ޝެއިޚް ހަސީނާ
ދުނިޔެ
10 Jul 2026 | 15:51
އަހަރެން ހައްޔަރުކޮށް މަރާލައިވެސް ފާނެ؛ އެކަމަކު ޑިސެންބަރުގައި އެނބުރި ބަންގްލަދޭޝްއަށް ދާނަން: ޝެއިޚް ހަސީނާ

ބަންގުލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝޭޚް ހަސީނާ އެ ކަމަނާގެ ޕާޓީގެ އިސް ބޭފުޅުންނާ އެކު ޑިސެމްބަރު ހާތާނގައި ބަންގުލަދޭޝަށް އެނބުރި ވަޑައިގެން ކޯޓަށް ހާޒިރުވެވަޑައިގަންނަވާނެ ކަމަށް ރޮއިޓާސް އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވެއްޖެއެވެ.

އުމުރުފުޅުން 78 އަހަރުގެ ހަސީނާ ރޮއިޓާސް އަށް ފޯނުން ދެއްވި ގާތްގަނޑަކަށް އެއް ގަޑިއިރުގެ އިންޓަވިއުގައި ވިދާޅުވީ އެނބުރި ވަޑައިގެންފި ނަމަ ހައްޔަރުކޮށްފާނެ ކަމަށާއި އެ ކަމަނާ މަރާލައިވެސް ފާނެ ކަމަށެވެ.

"އެހެން ނަމަވެސް އަޅުގަނޑު ދާން ޖެހޭ. އަޅުގަނޑުގެ ޕާޓީގެ ލީޑަރުންނާއި މެމްބަރުންނަށް ވަރަށް ބޮޑަށް އަނިޔާ ލިބެމުން ދަނީ. މަރު އަތުވެއްޖެ ނަމަ އަޅުގަނޑު ބޭނުންވަނީ އަޅުގަނޑުގެ އަމިއްލަ ބިމުގައި އަޅުގަނޑުގެ މައިންބަފައިން ވަޅުލެވިފައިވާ އަދި އެ ބޭފުޅުންގެ ލޭ އޮހޮރުނު ބިމުގައި މަރުވާން" ކަމަށް ހަސީނާ ވިދާޅުވިއެވެ.

ބަންގަލަދޭޝްގައި އެންމެ ގިނަ ދުވަހު ވެރިކަން ކުރެއްވި ލީޑަރު ހަސީނާ ވިދާޅުވީ އެ ކަމަނާ އާއި އަވާމީ ލީގުގެ މެމްބަރުން ދެ އަހަރު ކުރިން ފިއްލެވި ޤައުމަށް އަމިއްލަފުޅަށް ވަޑައިގެން ކޯޓަށް ހާޒިރުވެވަޑައިގަންނަވާނެ ކަމަށެވެ. މިއީ އެ ކަމަނާ އެނބުރި ވަޑައިގެންނެވުމުގެ ވަގުތު ކަނޑައެޅުއްވި ފުރަތަމަ ފަހަރެވެ. އަދި އަރުވާލެވިފައިވާ އެހެން އަވާމީ ލީގުގެ ލީޑަރުންވެސް އެކީ ހާޒިރުވާނެ ކަމަށް ވިދާޅުވި ފުރަތަމަ ފަހަރެވެ. އެ ބޭފުޅުންގެ ތެރޭގައި ކުރީގެ ދާޚިލީ ވަޒީރު އަސަދުއްޒަމާން ޚާން ކަމާލް ހިމެނިވަޑައިގަންނަވައެވެ. އޭނާ އަށް ވެސް ވަނީ މަރުގެ ހުކުމް އިއްވާފައެވެ.

ހަސީނާ 2024 ވަނަ އަހަރު ބަންގުލަދޭޝް ދޫކުރައްވައި ވަޑައިގެންނެވީ ދަރިވަރުން އިސްވެ ހިންގި މުޒާހަރާތަކާ ގުޅިގެން 20 އަހަރުވަންދެން އަދާކުރެއްވި ބޮޑު ވަޒީރުކަމުގެ މަގާމުން އިސްތިއުފާ ދެއްވުމަށްފަހުގައެވެ.

ބަންގުލަދޭޝްގެ ހަނގުރާމައިގެ ޖަރީމާތަކާ ބެހޭ ކޯޓުން ނޮވެމްބަރު މަހު ވަނީ މުޒާހަރާކުރި ދަރިވަރުންނާ ދެކޮޅަށް ހަމަލާ ދިނުމަށް އަމުރުކުރެއްވި ކަމުގެ ކުށުގައި ހަސީނާގެ ޣައިރު ހާޒިރުގައި މަރުގެ ހުކުމް އިއްވާފައެވެ. އެ ހުކުމާ ގުޅޭ ތުހުމަތުތައް ހަސީނާ ވަނީ ދޮގުކުރައްވާފައެވެ.

ނަމަވެސް އެ ކަމަނާ ވެރިކަން ވެއްޓުމާ ގުޅިގެން ހިނގި ހަމަނުޖެހުންތަކުގައި 1400 އާ ހަމައަށް މީހުން މަރުވި ކަމަށް އެކުވެރި ދައުލަތްތަކުގެ ޖަމިއްޔާގެ ރިޕޯޓެއްގައި ބުނެފައިވެއެވެ.

ހަސީނާ އެނބުރި ވަޑައިގެންނެވުމަކީ ބަންގުލަދޭޝްގެ ސިޔާސީ ބައިބައިވުންތައް އިތުރުވެގެންދާނެ ކަމެކެވެ. ހަމައެއާ އެކު ނިއު ދެއްލީން ހަސީނާ އަށް ހިމާޔަތް ދެއްވުމާ ގުޅިގެން ހީނަރުވެފައިވާ އިންޑިއާ-ބަންގުލަދޭޝް ގުޅުން ރަނގަޅުވެދާނެ ކަމެއް ކަމަށްވެސް ބެލެވެއެވެ.

ބަންގުލަދޭޝުން ވަނީ ހަސީނާ ހަވާލުކުރުމަށް އިންޑިއާ ކިބައިން ތަކުރާރުކޮށް އެދިފައެވެ. އިންޑިއާގެ ޚާރިޖީ ވުޒާރާ އިން އެޕްރީލް މަހު ބުނީ ހަސީނާ ހަވާލުކުރުމުގެ ރިކުއެސްޓު ބަލަމުން ގެންދާ ކަމަށާއި ބަންގުލަދޭޝްގެ އާ ސަރުކާރާ އެކު "ގުޅުން ވަރުގަދަ ކުރަން ބޭނުންވާ" ކަމަށެވެ.

ބަންގްލަދޭޝް ޒުވާނުންގެ މުޒާހަރާ

ދެއްލީގައި ހުންނެވި ގެކޮޅުން ރޮއިޓާސް އާ ވާހަކަ ދައްކަވަމުން ހަސީނާ ވިދާޅުވީ "ގާތްގަނޑަކަށް ހުރިހާ ލީޑަރުންނާއި މެމްބަރުންގެ މައްޗަށް ދައުވާ އުފުލާފައިވާ" ކަމަށާއި ގިނަ ބަޔަކު ފިލައިގެން އުޅޭ ކަމަށެވެ. "އެހެންވެ އަޅުގަނޑު ބުނީ މި ފަހަރު އަޅުގަނޑު އެނބުރި ދާނަމޭ އަދި އެއް ދުވަހެއްގައި ތިޔަ ހުރިހާ ބޭފުޅުންވެސް ވަޑައިގަންނަވާށޭ. އެންމެން އެކުގައި ކޯޓަށް ހާޒިރުވާނީއޭ" ހަސީނާ ވިދާޅުވިއެވެ.

ނަމަވެސް އެނބުރި ވަޑައިގެންނެވޭނެ ވަކި ތާރީޚެއް ނުވަތަ ކޮން ކޯޓަކަށް ހާޒިރުވެވަޑައިގަންނަވާނެ ކަމެއް ވިދާޅެއް ނުވެއެވެ.

"އަޅުގަނޑު ޢަދުލު އިންސާފަށް ތަބާވަން. ޝަރީޢަތް ފެށުމުން މައްސަލަ ރައްޔިތުންނަށް ސާފުވާނެ. އެކަން ސާބިތުކޮށްދޭން އަޅުގަނޑު ބޭނުން" ކަމަށް ހަސީނާ ވިދާޅުވިއެވެ.

ހަސީނާ އަކީ ބައި ޤަރުނަށް ވުރެ ދިގު މުއްދަތަކަށް ބަންގުލަދޭޝްގެ ސިޔާސީ މައިދާނުގައި ފާހަގަކޮށްލެވޭ ޝަޚުސިއްޔަތެކެވެ. އެ ކަމަނާގެ ބައްޕާފުޅު ބަންގުލަދޭޝްގެ މިނިވަންކަމުގެ ލީޑަރު ޢަސްކަރީ ބަޣާވާތެއްގައި އާއިލާގެ ގިނަ ބޭފުޅުންނާ އެކު އަވަހާރަކޮށްލެވުނީއެވެ.

ހަސީނާ އާއި އޭނާގެ ބައްޕަ

އެ ކަމަނާއަށް ޤައުމުގެ އިޤުތިޞާދު ކޮޅަށް ޖެއްސެވުމަށް މަސައްކަތް ކުރެއްވިއެވެ. ނަމަވެސް ދިގު ވެރިކަމުގެ ތެރޭގައި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ނެތިކޮށްލައި ޑިމޮކްރެޓިކް މުއައްސަސާތައް ބަލިކަށިކުރެއްވި ކަމުގެ ތުހުމަތު ވަނީ ކުރެވިފައެވެ. މި ތުހުމަތުތައް ހަސީނާ ދޮގުކުރައްވައެވެ.

ޖަލަށް ދާން ޖެހިދާނެތީ ކަންބޮޑުވެވަޑައިނުގަންނަވާ ކަމަށް ހަސީނާ ވިދާޅުވިއެވެ. 1981 ގައި އަރުވާލެވުމަށް ފަހު ބަންގުލަދޭޝަށް އެނބުރި ވަޑައިގެންނެވި ފަހުން ޢަސްކަރީ ވެރިކަމާ ދެކޮޅު ހަރަކާތްތަކުގައި ތަކުރާރުކޮށް ހައްޔަރުކުރެވުނު ކަމަށާއި 2007 ގައި ޢަސްކަރިއްޔާގެ ތާއީދު އޮތް ވަގުތީ ސަރުކާރަކުން ކޮރަޕްޝަންގެ ދައުވާގައި ޖަލަށް ލެވުނު ކަމަށް ހަސީނާ ވިދާޅުވިއެވެ. އެ ފަހުން 2008 ގައި މިނިވަންވެ އިންތިޚާބު ކާމިޔާބު ކުރެއްވީއެވެ.

"ސަރުކާރަކުން ގިނަ ދުވަސްތަކެއް ވަންދެން ވެރިކަން ކުރީމާ ގޯސްތައް ހެދިދާނެ. އެއްވެސް ސަރުކާރަކީ ގޯހެއް ނުހެދޭނެ ސަރުކާރެއް ނޫން. އެކަމަކު ސަރުކާރެއްގެ ރަނގަޅާއި ގޯސް ވަޒަންކުރުމުގެ ހައްޤު އޮތީ ރައްޔިތުންގެ އަތުގައި. އެ ނިންމުން އަޅުގަނޑު ދޫކޮށްލަނީ ރައްޔިތުންނަށް" ކަމަށް ހަސީނާ ވިދާޅުވިއެވެ.

ބަންގުލަދޭޝްގެ 300 ޕާލިމެންޓަރީ ދާއިރާގެ ތެރެއިން 125 ދާއިރާ ހިމެނޭ ގޮތަށް އޮންލައިން ބައްދަލުވުންތައް ބާއްވައި އަވާމީ ލީގު އަލުން ތަރުތީބު ކުރެއްވުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ހަސީނާ ވިދާޅުވިއެވެ.

"އެ ބޭފުޅުން އަޅުގަނޑުގެ މައްޗަށް ހުކުމް ކޮށްފައި އޮތީމާ އަދި އަޅުގަނޑަށް އިންތިޚާބުގައި ވާދަ ނުކުރެވިދާނެ. އެކަމަކު އަވާމީ ލީގު ސަސްޕެންޑް ކުރަންވީ ކީއްވެ؟ އަޅުގަނޑުމެން ގޯސްކޮށް ކަންކުރި ނަމަ ރައްޔިތުން ނިންމާށޭ" ކަމަށް ހަސީނާ ވިދާޅުވިއެވެ.

ހަސީނާގެ ވާހަކަފުޅުތަކާ ގުޅިގެން ބަންގުލަދޭޝް ސަރުކާރުގެ ތަރުޖަމާނުން ކޮމެންޓް ކުރެއްވުމަށް ރޮއިޓާސް ގެ ރިކުއެސްޓަށް ޖަވާބެއް ދީފައެއް ނުވާ ކަމަށް ރޮއިޓާސްއިން ބުނެއެވެ. އަދި އިންޑިއާގެ ޚާރިޖީ ވުޒާރާ އިންވެސް ޖަވާބެއް ދީފައެއް ނުވާ ކަމަށް ބުންޏެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Oct 2026
އެފްއޭއެމް އެވޯޑްސް؛ މޮޅު ފުޓްބޯޅަ ކުޅުންތެރިންނަށް އައިހަމް އަދި ސާލިޔާ
އެންމެ މޮޅު އަންހެން ކުޅުންތެރިޔާގެ އެވޯޑް ޝާލިޔާ ހޯދިއިރު، އޭނާ އާ އެންމެ ވާދަކޮށްފައިވަނީ، މާޒިއާގެ އާއިމިނަތު ލީޒާ އާއި، ނިއުރެޑިއަންޓްގެ މައީޝާ، އަދި ހަމަ އެޓީމްގެ މަރިޔަމް ނޫރާ އާއި މާޒިޔާގެ ޝައްފައެވެ.
08 Oct 2026
ރެއާ ދުވާލު މި އުޅެނީ، އޮންލައިންކޮށް ވިޔަފާރިކުރުމުގައި ހުރި ދަތިތައް ހައްލުކޮށްދޭން: ރައީސް
"ރެއާ ދުވާލު މިއުޅޭނީ އެކަމާ. އެކަން ހައްލުކޮށްދޭނަން އިރާދަކުރެއްވިއްޔާ،" ރައީސް މިރޭ ވިދާޅުވި އެވެ.
08 Oct 2026
އެފްއޭއެމް ޕްރެސިޑެންޓްސް އެވޯޑް ބަކާ، ސާންތީ އަދި އިފްރާއަށް
މި ތިން ޝަހުއްސިއްޔަތުންނަކީވެސް 2008 ވަނަ އަހަރު ދިވެހި ޤައުމީ ފުޓްބޯޅަ ޓީމް ސާފް ޗެމްޕިއަން ތަށި އުފުލާލިއިރު ޓީމްގައި ހިއްސާވި ފަރާތްތަކެވެ.
08 Oct 2026
ގްރޭޓްއޯޝަންސްޑައިލޮގްގައި ފައްޔާޒް: ރާއްޖެއަށް އޮތް ގޮންޖެހުންތަކާއި ދިވެހީންގެ ކަންބޮޑުވުންތައް ހިއްސާކުރެއްވި
ވިދާޅުވީ ޑިމޮކްރެސީ ދެމެހެއްޓުމަށް މަސައްކަތް ކުރާ ފަދައިން ދިވެހީންނަކީ ދިރިހުރުމަށްޓަކައި ވެސް ހަނގުރާމަ ކުރަން ޖެހިފައިވާ ބައެއް ކަމަށެވެ.
08 Oct 2026
ރުގުޔާ ކުުރުމުގެ ނަމުގައި މަހާނަ ކޮންނަ ހިސާބަށް؛ ހުއްދައެއް ނޫން، ހަރާމްވާނެ
ރުޤްޔާ ކުރުމުގެ ނަމުގައި ޤަބުރުސްތާނަށް ވަދެ މަހާނަ ނަގައި ނުވަތަ ކޮނެ ސިހުރު ހޯދުމުގެ ނަމުގައި ހިންގާ ޢަމަލުތަކަކީ ޙަރާމް ވެގެންވާ ޢަމަލުތަކެއް ކަމަށްވެސް ވަޒީރު ވިދާޅުވި އެވެ.
08 Oct 2026
ޒިޕެލް ކުންފުނި ޗައިނާގެ ކޮސްކޯއަށް ވިއްކާލުން ޖަރުމަނުން ހުއްޓުވައިފި
ޖަރުމަނުވިލާތުގެ އިކޮނޮމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ކުންފުނި ގަތުމުގެ ސަބަބުން އެހެން ފަރާތްތަކަށް ބަރޯސާވާ މިންވަރު އިތުރުވެ، ޖަރުމަނާއި އީޔޫގެ ސަޕްލައި ޗޭންތަކުގެ ރައްކާތެރިކަމަށް ނުރައްކާވާނެ ކަމަށެވެ.
08 Oct 2026
ސައިކަލެއް ކަހާލައިގެން ވެއްޓި ހައިވޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި
މި އެކްސިޑެންޓްގައި 3 މީހަކަށް އަނިޔާ ލިބުމާ ގުޅިގެން ޓްރީޓޮޕް ހޮސްޕިޓަލަށް ގެންގޮސް ދަނީ ފަރުވާ ދެމުން ކަމަށް ވެސް ބުންޏެވެ.
08 Oct 2026
ޗައިނާ އަތުން ރާއްޖޭގެ ކުރިކެޓް ޓީމަށް މޮޅެއް
މުބާރާތުގައި ރާއްޖެ ދެން ބައްދަލުކުރާނީ ސިންގަޕޫރާއެވެ. މި މެޗު އޮންނާނީ މާދަމާ، ރާއްޖެ ގަޑިން ހެނދުނު 11:00 ގައި ސެލަންގޯރ ޓާފް ކްލަބްގައެވެ.