އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އދ. ގެ ޢާންމު މަޖިލީހުގެ ޖަލްސާގައި ބައިވެރިވުމަށް ކުރާ ދަތުރު އޭނާއަށް ބޮޑު ވޭނަކަށް ވެއްޖެއެވެ.
މީޑިއާގެ ރިޕޯޓްތައް ބުނާގޮތުގައި މި ދަތުރުގައި ނަތަންޔާހޫ ދަތުރުކުރާ ބޯޓު ނިއުޔޯކް ސިޓީއަށް ޖެއްސުމުގެ ބަދަލުގައި ޖައްސާނީ ނިއުޖާޒީއަށެވެ. ނިއުޔޯކްގެ ޖޭއެފްކޭ ވައިގެ ބަނދަރު ބޭނުންކުރުމުގެ ބަދަލުގައި ނަތަންޔާހޫގެ މަތިންދާބޯޓު ނިއު ޖާޒީގެ އަސްކަރީ ވައިގެ ބަނދަރަކަށް ޖައްސަން ނިންމީ ނިއު ޔޯކް ސިޓީގެ މޭޔަރު ޒޮހެރާން މަމްދާނީ ނަތަންޔާހޫގެ ދަތުރަށް ހުރަސްއަޅާފާނެކަމުގެ ބިރަށެވެ.
މީގެ އިތުރުން ސެކިއުރިޓީގެ އެކި ކަންކަމާހެދި ނަތަންޔާހޫ އެމެރިކާގައި ހޭދަކުރާނީވެސް ވަރަށް ކުޑަ ވަގުތުކޮޅަކަށެވެ. ނަތަންޔާހޫގެ މި ދަތުރުގައި މިފަހަރު ނޫސްވެރިންވެސް ނުގެންދެއެވެ.
މިޑިއާގެ ރިޕޯޓްތައް ބުނާ ގޮތުގައި އެމެރިކާއިންވެސް ވަނީ މިފަހަރު ނަތަންޔާހޫއަށް ހާއްސަ ގޮތްތަކެއް ބެހެއްޓެން ނެތްކަމަށް ބުނެފައެވެ. ނަތަންޔާހޫ ނިއުޔޯކަށް އަންނައިރު އެ ސިޓީގެ ރައްޔިތުން އޭނާއާ ދެކޮޅަށް މުޒާހަރާ ކުރަން ނިންމުމަކީވެސް އެމެރިކާއިން މިފަހަރު ނަތަންޔާހޫ އެއްފަރާތްކުރުމުގެ އެއް ސަބަބެވެ.
ނަތަންޔާހޫގެ މި ދަތުރުގައި ޓެކްސަސްގައި އީލޮން މަސްކާ ބައްދަލުކުރުމަށް ރާވާފައި އޮތް ބައްދަލުކުރުންވެސް އިސްރާއީލުން މިހާރު ވަނީ ކެންސަލްކޮށްފައެވެ. ހަމަ އެހެންމެ މި ދަތުރުގައި އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕާވެސް ބައްދަލުކުރައްވަން ތާވަލް ކޮށްފައި ނުވާކަމަށް މީޑިއާގެ ރިޕޯޓްތައް ބުނެއެވެ. ނަމަވެސް، ނަތަންޔާހޫ އެމެރިކާގެ ޚާރިޖީ ވަޒީރު މާކޯ ރޫބިއޯ އާ ބައްދަލުކުރާނެ ކަމަށް ބެލެވެއެވެ. ބޭރު ޤައުމުތަކުގެ ލީޑަރުންނާ ބައްދަލުކުރުމަށް ވެސް މަސައްކަތް ކުރެވެމުންދާ ކަމަށާއި ނަމަވެސް ކުރު ތާވަލުގެ ސަބަބުން އެކަން ހަމަޖެއްސުން ދަތިވެފައިވާ ކަމަށް މީޑިއާތަކުން ރިޕޯޓްކުރެއެވެ.
ނަތަންޔާހޫގެ މިފަހަރުގެ ވާހަކަ އަމާޒުކުރާނޭކަމަށް ބެލެވެނީ އީރާނަށެވެ. ނަތަންޔާހޫ ވާހަކަދައްކާ ވަގުތު ޖަލްސާ ބޮއިކޮތްކުރުމަށް ގިނަ ލީޑަރުން ނިންމާފައިވާކަމަށްވެސް މީޑިއާގެ ރިޕޯޓްތައް ބުނެއެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists