ގޮތްނޭނގޭ މީހުން ހިންގަމުން އަންނަ ސްކޭމްތަކުގައި އަހަރުގެ މިހާތަނަށް 1500 އަށްވުރެ ގިނަ މީހުން ޖެހިފައިވާކަމަށް ފުލުހުން ބުނެފިއެވެ.
ސްކޭމްތަކުގެ ތަފާސްހިސާބުތަކުގެ މައުލޫމާތު ނޫސްވެރިންނަށް ހިއްސާކުރަމުން އިންސްޕެކްޓަރ އޮފް ޕޮލިސް އާދަމް ނަވީދް ވިދާޅުވީ ސްކޭމްތަކުގައި މިހާތަނަށް 1580 މީހުން ޖެހުނުއިރު، 15.06 މިލިއަން ރުފިޔާ ފޭރިގަތްކަމަށެވެ.
ނަވީދު ވިދާޅުވި ގޮތުގައި، ގެއްލުނު ފައިސާގެ ތެރެއިން ފުލުހުން ކުރި މަސައްކަތުން މިހާތަނަށް 6.6 މިލިއަން ރުފިޔާ އަނބުރާ ހޯދައިދެވިފައިވެއެވެ. މިއީ ގެއްލުނު ޖުމްލަ ފައިސާގެ 44.3 އިންސައްތައެވެ. މިގޮތުން 852 މީހެއްގެ ފައިސާ އެއްކޮށް އަނބުރާ ރައްދުކޮށްދެވިފައިވާއިރު، 320 މީހެއްގެ ފައިސާގެ ބައެއް ވަނީ އަނބުރާ ހޯދައިދެވިފައެވެ. މިއީ ދުނިޔޭގެ ނިސްބަތުން ބަލާއިރުވެސް ސްކޭމްތަކާ ދެކޮޅަށް ކުރެވޭ މަސައްކަތުގައި ފާހަގަކޮށްލެވޭ ކާމިޔާބީއެއް ކަމަށް ފުލުހުން ބުނެއެވެ.
ރާއްޖޭގައި އެންމެ ގިނައިން ހިނގާ ސްކޭމްތަކުގެ ތަފްސީލު ހާމަކުރައްވަމުން އޭނާ ވިދާޅުވީ، އެންމެ ގިނައީ އިންޓަނެޓް ނުވަތަ އޮންލައިން ވިޔަފާރީގެ ތެރެއިން މުދަލާއި ޚިދުމަތް ހޯދުމުގައި ހިންގާ އީ-ކޮމާސް ސްކޭމްތައް ކަމަށެވެ. އެގޮތުން މި ބާވަތުގެ 821 މައްސަލަ ވަނީ ރެކޯޑުކުރެވިފައެވެ. ދެވަނައަށް އެންމެ ގިނައީ ކަރަންސީ އެކްސްޗޭންޖް ކުރުމުގެ ނަމުގައި ހިންގާ ސްކޭމްތަކެވެ. މި ބާވަތުގެ 244 މައްސަލަ ހުށަހެޅިފައިވެއެވެ.
މީގެއިތުރުން، މީހުންގެ ޝަޚްޞު އޮޅުވާލައިގެން، ވައިބަރ ފަދަ ވަސީލަތްތައް ހެކްކޮށްގެން މީހުންގެ އަތުން ފައިސާ ހޯދި 213 މައްސަލައެއް ހިމެނޭއިރު، ދާދިފަހުން "ބުކިންގ ކެންސަލޭޝަން ރިފަންޑް ސްކޭމް" ގެ ނަމުގައި އާ ބާވަތެއްގެ ސްކޭމެއްވެސް މުޖުތަމައުގައި ފެންމަތިވެފައިވާ ކަމަށް ފުލުހުން ފާހަގަކުރިއެވެ.
ފުލުހުން ވަނީ މިފަދަ ސްކޭމްތަކުން ރައްކާތެރިވުމަށްޓަކައި، ފުލުހުންނާއި މީޑިއާތައް މެދުވެރިކޮށް ހިއްސާކުރާ މައުލޫމާތުތަކަށް ސަމާލުވެ، ދުރާލާ ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް އާންމު ރައްޔިތުންނަށް އިލްތިމާސްކޮށްފައެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists