ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) އާއި ބަޔާން މިއުނިކް ރޭ ބައްދަލުކުރި ޔޫއެފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލްގެ ފުރަތަމަ ލެގުގެ މެޗު 4-5 ގެ ނަތީޖާއަކުން ޕީއެސްޖީ ކާމިޔާބުކޮށްފިއެވެ.
ރޭ ފްރާންސްގެ ޕެރިހުގައި ހުންނަ ޕާކް ޑެސް ޕްރިންސަސް ސްޓޭޑިއަމްގައި ކުޅުނު މި މެޗަކީ ޗެމްޕިއަންސް ލީގުގެ ތާރީޚުގައި ސެމީ ފައިނަލެއްގެ ފުރަތަމަ ލެގުގައި މިހާތަނަށް އެންމެ ގިނަ ލަނޑު ފެނިގެންދިޔަ މެޗެވެ.
މެޗުގެ ފުރަތަމަ ލަނޑު 17 ވަނަ މިނެޓުގައި ޕެނަލްޓީއަކުން ޖަހައި ބަޔާންއަށް ކުރިހޯދައިދިނީ ހެރީ ކޭންއެވެ. ނަމަވެސް ޕީއެސްޖީން ވަނީ ފަހަތުން އަރައި ތިން ލަނޑު ޖަހާފައެވެ. އެގޮތުން ކްވަރަޓްސްކޭލިއާ 23 ވަނަ މިނެޓުގައި ލަނޑެއް ޖަހައި ނަތީޖާ ހަމަހަމަކުރިއިރު، ޖޮއާއޮ ނޭވޭސް 33 ވަނަ މިނެޓުގައި ޕީއެސްޖީއަށް ލީޑު ހޯދައިދިނެވެ. ބަޔާންގެ މައިކަލް އޮލީސޭ 41 ވަނަ މިނެޓުގައި ލަނޑެއް ޖަހައި ނަތީޖާ ހަމަހަމަކުރި ނަމަވެސް، ފުރަތަމަ ހާފު ނިމުމުގެ ކުރިން އޮސްމާން ޑެމްބެލޭ ވަނީ ޕެނަލްޓީއަކުން ޕީއެސްޖީއަށް އަލުން ލީޑު ހޯދައިދީފައެވެ.
ދެވަނަ ހާފު ފެށިގެން ޕީއެސްޖީން ވަނީ މެޗުގެ ކޮންޓްރޯލް ނަގައި އިތުރު ދެ ލަނޑު ޖަހާފައެވެ. މެޗުގެ 56 ވަނަ މިނެޓުގައި ކްވަރަޓްސްކޭލިއާ އޭނާގެ ދެވަނަ ލަނޑު ޖެހިއިރު، އޭގެ 1 މިނެޓު ފަހުން ޑެމްބެލޭ ވަނީ ޕީއެސްޖީގެ ފަސްވަނަ ލަނޑު ކާމިޔާބުކޮށްދީފައެވެ. މިއާއެކު މެޗުގެ 58 ވަނަ މިނެޓާ ހަމައަށް ޕީއެސްޖީ އޮތީ 5-2 ގެ ބޮޑު ލީޑެއްގައެވެ.
ބަޔާން މިއުނިކުން ވަނީ މެޗުގެ ފަހު 25 މިނެޓުގެ ތެރޭގައި ކުޅުން ރަނގަޅުކޮށް އިތުރު ދެ ލަނޑު ޖަހާފައެވެ. އެގޮތުން 65 ވަނަ މިނެޓުގައި އުޕަމެކާނޯ ބޮލުން ލަނޑެއް ޖެހިއިރު، 67 ވަނަ މިނެޓުގައި ލުއިސް ޑިއާޒް ވަނީ ބަޔާންގެ ހަތަރުވަނަ ލަނޑު ކާމިޔާބުކޮށްދީފައެވެ. މެޗުގެ ފަހު މިނެޓުތަކުގައި ބަޔާންއިން ނަތީޖާ ހަމަހަމަކުރުމަށް ގިނަ މަސައްކަތްތަކެއް ކުރި ނަމަވެސް އިތުރު ލަނޑެއް ފެނިފައެއް ނުވެއެވެ.
މި ނަތީޖާއާއެކު ޕީއެސްޖީއަށް ވަނީ ފައިނަލުގެ ފުރުސަތު ބޮޑުވެފައެވެ. ނަމަވެސް ބަޔާންއިން ޖެހި ހަތަރު ލަނޑާއެކު ދެވަނަ ލެގަށް ދާއިރު އެޓީމަށް ވެސް އުންމީދު އެބައޮތެވެ. މި ދެޓީމު ބައްދަލުކުރާ ސެމީ ފައިނަލްގެ ދެވަނަ ލެގު އޮންނާނީ އަންނަ މެއި މަހުގެ 7 ވަނަ ދުވަހު ޖަރުމަނުގެ އެލިއަންޒް އެރީނާގައެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists