ގަވީގެ ދެލަނޑާއެކު ޑެގޫ އަތުން ބާސެލޯނާއަށް ފަސޭހަ މޮޅެއް
ކުރިއަށް އޮތް ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ބާސެލޯނާ އިން ކުޅުނު އެކުވެރިކަމުގެ ތިންވަނަ މެޗުގައި ސައުތު ކޮރެއާގެ ޑޭގޫ އެފްސީ އާއި ވާދަކޮށް ފަސޭހަކަމާއެކު 0-5 ގެ ނަތީޖާއަކުން ބާސެލޯނާ މޮޅުވެއްޖެއެެވެ.
މެޗުގެ ފުރަތަމަ ހާފުގައި މޮޅަށް ކުޅެ ބާސެލޯނާ އިން މެޗު ޑޮމިނޭޓްކުރިއިރު، ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 3-0 ގެ ނަތީޖާއަކުން ބާސެލޯނާ ކުރީގައި އޮވެގެންނެވެ. އަދި މެޗުގެ ދެވަނަ ހާފު ބާސެލޯނާއި ފެށީ މުޅިން ތަފާތު ޓީމަކާއެކުގައެވެ. އެގޮތުން މެޗު ފެށި އެގާރަ ކުޅުންތެރިން ވެސް ބަދަލުކޮށްފައިވާއިރު، މިހާފުގައި އެޓީމުން ވަނީ އިތުރު ތިން ލަނޑު ކާމިޔާބުކޮށްފައެވެ.
އެގޮތުން މިމެޗުގައި އެޓީމު މިޑްފީލްޑަރު ގަވީ ދެލަނޑު ކާމިޔާބުކުރިއިރު، ޓޯނީ ފެނާންޑޭޒް، ރޮބަޓް ލެވަންޑޮސްކީ އަދި މާކަސް ރަޝްފޯޑް މިއިން ކޮންމެ ކުޅުންތެރިއަކު ވަނީ މިމެޗުގައި އެއްލަނޑު ކާމިޔާބުކޮށްފައެވެ. އަދި މިމެޗުގައި ރަޝްފޯޑް ކާމިޔާބުކުރި ލަނޑަކީ ލޯނު އެއްބަސްވުމެއްގެދަށުން މިދިޔަމަހު ބާސެލޯނާއި ގުޅުނުފަހުން އެޓީމަށް އޭނާ ކާމިޔާބުކޮށްދިން ފުރަތަމަ ލަނޑެވެ.
މިމެޗުން ފަސޭހަކަމާއެކު ބާސެލޯނާ މޮޅުވިއިރު މެޗުގެ ފަހުވަގުތު ޒުވާން ޑިފެންޑަރު ޕައު ކުބާސީއަށް އަނިޔާވެ ވަނީ ބަދަލުކުރަންޖެހިފައެވެ. އަދި އިތުރުން ސްޕެނިޝް ލަލީގާގެ ކުޅުން މިމަހުގެ 16 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާއިރު، އޭގެ ކުރިން އެކުވެރިކަމުގެ އިތުރު އެއްމެޗު ކުޅުމަށް ބާސެލޯނާއިން ވަނީ ތާވަލުކޮށްފައެވެ. އެމެޗުގައި މިމަހުގެ 11 ވަނަ ދުވަހު އެޓީމުން ނުކުންނާނީ އިޓަލީގެ ކޯމޯ އާއި ދެކޮޅަށެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists