އުދަރެސް ބޯޓު އަޑިއަށް ދިޔުން: ގެއްލިގެން ހޯދަމުންދިޔަ މީހާ ފެނިއްޖެ
މާލެއިން ފުރައިގެން ގދ. އަތޮޅަށް ދަތުރުކުރަމުންދިޔަ ''އުދަރެސް'' ނަމަކަށް ކިޔާ މުދާއުފުލާ ބޯޓު ފަރަށް އަރައި، އަޑިއަށް ދިޔަ ހާދިސާގައި، ގެއްލިގެން ހޯދަމުންދިޔަ މީހާ ފެނިއްޖެއެވެ.
އެމްއެންޑީއެފުން ބުނީ ގެއްލިގެން ހޯދަމުންދިޔައީ އިސްމާއިލް އަފީފް ކިޔާ މީހެއް ކަމަށެވެ. އަދި އެއީ އުމުރުން ދުވަސްވީ ދިވެހި ފިރިހެނެއް ކަމަށާ އޭނާ މިހާރު ފެނިފައިވާ ކަމަށެވެ.
”އުމުރުން ދުވަސްވީ މީހެއްވީމާ ވީކްވެފަ ދެއްތޯ ހުންނާނީ. އެމީހާ އޮތީ ފިލާގަނޑެއްގެ އެހީގައި ފެންމަތީގައި އޮއްވާ. ފެނުނީ ދިރިހުއްޓާ“ އެމްއެންޑީއެފުން ބުންޏެވެ.
2 ދިވެހިންނާއި 10 ބިދޭސީން ދަތުރުކުރި މި ބޯޓު ލ.އަތޮޅު ސިކްސެންސް ލާމު ރިސޯޓް ކައިރީގައި އޮތް ފަރަކަށް އެރިކަމުގެ މަޢުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑް މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރަށް ލިބިފައިވަނީ ރޭ ދަންވަރު 01:21 ހާއިރުއެވެ.
އަދި މި ބޯޓު އަޑިއަށް ދިއުމާ ގުޅިގެން ބޯޓުގައި ހުރި މުދާތައް ލ. އޮޅުވެލީގެ ހުޅަނގަށް އޮޔާދާތީ، އެ ސަރަހައްދުން ދަތުރުކުރާ އުޅަނދުފަހަރުން މިކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ވެސް އެމްއެންޑީއެފުން އިލްތިމާސްކުރެއެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists