އިހަކަށް ރޭ ދަންވަރު ސޯސަންމަގުގައި ހިނގި އެކްސިޑެންޓްގައި އަނިޔާވި އަންހެން މީހާ ނިޔާވެއްޖެ އެވެ.
ފުލުހުން ބުނީ އާދިއްތަ ދުވަހުގެ ރޭ ހިނގި އެކްސިޑެންޓްގައި އަނިޔާވި 26 އަހަރުގެ އަންހެން މީހާއަށް އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދެމުންދަނިކޮށް، މިއަދު ހަވީރުގެ ވަގުތެއްގައި ނިޔާވެފައިވާ ކަމަށް އާއިލާއިން ފުލުހުންނަށް ވަނީ މައުލޫމާތު ދީފައި ކަމަށެވެ.
ނިޔާވީ ށ. ފޯކައިދޫ، މަގުމަތީގެ އައިޝަތު މާހިދާ އެވެ.
ފުލުހުން ބުނި ގޮތުގައި، މި އެކްސިޑެންޓާއި ގުޅިގެން ސެޕްޓެމްބަރު 22 ވަނަ ދުވަހު ކޯޓު އަމުރެއްގެ ދަށުން މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އެއީ އެކްސިޑެންޓުވި ދެ ސައިކަލުގެ ތެރެއިން އެއް ސައިކަލު ދުއްވި 21 އަހަރުގެ ޒުވާނާ އެވެ. އޭނާއަކީ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް އޮންނަ މީހެއް ނޫނެވެ.
ކޯޓު އަމުރުގައި ބަޔާންކޮށްފައިވާ ގޮތުގައި، އޭނާ ހައްޔަރުކޮށްފައިވަނީ ބަންދުން ދޫކޮށްލައިފިނަމަ މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށްޓަކައި އަދި އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ނެތި ބާރު ސްޕީޑުގައި ޒިގްޒެގްކޮށް ނުރައްކާތެރިކޮށް ދުއްވާފައިވާތީއެވެ.
މީގެއިތުރުން، އޭނާއަކީ ލައިސަންސް ނެތި ދުއްވައިގެން މިއަހަރުގެ ތެރޭގައިވެސް ހަތަރު ފަހަރެއްގެ މަތިން ފުލުހުން ހިފަހައްޓައި، ޖޫރިމަނާކޮށްފައިވާ މީހެއްކަންވެސް ކޯޓު އަމުރުގައި ފާހަގަކޮށްފައިވެއެވެ.
ހައްޔަރުކުރި ޒުވާނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ވަނީ އޭނާގެ ބަންދަށް 15 ދުވަހުގެ މުއްދަތެއް ދީފައެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists