ދެކުއްޖަކު ޓެބްލެޓުން އެއްޗެއް ބަލަނީ-
ލައިފްސްޓައިލް
14 Jul 2026 | 11:00
ކުދިންގެ ސްކްރީން ޓައިމް މަދުކުރާނީ ކިހިނެއް؟

ޒަމާނީ ޓެކްނޮލޮޖީގެ ކުރިއެރުންތަކާއެކު، އަޅުގަނޑުމެންގެ ދިރިއުޅުމުގެ މުހިންމު ބައެއްގެ ގޮތުގައި ސްކްރީންތައް ވަނީ ވެފައެވެ. ނަމަވެސް، ކުޑަކުދިންގެ ޅަފަތުގެ ދުވަސްވަރު ސްކްރީނާ މާބޮޑަށް ގުޅިލާމެހުމަކީ އެކުދިންގެ ޖިސްމާނީ އަދި ނަފްސާނީ ދުޅަހެޔޮކަމަށް ނޭދެވޭ އަސަރުކޮށްފާނެ ކަމެކެވެ. މި ލިޔުމުގައި ބަލާލާނީ، ދަރިން ސްކްރީނާ ދުރުކޮށް، އެކުދިންނަށް ފައިދާހުރި ގޮތެއްގައި ޑިޖިޓަލް ވަސީލަތްތައް ބޭނުންކުރުމަށް ދަސްކޮށްދޭނެ ގޮތްތަކާއި، ބެލެނިވެރިންނަށް އެކަމުގައި އެހީތެރިވެދޭނެ ޢަމަލީ އުކުޅުތަކުގެ މައްޗަށެވެ.

މިގޮތުން ފުރަތަމަ ނުގުތާއެއްގެ ގޮތުން ސަމާލުކަންދޭންޖެހޭ އެންމެ މުހިންމު ކަމަކީ ހަމައެކަނި ކުދިން ސްކްރީން ބޭނުންކުރާ ވަގުތު މަދުކުރުމެއް ނޫނެވެ. ސްކްރީން ބޭނުންކުރާ ގޮތް ތަފާތުކޮށް، ފައިދާހުރި ގޮތުގައި އޭގެ ބޭނުން ހިފަން ކުދިންނަށް ދަސްކޮށްދިނުމެވެ. ​މިކަން ކުދިންނަށް އޮޅުންފިލުވައިދިނުމަށްޓަކައި ސްކްރީން ޓައިމް މައިގަނޑު ދެ ބަޔަކަށް ބަހާލެވިދާނެއެވެ.

އެކްޓިވް ސްކްރީން ޓައިމް

މިއީ ކުދިންގެ ސިކުނޑި ހޭލައްވާލައި، އައު ހުނަރުތަކާއި މަޢުލޫމާތު އުނގެނުމަށް ސްކްރީނާއެކު ހޭދަކުރާ ވަގުތެވެ. މިގޮތުން ​އައު ފިލާވަޅެއް، ޕްރޮގްރާމެއް ނުވަތަ އެހެނިހެން ހުނަރެއް ދަސްކުރުމާއި ​ފިލާވަޅުތަކާ ގުޅޭ މަޢުލޫމާތު ހޯދައި ދިރާސާކުރުމާއި​، ލިޔުންތެރިކަމާއި، ޑިޒައިނިންގ އާއި ކޯޑިންގ ފަދަ އުފެއްދުންތެރި މަސައްކަތްތަކުގައި ސްކުރީން ބޭނުންކުރުން ބަލާނީ އެކްޓިވް ސްކްރީން ޓައިމްގެ ގޮތުގައެވެ.

ޕެސިވް ސްކްރީން ޓައިމް

މިއީ އެއްވެސް ވިސްނުމެއް ނެތި، ހަމައެކަނި ވަގުތު ހޭދަކޮށްލުމަށް ނުވަތަ މުނިފޫހިފިލުވުމަށް ސްކްރީން ކުރިމަތީ ހޭދަކުރާ ވަގުތުތަކެވެ. ​ގިނަ ވަގުތު ޓިކްޓޮކް، ޔޫޓިއުބް ޝޯޓްސް، ފޭސްބުކް ފަދަ އެޕްތައް ބެލުމާއި ​އަމާޒެއް ނެތި ގޭމް ކުޅުމުގައި އެތައް ގަޑިއިރެއް ހޭދަކުރުން ހިމެނެނީ މީގެ ތެރޭގައެވެ.

​ކުދިންގެ އުނގެނުމުގެ ހުނަރުތަކާއި ވިސްނުން ތަރައްޤީ ކުރުމަށްޓަކައި މި ދެ ބާވަތުގެ ސްކްރީން ޓައިމްގެ ތަފާތު ކުދިންނަށް ވަރަށް ސާފުކޮށް ކިޔައިދިނުން މުހިންމެވެ. ކުދިންނާ ވާހަކަދައްކައިގެން، އެކުދިންގެ ދުވަހުގެ ތާވަލުގައި ޕެސިވް ވަގުތުތައް މަދުކޮށް، އެކްޓިވްކޮށް ސްކްރީން ބޭނުންކުރުމަށް ބާރުއަޅަން ޖެހެއެވެ.

މިގޮތުން ޕެސިވް ސްކްރީންޓައިމް މަދު ކުރުމަށް ކުރެވޭނެ އެންމެ މުހިންމު ކަމަކީ ކުދިން ސްކްރީން ކައިރީ ހޭދަކުރާ ވަގުތު ކުދިންނާއިއެކީ ޕޭރެންޓުންވެސް ބައިވެރިވުމެވެ. މިއަށް އިގިރޭސި ބަހުން ކިޔަނީ ކޯ-ވިއުއިންގ (Co-viewing) އެވެ. ކޯ-ވިއުއިން ނުވަތަ ކުދިންނާއެކު ސްކްރީން ބޭނުންކުރުމަކީ، ކުދިންގެ ސްކްރީން ޓައިމް މެނޭޖުކުރުމުގައި ބެލެނިވެރިންނަށް ބޭނުންކުރެވިދާނެ އެންމެ ފައިދާހުރި އެއް އުކުޅެވެ .​މީގެ މާނައަކީ ކުއްޖާ އެކަނި ޓީވީ، ފޯނު ނުވަތަ ޓެބްލެޓް ބޭނުންކުރަން ދޫކޮށްލުމުގެ ބަދަލުގައި، ބެލެނިވެރިޔާވެސް ކުއްޖާއާއެކު އެ ބަލާ އެއްޗެއް ބެލުމުގައި ނުވަތަ ކުޅޭ ގޭމެއް ކުޅުމުގައި ޢަމަލީގޮތުން ބައިވެރިވުމެވެ.

​ކޯ-ވިއުއިންގެ ސަބަބުން ޕެސިވް ވަގުތުތައް އެކްޓިވް ވަގުތަކަށް ބަދަކުކުރުމުގެ ފުރުޞަތު ބެލެނިވެރިންނަށް ލިބިގެންދެއެވެ. އަދި ކުއްޖާ ބަލަނީ ކުއްޖާގެ އުމުރާ ގުޅޭ ކޮންޓެންޓްތޯ ޗެކްކުރެވި ރައްކާތެރިކަން ކަށަވަރު ކުރެވެއެވެ. މީގެ އިތުރުން ސްކުރީނުން ފެންނަ ކަންކަމާއި ސުވާލުކޮށް ކުދިންގެ ކްރިޓިކަލް ތިންކިންގެ ހުނަރު ތަރައްޤީ ކުރުމާއި ކުދިންންނަށް ނޭނގޭ ބަސްފަދަ ތަކެތީގެ މާނަ ކިޔާދީ ބަސްކޮށާރު މުއްސަދި ކުރުމަށްވެސް ފުރުޞަތު ލިބެއެވެ. 

​އެހެންކަމުން ކޯ-ވިއުއިންގެ ސަބަބުން، ކުއްޖާ ސްކްރީން ކައިރީ ހޭދަކުރާ އެކަހެރި ވަގުތުތައް މަދުވުމާއި މައިންބަފައިންނާއި ކުދިންނާ ދެމެދު ގުޅުން ބަދަހިވުމާއި ކުއްޖާ އިތުރު ފައިދާ ހުރި ކަންކަން މައިންބަފައިންގެ ފަރާތުން ދަސްކުރުމާއެކު ފައިދާހުރި މުހިންމު ވަގުތު ތަކަކަށް ސްކުރީން ކައިރީހޭދަ ކުރާ ވަގުތު ބަދަލު ކޮށްލެވިދާނެއެވެ.

ސްކްރީން ޓައިމް މަދުކުރާއިރު އެ ހުސްވާ ވަގުތުތަކުގައި ކުދިން ޝައުގުވެރިވާ ފަދަ، އަދި ސިކުނޑިއާއި ހަށިގަނޑު ތަރައްޤީކޮށްދޭ އެހެން ކަންކަން ރާވާ އިންތިޒާމްކޮށް ދިނުމަކީ ކޮންމެހެން ކުރަންޖެހޭނެ ކަމެކެވެ. ހަމައެކަނި ޑިވައިސް އަތުލުމުގެ ބަދަލުގައި އެހެން އޯލްޓަނޭޓިވް ތަކެއް ދަރިންނަށް ހޯދާދެން ޖެހެއެވެ.

​ރާއްޖޭގެ ގިނަ ރަށްރަށަކީ ރީތި ގޮނޑުދޮށްތަކާއި، ހިތްފަސޭހަ މައިޒާންތަކުގެ އިތުރުން ބޮޑެތި ގަސްތައް ހުންނަ ރަށްތަކެކެވެ. މިފަދަ ރަށްރަށުގައި ދިރިއުޅޭ ކުދިންނަށް ސްކްރީނަށްވުރެ މާ ބޮޑަށް ފައިދާކުރާނެ ކަންކަން ވަށައިގެންވާ ވެށިން ލިބެން ހުރެއެވެ. މޫދަށް ދިއުމާއި، މަސްބާނަން ދިއުމާއި، ރައްކާތެރިކަމާއެކު މަގުމަތީގަޔާއި ބީޗްގައި ކުޅުމާއި، ގުޑިއެރުވުމާއި އަދި ގަސްގަހަށް އެރުން ފަދަ ހަރަކާތްތަކަކީ ކުދިންގެ ޖިސްމާނީ ދުޅަހެޔޮކަން އިތުރުކޮށްދީ، ސިކުނޑި ތާޒާކޮށްދީ، ވިސްނުން ތަރައްޤީ ކޮށްދޭ ކަންކަމެވެ.

​ކުދިންގެ ވިސްނުމާއި މައްސަލަ ހައްލުކުރުމުގެ ހުނަރު ތަރައްޤީކުރުމަށް އެހީތެރިވެދޭނެ އެހެނިހެން ހަރަކާތްތައްވެސް ގޭތެރޭގައި ރޭވިދާނެއެވެ. އާއިލާއެކު އެކިކަހަލަ ބޯޑު ގޭމްތައް ކުޅުމާއި، ޕަޒްލް ހެދުމާއި، ކަންކަން ރާވައި ހަނދާންކުރަންޖެހޭ ފަދަ ކުޅިވަރުތަކަކީ ކުދިންގެ ސިކުނޑީގެ ތަރައްޤީއަށް ވަރަށް މުހިންމު ކަންކަމެވެ. ޚާއްޞަކޮށް ކުރީޒަމާނުގައި ރާއްޖޭގެ ގެތަކުގައި ކުޅެ އުޅުނު ވަޅުގޮޑި، ތިންހަމަ ފަދަ ކުޅިވަރު ތަކަކީ މިހާރުވެސް ކުދިންގެ ޝައުޤުވެރިކަން އަތުލެވިދާނެ ކުޅިވަރުތަކެކެވެ.

​ފޮތްކިޔުމާއި، ކުރެހުމާއި، ކްރާފްޓް މަސައްކަތްތައް ފަދަ ކަންކަމަށް ކުދިން ޝައުޤު އުފެއްދުމަކީވެސް ސްކްރީން ޓައިމް މަދުކުރުމަށް ބޭނުންކުރެވިދާނެ އޯލްޓަނޭޓިވް އެކެވެ. މީގެ ސަބަބުން ކުދިން ގިނަ ވަގުތު އެއްކަމަކަށް ފޯކަސްކޮށްގެން އިންނަން ދަސްވެ ސްކޫލްގައި ފިލާވަޅުތައް ކިޔަވާދޭ ގަޑީގައި ސަމާލުކަން ނުގެއްލި ފޯކަސްކުރުމަށް ފަސޭހަވެގެން ދާނެއެވެ.

މިފާހަގަ ކޮށްލީ ރާއްޖެ ފަދަ ގައުމެއްގައި ސްކްރީނާ ކުދިން ދުރުކުރުމަށް ބޭނުންކުރެވިދާނެ ފާހަގަކޮށްލެވޭ ބައެއް އޯލްޓަނޭޓިވް ގޮތްތަކެވެ. ​މިފަދަ ކަންކަމުގެ ސަބަބުން ދިރިއުޅުމަށް ބޭނުންވާ އުފެއްދުންތެރި އާދަތަކެއް ކުދިންގެ ގައިގާ އަށަގަތުމަށް މަގުފަހިވެގެންދާނެއެވެ.

​ސްކްރީން ޓައިމް މަދުކުރުމަށްޓަކައި ކުރެވޭނެ އަނެއް މުހިންމު ކަމަކީ ގޭތެރޭގައި 'ސްކްރީން-ފްރީ' ޒޯންތަކާއި ވަގުތުތައް ކަނޑައެޅުމެވެ. މިގޮތުން ކުރެވިދާނެ ބައެއް ކަންކަން ތިރީގައި ފާހަގަކޮށްލާނަމެވެ.

ސްކްރީން-ފްރީ ސަރަޙައްދުތައް ކަނޑައެޅުން

ކާމޭޒުދޮށަކީ އެއްވެސް ޑިވައިސްއެއް ބޭނުންނުކުރާ ތަނެއްގެ ގޮތުގައި ހަމަޖެއްސިދާނެއެވެ. މިއީ އާއިލާގެ އެންމެން އެކީގައި ދުވަހުގެ ކަންކަން ހިއްސާކޮށް ގުޅުން ބަދަހިކުރަން ލިބޭ ރަނުގެ ފުރުސަތެެއްގެ ގޮތުގައި ހެދިދާނެއެވެ. އަދި ކުދިން ނިދާ ކޮޓަރިއަކީވެސް ސްކްރީން ބޭނުން ނުކުރާ ތަނެއްގެ ގޮތުގައި ކަނޑައެޅިދާނެއެވެ. ސްކްރީން ބޭނުން ކުރަން ހުއްދަ އޮންނަ ގަޑިތަކުގައި ގޭގެ ސިޓިންގ ރޫމް ނުވަތަ މީހުން ހޭލަމޭލަވެ އުޅޭ ހިސާބެއްގައި ބޭނުންކުރެވޭ ގޮތަށް ހަމަޖެއްސިދާނެއެވެ. އޭރުން ސްކްރީން ބޭނުންކުރާ ވަގުތު ކުދިންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ބެލެނިވެރިންނަށް ފަސޭހަވެެގެން ދާނެއެވެ.

ނަމާދު ގަޑިތަކާއި ފިލާވަޅު ކިޔުމަށް ޚާއްޞަ ގަޑިތަކުގައި ސްކްރީން ބޭނުންކުރުން މަނާކުރުން

އަޅުގަނޑުމެންނަކީ މުސްލިމް މުޖްތަމަޢެއް ކަމަށްވާއިރު އެންމެ އިސްކަމެއް ދޭންޖެހޭ ކަމަކީ ފަރުޟު ނަމާދުތަކެވެ. ނަމާދަށް ބަންގި ގޮވުމުގެ 10 މިނިޓް ކުރިން ފެށިގެން ޖުމްލަ  45 މިނެޓަކީ ސްކްރީން މަނާ ގަޑިއެއްގެ ގޮތުގައި ހަމަޖެއްސިދާނެއެވެ. އަދި ދަރިވަރުން ފިލާވަޅުތައް މުޠާލިޢާ ކުރުމަށް ހޭދަކުރާ ވަގުތުތަކަކީވެސް ކުދިން ސްކްރީނާ ދުރުގައި ހޭދަކުރާ ވަގުތަކަށް ހެދިއްޖެނަމަ ފިލާވަޅުތަކަށް ދޭންވާ ސަމާލުކަންދެވި އުނގެނުމަށް ފަސޭހަވެެގެން ދާނެއެވެ.

ނިދުމުގެ ކުރިން ސްކްރީނާ ދުރުވުން

ނިދުމުގެ މަދުވެގެން 1 ގަޑިއިރު ކުރިން ސްކްރީންތަކާ ދުރުވުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެކެވެ. ސްކްރީނުން އަންނަ ބްލޫ ލައިޓްގެ ސަބަބުން ކުދިންގެ ނިންޖަށް ހުރަސްއެޅެއެވެ. ސްކްރީނާ ދުރުވުމުން ފުން ނިންޖެއް ލިބި، އަނެއް ދުވަހު އުނގެނުމަށް ސަމާލުކަންދީ އުފެއްދުންތެރި ދުވަހަކަށް މަގުފަހިވެއެވެ. ނިދުމުގެ ކުރިން ވުޟޫކޮށް ޛިކުރުތައް ކުރުމަށް ވަގުތުކޮޅެއް ހުސްކޮށްލުމުން ސްކްރީނާއި ދުރުވުމަށްވެސް ފަސޭހަވެގެން ދާނެއެވެ.

ހެނދުނު ހޭލާ ވަގުތު ސްކްރީން މަނާ ގަޑިއަކަށް ހެދުން

ހޭލައިގެން ފުރަތަމަ ވެސް ސްކްރީން ބޭނުންކުރާ ކުދިން އުޅެެެވެ. މީގެ ބަދަލުގައި ކޮންމެ ދުވަހެއްވެސް ފަށަން ޖެހޭނީ އަޅުކަމުންނެވެ. ފަތިސް ނަމާދާއި ހެދުނުގެ ޛިކުރުތައް ކުރުމާއި ޤްރުއާން ކިޔެވުމަށް ހެދުނުގެ ފުރަތަމަ ވަގުތުތައް ކަނޑައަޅަންޖެހެއެވެ. އަދި ސްކްރީން އެއްކޮށްވެސް މަނާ ގަޑިއެއްގެ ގޮތުގައި އެގަޑި ކަނޑައަޅަން ޖެހެއެވެ.

ސްކްރީން-ފްރީ ވަގުތުތައް ކަނޑައަޅާ އެގަޑިތަކުގައި ޑިވައިސްތައް ކޮންޓްރޯލްކުރުމަށް ތަފާތު ޕޭރެންޓިންއެޕްތައް މިހާރުވެސް މާކެޓްގައި ލިބެން އެބަހުއްޓެވެ. މިފަދަ އެހެން ލިޔުމެއްގައ އެފަދަ އެޕްތަކަށް އަޅުގަނޑު އަލިއަޅުވައިލެވޭތޯ ބަލާނަމެވެ. ހަނދާން ބަހައްޓަންވީ ކަމަކީ ކުދިންނަށް މިއުޞޫލުތައް ކަނޑައަޅާއިރު، އަޅުގަނޑުމެންވެސް އެކުދިންނަށް ނަމޫނާ ދައްކަން ޖެހޭކަމެވެ. އެހެން ނޫންނަމަ މިއުޞޫލުތައް ތަންފީޒުނުވުމުގެ ފުރުޞަތު ވަރަށް ބޮޑުވާނެއެވެ.

ލިޔުމުގެ އެންމެ ފަހު ނުގުތާއެއްގެ ގޮތުން މިބަލާލަނީ ކުދިން ސްކްރީނާއި ދުރުކުރުމަށް ޢިލްމީ ގޮތުން ހޭލުންތެރިކުރުމާއި ނަފްސް ކޮންޓްރޯލްކޮށް އެއްގޮތެއްގައި ސާބިތުވެ ތިބުމަށް ބޭނުންވާނެ މުހިންމު އަސާސްތަކުގެ މައްޗަށެވެ.

ސިކުނޑި މަސައްކަތްކުރާގޮތާއި ހަށިގަނޑަށް ލިބޭ ގެއްލުންތައް ކުދިންނަށް ކިޔައިދިނުން

ޚާއްޞަކޮށް ގްރޭޑް 6 އިން މަތީގެ ކުދިންނަށް، ސްކްރީންގެ ސަބަބުން ސިކުނޑިއަށް ލިބޭ ވަގުތީ އުފާވެރިކަން (ޑޮޕަމީން ރިލީޒްވާގޮތް) ސައިންޓިފިކްކޮށް ކިޔައިދެވިދާނެއެވެ. މިގޮތުން ސްކްރީނަށް ދެވިހިފަނީ (އެޑިކްޓްވަނީ) ކިހިނެއް ކަމާއި ކީއްވެގެންކަން ކިޔާދޭށެވެ. ސްކްރީން ގިނައިން ބޭނުންކުރުމުން ލޯ ފުސްވުމާއި، ސިކުނޑިއަށް ލިބޭ ގެއްލުންތައް ކިޔައިދޭށެވެ. އިސްލާމީ ނަޒަރަކުން، ހަށިގަނޑާއި ސިކުނޑިއަކީ الله ދެއްވާފައިވާ އަމާނާތެއްކަމާއި، ނަފުސަށް ގެއްލުންވާ ކަންކަމުން ދުރުހެލިވުމުގެ މުހިންމުކަން ބުނެދޭށެވެ. އަދި އޭގެ ސަބަބުން މުސްތަޤްބަލުގައި ކުދިންނަށް ލިބިދާނެ ގެއްލުންތަކަށް ކުދިން ހޭލުންތެރި ކުރާށެވެ. މިކަންކަމަށް ހޭލުންތެރިކުރުމުން ކުއްޖާ އަމިއްލައަށްވެސް ސްކްރީނާ ދުރުވުމަށް މަސައްކަތް ކުރާނެއެވެ.

ކުއްލިއަކަށް މަނާކުރުމުގެ ބަދަލުގައި މަދުކުރަމުން މަދުރުކުރުން

އެއްކޮށް ކުއްލިއަކަށް ސްކްރީން އަތުލުމަކީ ކުއްޖާ ރުޅިގަދަވެ، ނަފްސާނީ ގޮތުން ނޭދެވޭ އަސަރުތަކެއް ކޮށްފާނެ ކަމެކެވެ. އޭގެ ބަދަލުގައި، ދުވަހުން ދުވަހަށް ސްކްރީން ބޭނުންކުރާ ވަގުތު މަދުކުރަމުން ގެންގޮސް، ކުއްޖާގެ ސިކުނޑި އެ ބަދަލަށް ހޭނުމަށް ފުރުޞަތު ދޭށެވެ.

އަމިއްލަ ނަފްސު ކޮންޓްރޯލްކުރުމާއި ސާބިތުވުމަށް ދަރިން ހޭނުން

މައިންބަފައިން ނެތްތަނުގައިވެސް الله ސުބްޙާނަހޫ ވަތަޢާލާ ބައްލަވައިވޮޑިގެންވާކަން ކުއްޖާގެ ހިތުގައި ބިންވަޅު ނަގުވާށެވެ. الله އަށް ބިރުވެރިވާ ކުއްޖަކު ސިއްރުން ސްކްރީން ބޭނުންކުރުން ފަދަ ކަންކަމުން އަމިއްލައަށް ދުރުހެލިވާނެއެވެ. މިއީ އަމިއްލަ ނަފުސު ކޮންޓްރޯލްވުމަށް އިސްލާމްދީނުގައި އޮތް އެންމެ ވަރުގަދަ އެއް ބިންގަލެވެ.

ރަނގަޅު ނަމޫނާ ދެއްކުން

ކުދިން އެންމެ ބޮޑަށް ދަސްކުރަނީ މައިންބަފައިންގެ ޢަމަލުތަކުންނެވެ. އިސްލާމްދީނުގައިވެސް އެންމެ ބޮޑަށް ބާރުއަޅަނީ ޢަމަލީގޮތުން ރަނގަޅު ނަމޫނާ ދެއްކުމަށެވެ. ކުދިންގެ ކުރިމަތީގައި މައިންބަފައިން ފޯނާއި ސްކްރީން ބޭނުންކުރާ މިންވަރު މަދުކުރާށެވެ. އޭރުން އެކަމުގެ އަސަރު ކުދިންގެ ކިބައިންވެސް ފެންނަން ފަށާނެއެވެ. އަދި ރަގަޅުގޮތުގައި ސާބިތުވެ ހުރުމަށް ކުދިންނަށް ލިބޭ އިތުރު ބާރަކަށް ވާނެއެވެ.

މިއަދުގެ ޑިޖިޓަލް ޒަމާނުގައި ދަރިން ސްކްރީނާ ދުރުކުރުމަކީ ވަރަށް ގިނަ ގޮންޖެހުންތަކަކާ ކުރިމަތިލާންޖެހޭ ކަމެކެވެ. ހަމަ އެހެންމެ އެނގެން ޖެހޭ ޙަޤީގަތަކީ ސްކްރީން ޓައިމް މަދުކުރުމަކީ ހަމައެކަނި ޑިވައިސްތަކާ ކުދިން ދުރުކުރުމެއްވެސް ނޫންކަމެވެ. އެކްޓިވް ސްކްރީން ޓައިމްއަކީ ކުދިންނަށް އޭގެން ފައިދާކުރާނެ ކަމެއްކަމެވެ. މަދުކުރަން މަސައްކަތް ކުރަންވީ ކުދިންނަށް ގެއްލުންލިބޭ ގޮތަށް ސްކްރީނާއެކު ކުދިން ހޭދަކުރާ ވަގުތެވެ.

އިޚްލާސްތެރިކަމާ ކެތްތެރިކަމާއެކު މަސައްކަތްތަކެއް ކުރެވިއްޖެނަމަ މިއީ ޙާޞިލް ނުކުރެވޭނެ ކަމެއްވެސް ނޫނެވެ. އޭރުން ގިނަވަގުތު ސްކްރީން ކައިރީ ހޭދަކުރުމުގެ ސަބަބުން ކުދިންނަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރެވި އެކަމުގެ ސަބަބުން ނިކުންނަމުންދާ އެހެނިހެން މައްސަލަތަކަށްވެސް ޙައްލެއް ލިބިގެންދާނެއެވެ. ހަނދާން ބަހައްޓަންވީ، ކުދިންނަށް ދަސްކޮށްދެވޭ ކޮންމެ ރަގަޅު އާދައަކީއެކުދިންގެ މުސްތަޤްބަލު އުޖާލާކޮށްދިނުމަށްޓަކައި ކޮށައިދެވޭ މަގެއްކަމެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.