް އެތަނަކަށް ގެނައީ ކިހިނެއްހެއްޔެވެ؟ އެގެނައި ގޮތަކަށް ގެންދެވެންވެސް ވާނެއެވެ. ޑަސްބިނެއް ފެންނަން ނެތިއްޔާ ކޮތަޅަކަށް އަޅައިގެން ޑަސްބިނެއް ފެންނަންދެން އަތުގަ ބާއްވާށެވެ. އަތުގަ ބާއްވަން ލަދުގަންނަންޏާ ގެންގުޅޭ އަތްދަބަހުގެ ތެރެއަށް ނުވަތަ ސައިކަލުގެ މަޑިދަށަށް ލާށެވެ. ބޭރުތެރެއަށް ކުނިއުކުން އެއީ އަތުގަ ކުނިކޮތަޅެއް އޮތުމަށްވުރެ މާ ލަދުވެތި ކަމެއްކަމަށް ފެނެއެވެ.

ވިސްނާލުމެއްނެތި ކުރެވޭ މި އަމަލުގެ ސަބަބުން ލިބޭ ގެއްލުންތައް ބޮޑު

ކުނިއެޅުމަކީ ވަރަށް ކުޑަކުޑަ ކަމެއްކަމަށް ޤަބޫލު ކުރެވުނު ނަމަވެސް، އެއީ އެކަމުގެ ސަބަބުން ލިބޭ ގެއްލުން ބޮޑުވެފައި ދިގުމުއްދަތަކަށް ދެމިގެންދާ ކަމެކެވެ. މިގޮތުން ބަލާލާއިރު މާލެ ސަރަހައްދަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލައަކީ ކާނުތައް ބެދިފަވާ މައްސަލައެވެ. ކާނުތައް ބެދުމުގެ ސަބަބުން ބޯކޮށް ވާރޭ ވެހޭ ދުވަހެއްގައި ފެން ބޮޑުވެ ހިނގާ ބިނގާވެ އުޅެން އުނދަގޫވެ ފިހާރަތަކަށާއި ގޭގެއަށް ފެން ވަންނަ ހިސާބަށްވަނީ ކަންކަން ގޮއްސައެވެ. ހަމައެކަނި މާލެއިންވެސް މި ޖުލައި މަހުގެ ނިޔަލަށް 117 ސަރަހައްދެއްގެ ކާނުތަކުން 1359 ޓަނުގެ ވެއްޔާއި ކުނި ނަގާ ސާފުކޮށްފައިވެއެވެ. މީގެއިތުރުން ނުބައިވަސް ދުވުމާއި މަދިރި ގިނަވުމާއި ބަލިތައް ފެތުރުން ފަދަ ކަންކަން އާންމުވެގެންދެއެވެ. މިއިން ކޮންމެ ކަމަކަށް ހައްލު ހޯދުމަށްޓަކައި އެތައްބައިވަރު ހަރަދު ތަކެއް ކުރަންޖެހެއެވެ. މީގެ ސަބަބުން އިޤްތިސާދީ ގޮތުންނާއި އިޖްތިމާއި ގޮތުންވެސް ވަރަށް ބޮޑެތި ގެއްލުންތަކެއް ކުރިމަތިވެއެވެ.

ހުޅުމާލެ ފޭސް 2ގެ އަތިރިމަތީގައި ޕިކްނިކް ހެދުމަށްފަހު ސަރަހައްދަށް ކުނިއަޅާފައި / ފޮޓޯ: ވޮއިސް

މިކަމަށް ހައްލެއް ހޯދަން އެބަ ޖެހޭ

ކާމާބެހޭ އިދާރާތަކުން މިކަން ހުއްޓުވަން މަސައްކަތް ނުކުރަނީއެއް ނޫނެވެ. ޖޫރިމަނާ ކުރުމުން ގޯސްވަނީ ޤާނޫނު ތަންފީޒުކުރާ ފަރާތްތަކެވެ. އިއްޔެ ހަވީރު ސާފުކުރިތަން މިއަދު ހަވީރު އޮންނަނީ ބަލާލަން ނުކެރޭވަރަށް މުޑުދާރުކޮށްފައެވެ. ތަން ސާފުކޮށް ބޭއްވުމަށް ބަޔަކު ރެޔާއި ދުވާލު ބުރަ މަސައްކަތްކުރާ ކަމުގެ އިހުސާސް ނުވާކަހަލައެވެ. އެކަކު އަނެކަކަށް އިނގިލިދިއްކޮށް އަނެކަކުގެ ކުށް ދެއްކުމަކީ ވަރަށް ފަސޭހަކަމެކެވެ. ނަމަވެސް އަމިއްލަ ފަރުދީ ޒިންމާ އަދާކުރުމަށް ތެދުވަނީ ކިތައް މީހުންތޯއެވެ. މިކަމުގައި އަމިއްލަ ޒިންމާއެއް އަދާކުރަންޖެހޭކަމަށް ގިނަ ފަރާތްތަކުން ޤަބޫލު ކުރާކަށް ބޭނުމެއްވެސް ނުވެއެވެ. ގަބޫލު ކުރަން ބޭނުން ނުވިޔަސް މަގުމައްޗާއި އާންމުން އެއްވެ އުޅޭ ތަންތަން ސާފުތާހިރުކޮށް ބޭއްވުމަކީ އެންމެންގެވެސް ޒިންމާއެކެވެ.

މިއީ އެންމެ ދުވަހަކުން ހައްލު ހޯދޭނެ މައްސަލައެއް ނޫނެވެ. މިމައްސަލައަށް ހައްލު ލިބޭނީ ހައްލު ހޯދަން އުޅުނީމައެވެ. މިއީ ފަރުދީ ޒިންމާއެއްކަމުގައި ބަލައިގަނެގެންނެވެ. ސާފުތާހިރުކަމުގެ ރިވެތި އާދަ ކުޑައިރުއްސުރެ ކުދިންގެ ކިބައިގައި ހަރުލައްވައި، ބޭރުތެރެއަށް ކުނިއެޅުމަކީ ޒިންމާދާރުކަން ކުޑަ، ނުރަނގަޅު އާދައެއްކަން ކުދިންނަށް ބުނެދީގެންނެވެ. މިފަދަ ނޭދެވޭ މަންޒަރުތައް ފެންނަހާލަތްތަކުގައި ނަސޭހަތްތެރިވާށެވެ. ހޭލުންތެރިކުރުވާށެވެ. އެހެން މީހުންނަށް ރިވެތި މިސާލު ދައްކާށެވެ. އަހަރެމެން އަމިއްލަ ވިސްނުމާއި ފިކުރު އިސްލާހުނުކުރާހާ ހިނދަކު އަހަރެމެން އުޅެންޖެހޭނީ ތާއަބަދު މި ގޮނޑު މާހައުލުގައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
24 Aug 2026
ޑޮލަރުން މުސާރަދިނުން ހުއްޓުވައި، ހުރިހާ މުޢާމަލާތެއް ރުފިޔާއިން ކުރާގޮތް ހަދަނީ
ރާއްޖޭގެ އެތެރޭގައި ޑޮލަރުން މުސާރަ ދިނުމާއި ޚިދުމަތްތަކަށް ޑޮލަރުން އަގު ނެގުން ހުއްޓުވައި 2030 ވަނަ އަހަރާ ހަމައަށް އެންމެހައި މުއާމަލާތްތައް ދިވެހި ރުފިޔާއިން ހިންގާ ނިޒާމަކަށް ބަދަލުކުރުމަކީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ އަމާޒެއް ކަމަށް ގަވަރުނަރު އަޙްމަދު މުނައްވަރު މިއަދު ވިދާޅުވެއްޖެއެވެ.
24 Aug 2026
‏މަނީ އެކްސްޗޭންޖަރުންނަށް ފައިސާ ފޯރުކޮށްދެނީ ޑޮލަރުން އާމްދަނީ ލިބޭ މަޝްހޫރު ރިސޯޓުތަކުން: އިޙްސާން
ކަޅުބާޒާރުގައި ޑޮލަރު މާރުކުރާ ފަރާތްތަކަށް ބޭރު ފައިސާ ފޯރުކޮށްދެނީ ރާއްޖޭގެ ބޮޑެތި ރިސޯޓުތަކާއި ޑޮލަރުން އާމްދަނީ ހޯދާ ވިޔަފާރިތަކުން ކަމަށް ދާޚިލީ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.
24 Aug 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކަމުންދާ ތަންތަން ބަލައި، އެއްތަން ބަންދުކޮށްފިން
ވަޒީރުންގެ މަޖިލީހުގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މުނައްވަރު ވިދާޅުވީ، މެދު އިރުމަތީ ހަނގުރާމައިގެ ސަބަބުން ރާއްޖެއަށް ފަތުރުވެރިން އަންނަ ނިސްބަތް ދަށްވި ނަމަވެސް، ރާއްޖެއަށް ބޭރު ފައިސާ ވަންނަ ނިސްބަތް %1 އިތުރުވެފައިވާ ކަމަށެެވެ. އަދި ދަތި ތަކާއެކުވެސް ރާއްޖޭގެ ރިޒާވް މަތި ކުރެވޭތޯ ގިނަ މަސައްކަތް ތަކެއް ކުރެވެމުންދާކަންވެސް ފާހަގަކުރެއްވިއެވެ.
24 Aug 2026
ރަސްމީ ފުރަތަމަ ދަތުރުފުޅުގައި އެންޑީ ބާނަމް ޔޫކްރޭނަށް ވަޑައިގަންނަވަނީ
ބޮޑުވަޒީރު ބާނަމް ވިދާޅުވީ، ރަޝިޔާގެ ފިއްތުންތަކާއި ބިރު ދެއްކުމުގެ ސަބަބުން އިނގިރޭސިވިލާތުގެ ނިންމުންތަކަށް ބަދަލެއް ނާންނާނެ ކަމަށާއި، އިންސާފުވެރި އަދި ދެމެހެއްޓެނިވި ސުލްހައެއް ގާއިމުވަންދެން އިނގިރޭސިވިލާތުން ފަހަތަށް ނުޖެހޭނެ ކަމަށެވެ.
24 Aug 2026
ޓޫރިސްޓުންގެ ޢަދަދު މަދުވިޔަސް ފަތުރުވެރިކަމުގެ އާމްދަނީ އިތުރު: އެމްއެމްއޭ
މެދުއިރުމަތީ ހަނގުރާމައިގެ ސަބަބުން ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ ޢަދަދު ދަށަށް ދިޔަ ނަމަވެސް އެ ސިނާޢަތުން ޤައުމުގެ އިޤުތިޞާދަށް ވަން ބޭރު ފައިސާ އެއް އިންސައްތަ އިތުރުވެފައިވާ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން މިއަދު ބުނެފިއެވެ.
24 Aug 2026
ނިއުކާސަލް ޔުނައިޓެޑާއި ލިވަޕޫލް ބައްދަލުކުރިމެޗް އެއްވަރުވިއިރު ސިޓީއަށް މޮޅެއް
ނިއުކާސަލް އާއި ލިވަޕޫލް މެޗް އެއްވަރުވިއިރު، ބޯންމައުތު އަތުން ސިޓީ މޮޅުވެފައި ވަނީ ހަނިގޮތަކަށެވެ
24 Aug 2026
420އަށް ވުރެ ގިނަ ފެތުންތެރިންނާއެކު ކާމިޔާބުކަމާއެކު ނިންމާލައިފި
މާލޭ ރަސްފަންނު ސަރަޙައްދުގައި މި އޮގަސްޓް މަހުގެ 21 އިން 22 އަށް ސްވިމް މޯލްޑިވްސް އިން އިންތިޒާމުކުރި މި މުބާރާތަކީ މާލޭގައި މިހާތަނަށް ބޭއްވި އެންމެ ބޮޑު އޯޕަން ވޯޓާ ފެތުމުގެ މުބާރާތެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުން ބައިވެރިވި ފެތުންތެރިންގެ ތެރޭގައި އުމުރުން ހަ އަހަރާއި 79 އަހަރާ ދެމެދުގެ މީހުން ހިމެނެއެވެ. މި މުބާރާތުގައި ކުރިއަށް ގެންގޮސްފައިވަނީ އެއް ކިލޯމީޓަރު 500 މީޓަރު އަދި 250 މީޓަރުގެ ރޭސްތަކެވެ.
24 Aug 2026
އިސްރާއީލުން ޣައްޒާއަށް ދިން ހަމަލާތަކުގައި 4 އަހަރުގެ ކުއްޖަކު ޝަހީދުކޮށްލައިފި
ފުރަތަމަ ހަމަލާ އަމާޒުވީ ޣައްޒާގެ މެދުތެރޭގައި އޮންނަ ޒަވާޔިދާ އަވަށުގެ ޢިމާރާތަކަށެވެ. އެ ހަމަލާގެ ސަބަބުން ވެއްޓުނު ކުނިބުނިތަކާއި ރޮކެޓް އެތިކޮޅުތައް ވަށައިގެން އެތައް މީޓަރަކަށް ފެތުރި މަދުވެގެން ހަ މީހަކު ޒަޚަމްވި ކަމަށް ސިއްހީ ޚިދުމަތްތެރިން ބުނެފައިވެއެވެ. ޒަޚަމްވި މީހުންގެ ތެރޭގައި ހިމެނޭ ހަތަރު އަހަރުގެ މުޙައްމަދު ޢަބްދުއްސަލާމް ޠާހާ ފަހުން ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނިކޮށް ޝަހީދުވެފައިވެއެވެ.