އަތުލިޔުމެއް ދައްކާލަ ދިނުމަށް އޭއައި އިން ޖެނަރޭޓްކޮށްފައިވާ ތަސްވީރެއް
ލައިފްސްޓައިލް
04 Jul 2026 | 09:40
ދަރިވަރުންގެ އަތުލިޔުން ހުތުރުވާ ސަބަބުތަކާއި، އެކަން ރަނގަޅުކުރެވިދާނެ ގޮތްތައް

އަތުލިޔުމަކީ ކިޔަވައިދިނުމުގެ މަރުޙަލާގައި ދަރިވަރުންނަށް ބޭނުންވާ އެންމެ އަސާސީ އެއް ހުނަރެވެ. ރީތި އަތުލިޔުމެއްގެ އެހީގައި ދަރިވަރުންނަށް އެކުދިންގެ ޚިޔާލުތައް ސާފުކޮށް ބަޔާންކޮށްދެވިގެންދާނެއެވެ. ނަމަވެސް، މިހާރަކަށް އައިސް ގިނަ ދަރިވަރުންނަށް ސާފުކޮށް، ރީތިކޮށް ލިޔުމުގައި ގިނަ ދަތިތަކާއި ކުރިމަތިވެއެވެ. މިއީ ސްކޫލްތަކާއި، މުދައްރިސުންނާއި، ބެލެނިވެރިން އަދި ދަރިވަރުންވެސް ޚާއްސަ ސަމާލުކަމެއް ދޭންޖެހޭ މައްސަލައެކެވެ.

މައްސަލަ ދިމާވާ ސަބަބުތަކުގެ ތެރޭގައި..

އަތުލިޔުން ހުތުރުވާ އެންމެ ބޮޑު އެއް ސަބަބަކީ ޤަވާއިދުން ލިޔަން ފަރިތަނުކުރުމެވެ. ހާއްސަކޮށް ޒަމާނީ ޓެކްނޮލޮޖީއާ އަހަރެމެން ގާތްވިވަރުން މިކަން މިވަނީ ކަންބޮޑުވާ ދަރަޖައަކަށް ގޮސްފައެވެ. އެހެނީ މިޒަމާނުގައި ކުދިން ގިނަ ވަގުތު ހޭދަކުރަނީ ޑިޖިޓަލް ވަޞީލަތްތައް ބޭނުންކުރުމާއި، ޓައިޕްކުރުމުގައެވެ. މީގެ ސަބަބުން އަތުގެ އިނގިލިތަކުގެ މަސްތައް ބޭނުންކޮށްގެން ގަލަން ހިފެހެއްޓުމާއި ލިޔުން ކޮންޓްރޯލްކުރުމުގެ ބާރު ކުދިންގެ ކިބައިގައި ދަށްވެއެވެ.

މީގެ އިތުރުން، ގަލަން ނުވަތަ ފަންސުރު ހިފަހައްޓާ ގޮތް ނުބައިވުމާއި، ލިޔަން އިންނަ ގޮތް ރަނގަޅުނުވުމަކީ ވެސް ލިޔުން ހުތުރުވާން މެދުވެރިވާ ސަބަބުތަކެވެ. ބައެއް ދަރިވަރުންނަކީ ފިލާވަޅުތައް ނިންމުމަށާއި އިމްތިޙާންތަކުގައި ވަގުތު ސަލާމަތްކުރުމަށް ވަރަށް އަވަސް އަރުވާލައިގެން ލިޔާ ކުދިންނެވެ. މީގެ ސަބަބުން ވެސް އަކުރުތައް ސާފުނުވެ ލިޔުން ހުތުރުވެއެވެ.

ލިޔުމަށް ޝައުގުވެރިކަން ނެތުމަކީ ވެސް ކުރިމަތިވާ މައްސަލައެކެވެ. ބައެއް ކުދިން ދެކޭގޮތުގައި އަތުލިޔުމަކީ އެހާ މުހިންމު ކަމެއް ނޫނެވެ. އެހެންކަމުން ލިޔުން ރަނގަޅުކުރުމަށް އެކުދިން މަސައްކަތެއް ނުކުރެއެވެ. އަދި ބައެއް ފަހަރު ކުޑައިރުން ފެށިގެން ލިޔުމުގެ އާދަތައް އިޞްލާހުކުރުމަށް ސްކޫލުން ނުވަތަ ގޭތެރެއިން އެކަށީގެންވާ އިރުޝާދު ނުލިބުމަކީ ވެސް މި މައްސަލަ ދިމާވާ ސަބަބެކެވެ.

އަތުލިޔުން ހުތުރުވުމުން ކުރިމަތިވާ މައްސަލަތައް..

އަތުލިޔުން ހުތުރުވުމުގެ ސަބަބުން ދަރިވަރުންގެ އުނގެނުމަށް ނޭދެވޭ އަސަރުތަކެއް ކުރެއެވެ. ދަރިވަރަށް ޖަވާބު އެނގުނު ކަމުގައިވިޔަސް، ލިޔުން ސާފުނުވުމުގެ ސަބަބުން މުދައްރިސުންނަށް އެ ކިޔަން އުނދަގޫވެ، މާރކުކުރުމަށް ދަތިވެއެވެ.

މީގެ އިތުރުން، މިކަމުގެ ސަބަބުން ކުއްޖާގެ އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ކުޑަވެގެންދެއެވެ. އެހެން ކުދިންގެ ލިޔުންތަކާ އަޅާބަލާއިރު ތިމާގެ ލިޔުން ހުތުރުކޮށް ހުރުމުން، ކުއްޖާ ލަދުގަނެ ނުވަތަ މާޔޫސްވާގޮތް ދިމާވެއެވެ. ނަތީޖާއެއްގެ ގޮތުން، ލިޔުމާ ގުޅުންހުރި ޙަރަކާތްތަކަށް އޮންނަ ޝައުގުވެރިކަން މަޑުމަޑުން ކުޑަވެގެންދެއެވެ.

ސްކޫލްތަކަށް ކުރެވިދާނެ ކަންތައްތައް..

ދަށް ގްރޭޑްތަކުން ފެށިގެން އަތުލިޔުން ރަނގަޅުކުރުމަށް ސްކޫލްތަކުން ޚާއްސަ ސަމާލުކަމެއް ދޭންޖެހެއެވެ. ޓައިމްޓޭބަލްގައި އަތުލިޔުން ފަރިތަކުރުމަށް ވަގުތު ހިމަނައި، އަތުލިޔުމުގެ މުބާރާތްތައް އިންތިޒާމްކޮށް ރޭވުމަކީ ކުދިންނަށް ލިބޭނެ ހިތްވަރެކެވެ.

މުދައްރިސުންނަށް ކުރެވިދާނެ ކަންތައްތައް..

އަތުލިޔުން ރަނގަޅުކުރުމުގައި މުދައްރިސުންގެ ދައުރު ވަރަށް ބޮޑެވެ. ގަލަން ހިފަހައްޓާނެ ރަނގަޅު ގޮތާއި، އަކުރުތަކުގެ ބައްޓަމާއި ފޮތް ބާއްވަންވީ ގޮތުގެ އިރުޝާދު ދަރިވަރުންނަށް ދޭންޖެހެއެވެ. މުދައްރިސުން ޤަވާއިދުން ކުދިންގެ ލިޔުންތައް މާރކުކޮށް އިޞްލާޙުތައް ބުނެދޭންވާނެއެވެ. އެއިރުން ދަރިވަރުންނަށް އަތުލިޔުން ރީތި ކުރުމަޓަކައި ކުރަންޖެހޭ ކަންކަން ފަސޭހައިން އެނގިގެންދާނެއެވެ.

ހަމައެކަނި ފިލާވަޅުގެ ޖަވާބަށް ބެލުމުގެ ބަދަލުގައި، ލިޔުންތައް ތަރުތީބުކޮށް ހުށަހެޅުމަށް ކުދިންނަށް ބާރުއަޅަންޖެހެއެވެ. ކޮންމެ ދުވަހަކު ކުޑަ ވަގުތުކޮޅަކު ލިޔަން ފަރިތަކުރުވުމަކީ މަޑުމަޑުން ލިޔުން ރަނގަޅުކުރުމަށް އެހީތެރިވެދޭނެ ކަމެކެވެ.

ބެލެނިވެރިންނަށް ކުރެވިދާނެ ކަންތައްތައް..

ގޭގައި އަތުލިޔުން ފަރިތަކުރުމަށް ބެލެނިވެރިން ކުދިންނަށް ހިތްވަރު ދޭންޖެހެއެވެ. ދުވާލަކު 10 ނުވަތަ 15 މިނެޓު ލިޔަން ހޭދަކުރުމަކީ ވެސް ބޮޑު ބަދަލެއް އަންނާނެ ކަމެކެވެ. ކުދިން ލައްވައި ކުރު ލިޔުންތައް ނަކަލުކުރުވުން ނުވަތަ ކޮންމެ ދުވަހެއްގެ ތަޖުރިބާ ކުރުކޮށް ލިޔަން ބުނުން ފަދަ ކަންކަން ކުރެވިދާނެއެވެ.

މީގެ އިތުރުން، ސްކްރީން ބޭނުންކުރާ ވަގުތު މަދުކޮށް، ލިޔުމަށް ކުދިން ޝައުޤުވެރި ކުރުމަށް ބޭނުންވާ ސާމާނާއި މާޙައުލެއް ފަހިކޮށްދެވިދާނެއެވެ. ކުއްޖާގެ ލިޔުމަށް އަންނަ ކުރިއެރުންތައް ފާހަގަކޮށް ތަޢުރީފުކުރުމަކީ، އެކުދިން އިތުރަށް މަސައްކަތްކުރުމަށް ލިބޭނެ ވަރަށް ބޮޑު ހިތްވަރެކެވެ.

ދަރިވަރުންނަށް ކުރެވިދާނެ ކަންތައްތައް..

އަތުލިޔުމަކީ އުނގެނުމުގެ މުހިންމު ބައެއްކަން ދަރިވަރުން ޤަބޫލުކުރަންޖެހެއެވެ. ލިޔާއިރު ރީތިކޮށް ލިޔުމަށާއި، ރަނގަޅަށް އިށީނދެގެން އިނުމަށާއި، ގަލަން ނުވަތަ ފަންސުރު ހިފަހައްޓަންޖެހޭ ގޮތަށް ހިފެހެއްޓުމަށް ސަމާލުކަން ދޭންޖެހެއެވެ. ކެތްތެރިކަމާއެކު ޤަވާއިދުން މަސައްކަތްކޮށްފިނަމަ، ކޮންމެ ދަރިވަރަކަށް ވެސް އެކުއްޖެއްގެ އަތުލިޔުން ރީތިކުރެވިދާނެއެވެ.

އަތުލިޔުން ރީތިކުރުމަކީ ހަމައެކަނި އެކެއްގެ ޒިންމާއެއް ނޫނެވެ. މިކަން ރަނގަޅުކުރުމަށް ސްކޫލްތަކާއި، މުދައްރިސުންނާއި، ބެލެނިވެރިން އަދި ދަރިވަރުން ގުޅިގެން މަސައްކަތް ކުރަން ޖެހެއެވެ. ޤަވާއިދުން ލިޔަން ފަރިތަކުރުމާއި، އެކަށީގެންވާ އިރުޝާދާއި ހިތްވަރު ލިބިއްޖެނަމަ، ކޮންމެ ދަރިވަރަކީ ވެސް ސާފު، ރީތި އަތުލިޔުމެއް ލިޔާނެ ކުއްޖަކަށް ވުމަށް މަގުފަހިވެގެންދެއެވެ.

ކޮމެންޓް
ޢަލީ
ލިޔުމުގައި މުހިންމު ބައިތަކަށް އަލިއަޅުވާލާފައި އެބަވޭ. އެ ހުނަރު ތަރައްގީ ކުރެވޭނީ ގިނައިން ލިޔެގެން. ފަރިތަކުރުންތައް އިތުރުކޮއްގެން.
04 Jul 2026
ބުރޯ
އެކޮޅުކޮޅުން ލިޔަންޏާ ހަޑިވާނެކަންނޭނގެ
05 Jul 2026
ގުޅޭ ލިޔުންތައް
05 Oct 2026
އިނގުރައިދޫގެ އެންމެ ދުވަސްވީ ޚިދުމަތްތެރި އެއް މުދައްރިސް
މުހައިމިން ވިދާޅުވި ގޮތުގައި މީގެ 37 އަހަރު ކުރިން އަތޮޅު މަދަރުސާއިން ޚިދުމަތް ފެއްޓެވިއިރު، ތައުލީމީ ދާއިރާ އޮތީ ހާސްބައި ތަފާތުކޮށެވެ. ފުރަތަމަ ކަމަކަށް ސްކޫލަށް ކުދިން ގެނައުމަށްޓަކައި ގެތަކަށް ހިނގައި ބެލެނިވެރިންނާ ވާހަކަދައްކަން ޖެހުނެވެ. ރަށްރަށުގެ ސްކޫލްތަކުގައި ވަސީލަތްތައް އިންތިހާއަށް މަދެވެ
05 Oct 2026
އެގްރޯނެޓްގެ ޗެއާމަނަކަށް މިފްކޯގެ ސީއީއޯ، އެމްޑީއަކަށް ޝިނާން ހަމަޖައްސައިފި
އެ ކުންފުނީގެ އިސް މަގާމުތަކަށް ބޭފުޅުން އައްޔަނުމިކުރީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ދަށަށް އެ ކުންފުނި މިދިޔަ މަހު ބަދަލުކޮށްފައި ވަނިކޮށެވެ.
05 Oct 2026
ކުއްޖަކަށް އޭނާގެ ބޭބެ ޖިންސީ ގޯނާކުރި މައްސަލައެއް؛ ތަހުގީގު ފަށައިފި
ފުލުހުން މިރޭ ބުނީ ނޯތު ޕޮލިސްގައި ހިމެނޭ ރަށެއްގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ދަނީ ތަހުގީގުކުރަމުން ކަމަށެވެ.
05 Oct 2026
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ އެވެ.
05 Oct 2026
ރަޝިއާގެ ލެބޯޓްރީއެއްގައި ހިނގި ހާދިސާއަކާ ގުޅިގެން "ޕްލޭގް" ބަލި ފެތުރިދާނެކަމުގެ ބިރު ހީވެއްޖެ
މި ހާދިސާއާ ގުޅިގެން ބައިނަލްއަގުވާމީ ސަމާލުކަން ވެސް ވަނީ މިކަމަށް ހުއްޓިފައެވެ. އެމެރިކާގެ ވައިޓް ހައުސް އާއި ސިއްހީ އިދާރާތަކުން ދަނީ މި ހާލަތު ވަރަށް ގާތުން މޮނިޓަރ ކުރަމުންނެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ މިކަމުގެ ސައްހަ މައުލޫމާތު ވީހާވެސް އަވަހަކަށް އަދި ދެފުށް ފެންނަ ގޮތެއްގައި ހާމަކުރުމަށް ރަޝިއާ ސަރުކާރަށް ގޮވާލާފައެވެ.
05 Oct 2026
ދިވެހި ދަރިވަރު ނިޔާވި އެކްސިޑެންޓް: ޑްރައިވަރު އިނީ މަސްތުވެގެން، ޑްރަގަށް ޕޮޒިޓިވް
މެލޭޝިޔާގައި ރޭ ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ނިޔާވި ދަރިވަރު އިން ކާރު ދުއްވަން އިން ޑްރައިވަރު އިނީ މަސްތުގެ ހާލަތުގައި ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.
05 Oct 2026
ތިނަދޫ މޭޔަރުގެ ޝަރީއަތް ފަށައިފި، ވަކީލަކު ހަމަޖައްސަން 10 ދުވަސް
އެއީ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާއި ތަހުގީގަށް ހުރަސްއެޅުމުގެ ދައުވާ އެވެ. އެ ދެ ދައުވާގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓްގައި ވަނީ ފަށާފަ އެވެ.
05 Oct 2026
އެމްފައިސާ މެދުވެރިކޮށް ޕޭޕަލް ބޭނުންކުރާ ކަސްޓަމަރުންގެ ޢަދަދު 5000 ފަހަނައަޅައިފި
އުރީދޫއިން ބުނީ ޖޫން 2026 ގައި ފެށި މި ޚިދުމަތުގެ ދަށުން ކަސްޓަމަރުންނަށް އެ މީހުންގެ ޕޭޕަލް އެކައުންޓް އެމްފައިސާއާ ގުޅާލައި ޕޭޕަލް މެދުވެރިކޮށް ލިބޭ ޑޮލަރު ސީދާ އެމްފައިސާ ޔޫއެސްޑީ ޕޮކެޓަށް ޖަމާކުރެވޭ ކަމަށެވެ. ހަމައެހެންމެ ޖަމާކޮށްފައި ހުންނަ ފައިސާ އަނބުރާ ޕޭޕަލް އެކައުންޓަށް ފޮނުވުމުގެ ފުރުޞަތު ވެސް ލިބެއެވެ. މި ޓްރާންސެކްޝަންތަކަށް އުރީދޫން މިވަގުތު އެއްވެސް ފީއެއް ނުނަގައެވެ.