ލޯބި ނަފްރަތަށް ބަދަލެއް ނުވާނެ: ރިތިކް

07 Jul 2019 | 09:12

ލޯބި ނަފްރަތަށް ބަދަލު ނުވާނެ ކަމަށާއި، ބަދަލުވެއްޖެނަމަ ކުރިން ވީ ލޯތްބެއް ނޫން ކަމަށް ރިތިކް ބުނެފިއެވެ.

ރިތިކް އެހެން ބުނީ އޭނާގެ ކުރީގެ އަންހެނުން ސުޒޭން ޚާންއާއި ގުޅޭގޮތުން މީޑިއާއަކަށް ދީފައިވާ އިންޓަރވިޔުއެއްގައެވެ. 2013 ވަނަ އަހަރުގައި ރިތިކް އާއި ސުޒޭންގެ ގިނަ ދުވަސްވީ ކައިވެންޏަށް ނިމުން އައިއިރު، އެދެމީހުންގެ ޖޯޑަކީ އެތައް ބަޔަކަށް ވަރަށް ކަމުދިޔަ ޖޯޑެކެވެ. 2014 ގައި ރިތިކް އާއި ސުޒޭން ރަސްމީކޮށް ވަކިވެ، ކައިވެނި ރޫޅާލިއިރު އެދެމީހުންނަށް ދެ ފިރިހެން ކުދިންވެސް ވަނީ ލިބިފައެވެ.

ކައިވެނި ރޫޅުމަށްފަހުގައިވެސް ދެމީހުން ވަނީ ދަރިންނަށް ވަގުތު ދިނުމުގައި މިސާލު ދައްކާފައެވެ. އެގޮތުން އެކުދިން ގޮވައިގެން އެކި ގައުމުތަކަށް ގޮސް ދެމީހުން ވަނީ ޗުއްޓީވެސް ހޭދަކޮށްފައެވެ.. ކައިވެނި ރޫޅުމަށްފަހު ދަރިން ތިއްބަސް ދެމީހެއްގެ ފަރާތުން ނުފެންނާނެ ފަދަ އެކުވެރިކަމުގެ ގުޅުމެއް ރިތިކްއާއި ސުޒޭން އަންނަނީ ދައްކައިދެމުންނެވެ.

”މިއީ ވަރަށް ރީތި ގުޅުމެއް. އަހަރުމެންގެ ދަރިންނާއި ރައްޓެހިންނާއެކު. އެހެން އެކަންވަނީ ދެމީހުންނަށްވެސް ވިސްނޭތީ. އެއްކަމެއް ޔަގީން. ލޯބި ނަފްރަތަކަށް ބަދަލެއް ނުވާނެ. ވެއްޖެނަމަ އެއީ ލޯތްބެއް ނޫން. ލޯބީގެ އަނެއް ފަރާތަކީވެސް ލޯބި. " ސުޒޭންއާއި ގުޅޭގޮތުން ވާހަކަ ދައްކަމުން ރިތިކް ބުންޏެވެ.

ރިތިކް މިހާރު ކުރަމުން އަންނަނީ އޭނާގެ ފިލްމު "ސުޕަރ 30" ޕްރޮމޯޓް ކުރުމުގެ މަސައްކަތެވެ. އެ ފިލްމު ރިލީޒް ކުރުމަށް ހަމަޖެހިފައިވަނީ މިމަހުގެ 12 ވަނަ ދުވަހުއެވެ. 

Advertisement

ކޮމެންޓް