ސެންޓަރ ފޮރ ހަޔަރ ސެކަންޑްރީ އެޑިއުކޭޝަން (ސީ.އެޗް.އެސް.އީ) ގެ މީޑިއާ ކްލަބުން އިންތިޒާމުކޮށްގެން ބާއްވާ ކުރު ފިލްމު ފެސްޓިވަލް މިރޭ އޮންނާނެއެވެ.
މިއީ ދަރިވަރުންގެ މެދުގައި ފިލްމު އުފެއްދުމުގެ ހުނަރާއި އުފެއްދުންތެރިކަން ދައްކާލުމަށްޓަކައި އެ ސްކޫލުން ބާއްވާ ފުރަތަމަ ފިލްމު ފެސްޓިވަލް އަދި ކުރު ފިލްމު މުބާރާތެވެ. މި ފެސްޓިވަލްގައި ހަ ފިލްމް ފެނިގެންދާއިރު، ފިލްމެއްގެ ދިގުމިނަކީ 15 މިނެޓެވެ.
މި ފެސްޓިވަލުގައި ދައްކާލާ ފިލްމުތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް ފިލްމަކީ ކުރީގެ މަޝްހޫރު ބަތަލާ ޝީރީން އަބްދުލްވައްހާބުގެ ދަރިފުޅު އަހުމަދު ރަޔާން އާދަމް ޑައިރެކްޓްކޮށްފައިވާ ކުރު ފިލްމު "ބަދަލު" އެވެ. މި ފިލްމުގެ އެންމެ ހާއްސަ ކަމަކީ ގިނަ ދުވަސްތަކަކަށްފަހު ޝީރީން އަލުން ސްކްރީނުން ފެނިގެންދިއުމުގެ އިތުރުން، އޭނާގެ އާއިލާގެ ބައެއް އެހެން މެންބަރުން ވެސް ހާއްސަ ފެނިލުމަކުން ފެނިގެންދާ ކަމެވެ.
މި ފިލްމާ ގުޅޭގޮތުން ވާހަކަދައްކަމުން ޑައިރެކްޓަރު ރަޔާން ބުނީ، އޭނާގެ މައިގަނޑު އަމާޒަކީ އުމުރަކީ އިންސާނެއްގެ ހުނަރާއި ޝައުގުވެރިކަން ހުއްޓުވޭނެ ކަމެއް ނޫންކަން ހާމަކޮށްދިނުން ކަމަށެވެ. އަދި ކިތަންމެ ގިނަ އަހަރުތަކެއް ފާއިތުވެގެން ދިޔަ ނަމަވެސް އިންސާނާގެ ކިބައިގައިވާ ހުނަރު ދެމިއޮންނަކަން ދައްކުވައިދިނުމަކީ ވެސް މި ފިލްމު އުފެއްދުމުގެ ބޮޑު ބޭނުމެއް ކަމަށް އޭނާ ފާހަގަކުރިއެވެ.
ރަޔާންއަށް "ބަދަލު" ޑައިރެކްޓްކުރުން ވެގެންދިޔައީ ވަރަށް ތަފާތު އަދި އަމިއްލަ ގޮތުން ވެސް ފާހަގަކޮށްލެވޭ ތަޖުރިބާއަކަށެވެ. އަމިއްލަ މަންމަ ހިމަނައިގެން ފިލްމެއް އުފެއްދުމަކީ އޭނާއަށް ލިބުނު ވަރަށް ބޮޑު ޝަރަފެއް ކަމަށް ރަޔާން ބުންޏެވެ. ނަމަވެސް، ފިލްމީ ދާއިރާއާ ދުރުގައި ހުރި މަންމަ މި މަޝްރޫއުގައި ބައިވެރިވުމަށް އެއްބަސްކުރުވުމަށްޓަކައި ވަރަށް ގިނަ މަސައްކަތްތަކެއް ކުރަންޖެހުނު ކަމަށް ވެސް އޭނާ ބުންޏެވެ.
މި ފެސްޓިވަލްގައި ފިލްމު ބަލާލުމަށް ބޭނުންވާ ފަރާތްތަކަށް މިހާރުވަނީ، chsetickets.com އެ ފުރުސަތު ހުޅުވާލާފައެވެ.
މި ފިލްމުގެ މިއުޒިކީ މަސައްކަތްތަކަށް ބަލާއިރު، ފިލްމުގައި ހިމެނޭ ލަވަ ކިޔައިދީ، އޭގެ ޅެން ހަދާފައިވަނީ މަޝްހޫރު ލަވަކިޔުންތެރިޔާ އަބްދުލްހަންނާން މޫސާ ދީދީއެވެ. އަދި ފިލްމުގެ ސްކްރިޕްޓް ތައްޔާރުކުރުމުގައި އާމިނަތު ރިނާޒާގެ މުހިންމު އެހީތެރިކަމެއް ލިބިފައިވެއެވެ. މީގެއިތުރުން، ފިލްމުގެ ސިނެމަޓޯގްރަފީ އަދި އެޑިޓިންގްގެ މަސައްކަތް ކޮށްފައިވަނީ އިސްމާއިލް އިބާންއެވެ.
ސީ.އެޗް.އެސް.އީ ގެ ދަރިވަރުންގެ އިތުރުން އާންމުންނަށް ވެސް ހުޅުވާލައިގެން ކުރިއަށްގެންދާ މި ފެސްޓިވަލަކީ، ޒުވާން ފިލްމު އުފެއްދުންތެރިންނަށް އެމީހުންގެ ހުނަރު މުޖުތަމައަށް ދައްކާލުމަށާއި، ފިލްމީ ފަންނުގެ ޒަރީއާއިން ތަފާތު ވާހަކަތައް ގެނެސްދިނުމުގެ ހުނަރު ކުރިއެރުވުމަށް އެޅިގެންދާ ވަރަށް މުހިންމު ބިންގަލެއްކަމަށް އެ ސްކޫލުން ބުނެއެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists