މިދިޔަ އާދިއްތަ ދުވަހުގެ ރޭ ސޯޝަން މަގުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި ތިން މީހަކަށް އަނިޔާވި އެވެ. އެއީ އަންހެނަކާއި ދެ ފިިރިހެނުންނަށެވެ.
އެކްސިޑެންޓްގައި އެންމެ ބޮޑު އަނިޔާއެއް ލިބުނީ އުމުރުން 26 އަހަރުގެ އަންހެން މީހާއަށެވެ. އެއީ އިމިގްރޭޝަންގައި ވަޒީފާ އަދާކުރަމުންދާ ށ. ފޯކައިދޫ، މަގުމަތީގެ، ޢާއިޝަތު މާހިދާ އެވެ.
އެކްސިޑެންޓްވެ ވެއްޓުނު ގޮތަށް މާހިދާގެ ހަރަކާތް ހުއްޓުނެވެ. ލިބުނު ޒަހަމްތަކާއި ގުޅިގެން ގިނަ އަދަދަކަށް ލޭ ފައިބާފައި ހުއްޓެވެ. ބޮލަށް ލިބުނު ގެއްލުންތައް ވަރަށް ބޮޑެވެ.
ވަގުތުން އޭޑީކޭއަށް ގެންގޮސް ފަރުވާ ފެށިނަމަވެސް ހާލު އިތުރަށް ގޯސްވެ މިއަދު ހަވީރުގެ ވަގުތެއްގައި ނިޔާވީ އެވެ.
މާހިދާގެ ކުއްލި ވަކިވުމާއެކު އިމިގްރޭޝަނުން ވަނީ އާއިލާއަށް ތައުޒިޔާ ފޮނުވާފަ އެވެ. މާހިދާ، އިމިގްރޭޝަނާ ގުޅުނީ މީގެ ނުވަ މަހެއްހާ ދުވަސް ކުރީން މި އަހަރުގެ ޖަނަވަރީ މަހުގެ ތެރޭގަ އެވެ.
އެކްސިޑެންޓްގައި ނިޔާވި މާހިދާ
އިމިގްރޭޝަނުން ބުނީ މި ކުރު މުއްދަތުގައި ވެސް މާހިދާގެ ފަރާތުން އިޚްލާސްތެރި ހިދުމަތް އެ އިދާރާއަށް ލިބުނު ކަމަށެވެ. އިމިގްރޭޝަންގެ އެސިސްޓަންޓް އިމިގްރޭޝަން އޮފިސަރެއްގެ ގޮތުގައި ހުރެ ކޮށްދީފައިވާ ޯޚިދުމަތްތަކަށް އެ އިދާރާއިން ވަނީ ޝުކުރުއަދާކޮށްފަ އެވެ. އަދި މާހިދާގެ ވަކިވެ ދިއުމަކީ ހުރިހާ މުވައްޒިފުންނަށް ލިބުނު ފުން ހިތާމައެއް ކަމަށެވެ.
މާހިދާ ނިޔާވުމާއި ގުޅިގެން އޭނާގެ އެކުވެރީންނަށް ވެސް ލިބިފައިވަނީ ފުން ހިތާމަ އެކެވެ. ހެޔޮ އެދޭ ގާތް އެކުވެރިޔާ ވަކިވުމުގެ ހިތާމަ އެ ހުރިހާ އެކުވެރީން ދަނީ ކުރަމުންނެވެ.
ފުލުހުން ބުނި ގޮތުގައި، މި މައްސަލައިގެ ތުހުމަތުގައި 2026 ސެޕްޓެމްބަރު 22 ވަނަ ދުވަހު ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވަނީ އެކްސިޑެންޓުވި ދެ ސައިކަލުގެ ތެރެއިން އެއް ސައިކަލު ދުއްވި 21 އަހަރުގެ ޒުވާނާއެވެ. އޭނާއަކީ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް އޮންނަ މީހެއް ނޫނެވެ.
ކޯޓު އަމުރުގައި ބަޔާންކޮށްފައިވާ ގޮތުގައި، އޭނާ ހައްޔަރުކޮށްފައިވަނީ ބަންދުން ދޫކޮށްލައިފިނަމަ މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށްޓަކައި އަދި އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ނެތި ބާރު ސްޕީޑުގައި ޒިގްޒެގްކޮށް ނުރައްކާތެރިކޮށް ދުއްވާފައިވާތީއެވެ.
މީގެއިތުރުން، އޭނާއަކީ ލައިސަންސް ނެތި ދުއްވައިގެން މިއަހަރުގެ ތެރޭގައިވެސް ހަތަރު ފަހަރެއްގެ މަތިން ފުލުހުން ހިފަހައްޓައި، ޖޫރިމަނާކޮށްފައިވާ މީހެއްކަންވެސް ކޯޓު އަމުރުގައި ފާހަގަކޮށްފައިވެއެވެ.
ހައްޔަރުކުރި ޒުވާނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ވަނީ އޭނާގެ ބަންދަށް 15 ދުވަހުގެ މުއްދަތެއް ދީފައެވެ.
މަދީހާގެ ޖަނާޒާ އޮތީ ފަތިސް ނަމާދަށް ފަހު އާސަހަރާ މިސްކިތުގަ އެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists