ޔޫއެންޑީޕީން ފޮނުއްވި ބޭރުގެ ކޮންސަލްޓަންޓް ބިރުދެއްކި: ސުޕްރީމް ކޯޓު

03 Jun 2019 | 02:07

ދިވެހިިރާއްޖޭގެ ޝަރުއީ ނިޒާމުގެ ހާލަތު ބަލައި ދިރާސާކުުރުމަށް ޔޫއެންޑީޕީގެ ދައުވަތަކަށް ރާއްޖެއަށް ވަޑައިގެން އުޅުއްވާ ދެކުނު އެފްރިކާގެ ބޭފުޅެއް ކަމަށްވާ ރިޓަޔަރޑް ޖަސްޓިސް ޔޮހާން ކްރީގްލަރ، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ބިރުދެއްކިކަމަށް އެކޯޓުން ބުނެފިއެވެ.

ސުޕްރީމް ކޯޓުން މިހެން ބުނެފައިވަނީ ދާދި ދެންމެެއަކު އާންމުކުރި ނޫސް ބަޔާނެއްގައެވެ.

އެ ބަޔާނުގައި ބުނެފައިވަނީ 29 މެއި 2019 ވީ ބުދަ ދުވަހުގެ ރޭ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލިހުންރިޓަޔަރޑް ޖަސްޓިސް ކްރީގްލަރއާ ބައްދަލު ކުރިކަމަށެވެ.

އަދި މި ބައްދަލުވުމުގައި ޝަރުޢީ ދާއިރާގެ ޙާލަތު ހުރި ގޮތާއި، ޝަރުޢީ ދާއިރާއަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާއި، އެ ގޮންޖެހުންތައް ޙައްލުކުރުމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން އިސްނަގައިގެން، ދައުލަތުގެ ކަމާބެހޭ ފަރާތްތަކާ ގުޅިގެން ކުރަމުން ގެންދާ މަސައްކަތްތަކުގެ ތަފްޞީލު ޙިއްޞާކުރެވުނެވެ. މިގޮތުން ފަނޑިޔާރުގޭގެ މިނިވަންކަން ކަށަވަރުކޮށް ފަނޑިޔާރުގެ އިޞްލާޙުކުރުމާ ބެހޭގޮތުން ތައްޔާރު ކުރެވެމުންދާ އެކްޝަން ޕްލޭނުގެ މައުލޫމާތުވެސް ރިޓަޔަރޑް ޖަސްޓިސް ކްރީގްލަރއާ ޙިއްޞާކުރިކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.

ނަމަވެސް، އިޚްލާޞްތެރި ހެޔޮ ނިޔަތެއްގައި މި ކަންކަން ޙިއްޞާ ކުރުމުން، މިއިން އެއްވެސް ކަމަކާ މެދު މަޝްވަރާ ކުރެއްވުމުގެ ބަދަލުގައި، ރިޓަޔަރޑް ޖަސްޓިސް ކްރީގްލަރގެ ވާހަކަފުޅުގައި، ދިވެހިރާއްޖޭގެ ކޯޓުތަކުގެ ފަނޑިޔާރުން މަޤާމުން ވަކި ކުރުމުގެ ޕްލޭނެއް އޮތް ކަމަށާއި، ހުތުރުކޮށް އަދި އިހާނެތިގޮތެއްގައި ފަނޑިޔާރުން ބޭރު ކުރުމުގެ ކުރިން މަޤާމު ދޫކޮށްލުން ފަދަ ގޮތެއް އިޚްތިޔާރު ކުރުން ރަނގަޅުވާނެ ކަމަށާއި، ޤާނޫނުއަސާސީ ބަދަލު ކޮށްގެން ވިޔަސް ފަނޑިޔާރުގެ އަލުން އެކުލަވައިލާނެ ކަމަށާއި، ސިޔާސީ ބާރުތަކާއި ފަނޑިޔާރުގެއާ ދެމެދުގައި މިހާރު އޮތީ ކުރިމަތިލުމެއް ކަމަށާއި އެ ކުރިމަތިލުމުން ފަނޑިޔާރުގެއަށް ލިބޭނީ ބޮޑު ނާކާމިޔާބީއެއް ކަމަށް ތަކުރާރުކޮށް ވިދާޅުވި ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.

"އަދި އޭނާ ތައްޔާރުކުރައްވައި ހުށަހަޅުއްވާ ރިޕޯޓުގައި ރާއްޖޭގެ ފަނޑިޔާރުން މަޤާމުން ވަކިކުރުމަށް އޭނާ ރެކޮމެންޑްކުރައްވާނެކަމަށްވެސް ވިދާޅުވެ، ދިވެހި ދައުލަތުގެ ސިޔާދަތީ ބާރުތަކުގެ ތެރެއިން އެއް ބާރުކަމުގައިވާ ޢަދުލު އިންޞާފު ޤާއިމްކުރުމުގެ ބާރަށް ވަރަށް ޞަރީޙަ އިބާރާތުން ވަނީ ބިރު ދައްކަވައި އިންޒާރު ދެއްވާާފައެވެ." ސުޕްރީމް ކޯޓުން ބުންޏެވެ.

ބައިނަލްއަޤުވާމީ ކޮންސަލްޓެންޓެއްގެ ގޮތުގައި މަސައްކަތްކުރައްވާ ބޭފުޅަކު، ފަނޑިޔާރުގެއަށް ވިޔަސް އަދި ދައުލަތުގެ އެހެން ބާރަކަށް ނުވަތަ އިދާރާޔަކަށް ވިޔަސް ބިރު ދައްކައި އިންޒާރުކުރުމަކީ ދިވެހި ދައުލަތުގެ ކަރާމަތާއި ހައިބަތަށް އިޙްތިރާމް ކުޑަކުރުމުގެ ޢަމަލުތަކެއްކަމުގައި މެނުވީ ނުވާނެކަން ކޯޓުން ވަނީ ފާހަގަކޮށްފައެވެ.

Advertisement

ކޮމެންޓް

Advertisement