ހޯސޭ މޮރީނިއޯ އަލުން ރެއާލް މެޑްރިޑާ ގުޅުމުގެ ފުރުސަތު ބޮޑުވެއްޖެކަމަށް މީޑިއާތަކުން ރިޕޯޓްކުރަން ފަށައިފިއެވެ.
މި ރިޕޯޓްތައް އަންނަން ފެށީ، ރެއާލް މެޑްރިޑްގެ ކޯޗުކަމުން އެލޮންސޯ އިސްތިއުފާ ދިނުމުން، އެ ޓީމު އޭނާގެ ބަދަލުގައި ކޯޗުކުރަމުންދިޔަ އަރަބިއޯލާގެ ބަދަލުގައި ކޯޗެއް އައްޔަނުކުރުމަށް ރެއާލް އިން ނިންމުމުންނެވެ.
އެގޮތުން، ރެއާލް މެޑްރިޑުގެ ކޯޗުގެ މަގާމަށް އަރިބިއޯލާގެ ބަދަލުގައި އައްޔަންކުރުމުގެ އެންމެ ފަހުގެ ނިންމުން ނިންމަވާނީ މިފަހަރު އެ ކްލަބުގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒް އަމިއްލަފުޅަށެވެ. މިހާރު ކްލަބުން ބަލަމުންދާ ލިސްޓުގައި ހިމެނޭ ހަތަރު ކެންޑިޑޭޓުންގެ ތެރޭގައި މޮރީނިއޯ ހިމެނޭކަން ވަނީ ކަށަވަރުވެފައެވެ. ޕެރޭޒް އާއި މޮރީނިއޯއާ ދެމެދު ގާތް ގުޅުމެއް އޮންނަ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ.
މޮރީނިއޯ މީގެ ކުރިން 2010 އިން 2013 އަށް އެ ކްލަބަށް ކޯޗުކަން ކޮށްދީފައިވާއިރު، އޭނާ ވަނީ އެ މުއްދަތުގައި ސްޕެނިޝް ލަލީގާ އާއި ކޯޕާ ޑެލް ރޭގެ އިތުރުން ސްޕެނިޝް ކަޕްވެސް ރެއާލް އާއިއެކު ކާމިޔާބުކޮށްފައެވެ.
މިވަގުތު މޮރީނިއޯ ހުރީ ޕޯޗުގަލްގެ ބެންފީކާގެ ކޯޗުކަމުގެ މަގާމުގައެވެ. ބެންފީކާއިން ބޭނުންވަނީ މޮރީނިއޯ އެ ކްލަބުގައި މަޑުކުރުވުމަށެވެ. ނަމަވެސް، މޮރީނިއޯގެ ކޮންޓްރެކްޓުގައިވާ ގޮތުން އޭނާ ކްލަބުން ވަކިވާނަމަ ދައްކަންޖެހޭ 6 މިލިއަން ޔޫރޯގެ ބްރޭކް ކްލޯޒްއެއް އެބައޮތެވެ.
މި ބްރޭކް ކްލޯޒްގެ ބޭނުން ހިފޭނީ ހަމައެކަނި މެއި މަހުގެ ފަހު ދުވަސްތަކާ ހަމައަށެވެ. އެހެންކަމުން، ރެއާލް މެޑްރިޑުން މޮރީނިއޯ ގެންދަން ބޭނުންވާނަމަ، އެ މުއްދަތު ހަމަވުމުގެ ކުރިން އެކަމާ މެދު ގޮތެއް ނިންމަން ޖެހޭނެއެވެ. މި މުއްދަތު ފަހަނައަޅައި ގޮސްފިނަމަ، އޭނާ ކްލަބުން ވަކިވުމުގެ ޝަރުތުތަކަށް ބަދަލު އައުން އެކަށީގެންވެއެވެ.
ޔޫރަޕްގެ ފުޓްބޯޅަ މާކެޓުގައި މި ހަބަރާއެކު ބޮޑު ސަމާލުކަމެއް ވަނީ އުފެދިފައެވެ. ރެއާލް މެޑްރިޑުގެ ކުރިމަގާ މެދު ޕެރޭޒް ނިންމަވާ ނިންމެވުމަކީ ކުރިއަށް އޮތް ސީޒަނަށް އެ ކްލަބުން ރާވާފައިވާ ކަންކަމަށް ވަރަށް ބޮޑު އަސަރެއް ކުރާނެ ކަމެކެވެ. މޮރީނިއޯ އެނބުރި އައުމަކީ އެ ކްލަބުގެ ގިނަ ސަޕޯޓަރުން އެދޭކަމެކެވެ. ރިޕޯޓްތަކުން ބުނާ ގޮތުގައި، އޭނާއަކީ ޕެރޭޒްގެ ލިސްޓުގެ ކުރީގައި އުޅޭ ކޯޗެކެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists