އަލްވަދާއު އަދި އަލިފާނުގެ ޓިކެޓް މާދަމާ 100 ރުފިޔާއަށް

އަލްވަދާޢުގެ ޕޯސްޓަރ އެޑް

ޖެނުއަރީމަހު އޮލިމްޕަހުގައި އެޅުވުމަށް ނިންމާފައިވާ ޑާކްރެއިނުގެ ކާމިޔާބު ދެ ފިލްމުކަމަށްވާ އަލްވަދާއު އަދި އަލިފާނުގެ ޓިކެޓް މާދަމާ 100 ރުފިޔާއަށް ވިއްކުމަށް ނިންމައިފިއެވެ.

ޑާކްރެއިނުން ބުނީ އާ އަހަރުގެ މުނާސަބަތުގައި މާދަމާ ހެނދުނު 10 އަކުން ފެށިގެން ރޭގަނޑު 10 ގެ ނިޔަލަށް އަލްވަދާއު އަދި އަލިފާނުގެ ޓިކެޓް ގަންނަ ފަރާތްތަކަށް 100 ރުފިޔާއަށް ޓިކެޓް ގަނެވޭނޭކަމަށެވެ. މާދަމާއަށްފަހު ޓިކެޓް ވިއްކަމުންދާނީ 150 ރުފިޔާއަށެވެ. އަލްވަދާޢު އަދި އަލިފާނުގެ ޓިކެޓް އޮލިމްޕަހަށް ނުގޮސް 9911229 އަށް ވައިބާއިން މެސެޖުކޮށްގެންވެސް ޓިކެޓް ގަނެވޭނޭކަމަށް ޑާކްރެއިނުން ބުނެއެވެ.

ޑާކްރެއިނުން ޖެނުއަރީމަހު މި ދެ ފިލްމު އޮލިމްޕަހުގައި އެޅުވުމަށް ނިންމީ ބެލުންތެރިންގެ ތަރުހީބަށް ބަލައި، އެ ދެ ފިލްމް އެޅުވުމަށް ގިނަ ބަޔަކު އެދެމުންދާތީއެވެ.

އަލިފާން އަދި އަލްވަދާއުގެ ޕޯސްޓަރު

ޑާކްރެއިނުން "އަލިފާން" އެޅުވުމަށް ނިންމާފައިވަނީ ޖެނުއަރީމަހުގެ 5 ވަނަ ދުވަހުގެ ރެއެވެ. އަދި "އަލްވަދާއު" އެޅުވުމަށް ނިންމާފައިވަނީ ޖެނުއަރީމަހުގެ 4،3،2 އަދި 6 ވަނަ ދުވަހުގެ ރެއެވެ.

ޑާކްރެއިނުން މިއަހަރު އޮލިމްޕަހަށް ނެރުނު ފިލްމުތަކުގެ ތެރެއިން އަލިފާނަކީ އޮލިމްޕަސް ހޫނުވެގެންދިޔަ ފިލްމެކެވެ. އަލިފާނުގެ ހޫނުން ދޮންގަދަވެގެންދިޔަ އޮލިމްޕަސް ހަމަޔަކަށް އަޅުވާލަދިނީ ޑާކްރެއިނުން މިއަހަރު ނެރުނު އެންމެފަހު ފިލްމް "އަލްވަދާޢު" އެވެ.

ޑާކްރެއިނުން ނެރެމުންދާ ކޮންމެ ފިލްމަކީވެސް އެއްފިލްމު އަނެއްފިލްމާ ތަފާތު ފިލްމެކެވެ. އަލިފާނަކީވެސް މުޅިން ތަފާތު ޖޯންރާއެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ ފިލްމެއްކަމަށް ޑާކްރެއިނުން ބުނެއެވެ. އެގޮތުން މި ފިލްމަކީ އެކްޝަން ތްރިލާ ޖޯންރާގެ ފިލްމެކެވެ.

އަލްވަދާއު އަކީ ލޯބީގެ އަސަރުގަދަ ވާހަކައެއްގެ މައްޗަށް ބިނާކޮށް ތަފާތު ހާދިސާތަކެއް ފެނިގެންދާ ފިލްމެކެވެ.

ކޮމެންޓް