ދިޕިކާ ރަންވީރަށް: ތިއީ އަހަރެންގެ އަލަނާސި

08 Jul 2019 | 18:17

ދިޕިކާ ޕަދުކޯން އަދި ރަންވީރް ސިންހް އަކީ ބޮލީވުޑްގެ ޖޯޑުތަކުގެ ތެރެއިން އެންމެ ގިނަ ބައެއްގެ ސަމާލުކަން ލިބިފައިވާ ޖޯޑެވެ.

އެދެމީހުން މިދިޔަ އަހަރުގެ ފަހުކޮޅުގައި ކައިވެނި ކޮށްފައިވާއިރު، ކައިވެންޏަށްފަހުގައިވެސް މީހުންގެ ސަމާލުކަން އަތުލައިގަންނަ ފަދަ ގިނަ ކަންކަން އެދެތަރިންގެ ކިބައިން ފެނެއެވެ. އެގޮތުން މިދިޔަ ހޮނިހިރު ދުވަހު ރަންވީރް ވަނީ، ކައިވެންޏަށްފަހު ފުރަތަމަ ފަހަރަށް އޭނާގެ އުފަންދުވަސް ފާހަގަކޮށްފައެވެ.

ފިރިމީހާގެ އުފަންދުވަހާއި ގުޅިގެން ސޯޝަލް މީޑިއާގައި ފޮޓޯއެއް ހިއްސާ ކުރަމުން ދިޕިކާ ލިޔުނު މެސެޖަށް ގިނަ ބައެއްގެ ސަމާލުކަން ލިބިފައިވެއެވެ. ރަންވީރް ކުޑައިރު އައިސްކްރީމް ކާން ހުރި ފޮޓޯއެއް އިންސްޓެގްރާމް ކުރަމުން ދިޕިކާ ލިޔުނު މެސެޖުގައި އޭނާއަށް ވަރަށް ބޮޑަށް ތައުރީފްވެސް ކޮށްފައިވެއެވެ.

އެގޮތުން ރަންވީރް އަކީ ވަރަށް އޯގާތެރި، ވަފާތެރި، ދީލަތި، މަޖާ، މަޑުމައިތިރި އަދި ވިސްނުންތޫނު މީހެއް ކަމަށާއި، އޭނާ އަކީ ފިރިމީހާގެ އިތުރުން، ދިޕިކާގެ އެންމެ ގާތް އެކުވެރިޔާ ކަމަށްވެސް ވަނީ ބުނެފައެވެ.

މީގެ އިތުރުން ރަންވީރް އަކީ ދިޕިކާގެ ކުޑަކުއްޖާ، ރެއިންބޯ، އިރުގެ އަލިކަން އަދި އަލަނާސި ކަމަށްވެސް ވަނީ ލިޔެފައެވެ. ދިޕިކާގެ އެ މެސެޖަކީ ލޯބި އަދި ވަރަށް މަޖާ މެސެޖެއްގެ ގޮތުގައި ގިނަ މީހުން ސިފަކުރެއެވެ.

ރަންވީރް އާއި ދިޕިކާ މިހާރު ކުރަމުން އަންނަނީ އެދެމީހުން އެކުގައި ފެނިގެންދާނެ ހަތަރުވަނަ ފިލްމުގެ މަސައްކަތެވެ.

Advertisement

ކޮމެންޓް