ޔަމަނުގެ ހޫޘީ ހަނގުރާމަވެރިން ދެމުންދާ ހަމަލާތަކުން ސަޢޫދީ ޢަރަބިއްޔާ ދިފާޢުވުމަށް އެހީތެރިވުމުގެ ގޮތުން، އެ ޤައުމުގެ އަސްކަރީ މަތިންދާބޯޓުތަކަށް ވައިގެ ތެރޭގައި ތެޔޮއަޅައިދިނުމުގެ ލިމިޓެޑް އަސްކަރީ އެހީތެރިކަމެއް ފޯރުކޮށްދިނުމަށް އިނގިރޭސިވިލާތުން އެއްބަސްވެއްޖެއެވެ.
މިކަން ހާމަކުރައްވާފައިވަނީ އދ. ގެ ޢާންމު މަޖިލީހުގައި ބައިވެރިވެވަޑައިގަތުމަށް ނިއުޔޯކަށް ދަތުރުކުރައްވަމުން ގެންދަވަނިކޮށް، ހޯމަ ދުވަހު ނޫސްވެރިންނާ ވާހަކަދައްކަވަމުން އިނގިރޭސި ބޮޑުވަޒީރު އެންޑީ ބަރންހަމް އެވެ.
ބޮޑުވަޒީރު ވިދާޅުވީ، އަސްކަރީ އެހީތެރިކަމަށް އެދި ސަޢޫދީ ޢަރަބިއްޔާއިން ހުށަހެޅި ހުށަހެޅުމަކާ ގުޅިގެން، ޑިފެންސް ސެކްރެޓަރީ އާއި ފޮރިން ސެކްރެޓަރީގެ ލަފާގެ މަތިން، ސަޢޫދީ މަތިންދާބޯޓުތަކަށް ވައިގެ ތެރޭގައި ތެޔޮއަޅައިދިނުމަށް ނިންމަވާފައިވާ ކަމަށެވެ. އަދި މިއީ ވަކި މުއްދަތަކަށް ދެވޭ އަދި މުރާޖަޢާކުރެވެމުންދާނެ އެހީތެރިކަމެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ސަޢޫދީން މި އެހީއަށް އެދިފައިވަނީ، ވޭތުވެދިޔަ ހަފުތާތަކުގައި ހޫޘީންނާއި ސަޢޫދީގެ ތާއީދު އޮންނަ ޔަމަނުގެ ސަރުކާރާ ދެމެދު ހަމަނުޖެހުންތައް އަނެއްކާވެސް އިތުރުވެފައިވާ ދަނޑިވަޅެއްގައެވެ. ހޫޘީން ދަނީ ސަޢޫދީއަށް އަމާޒުކޮށް މިސައިލާއި ޑްރޯން ހަމަލާތައް ފޮނުވަމުންނެވެ. އެގޮތުން ވޭތުވެދިޔަ ހޮނިހިރު ދުވަހު ރިޔާޟަށް އަމާޒުކޮށް ދިން މިސައިލް ހަމަލާއެއްވެސް ވަނީ ދިފާޢުކޮށް ވައްޓާލާފައެވެ.
މީގެއިތުރުން، ހޫޘީން ވަނީ ޔަމަނުގެ އެތެރޭގައި ކުރިއެރުންތައް ހޯދައި، މުހިންމު ބަނދަރު ސިޓީއެއް ކަމަށްވާ މޮކާ އާއި ރަތްކަނޑުގެ މުހިންމު ރަށްތަކެއްގެ ކޮންޓްރޯލް ހޯދާފައެވެ. މީގެ ސަބަބުން ދުނިޔޭގެ ވިޔަފާރީގެ 12 އިންސައްތަ ދަތުރުކުރާ ބާބުލް މަންދަބު ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުފަހަރަށް ފާރަލުމުގެ ފުރުޞަތު ހޫޘީންނަށް ވަނީ ލިބިފައެވެ.
ބޮޑުވަޒީރު ބަރންހަމް ވިދާޅުވީ މި ނިންމުމަކީ އިނގިރޭސިވިލާތާއި މުޅި ސަރަޙައްދުގެ މަޞްލަޙަތު ރައްކާތެރިކުރުމަށާއި، ތެޔޮ ދައުރުކުރާ މަގުތައް ބަންދުވިޔަނުދީ ހުޅުވިފައި ބެހެއްޓުމަށް އެޅި މުހިންމު ފިޔަވަޅެއް ކަމަށެވެ.
ޕީއޭ ނިއުސް އޭޖެންސީން ރިޕޯޓްކޮށްފައިވާ ގޮތުގައި، އިނގިރޭސިވިލާތުގެ މި މިޝަނަކީ ހަމައެކަނި ޑްރޯން އަދި މިސައިލް ހަމަލާތަކުން ސަޢޫދީ ދިފާޢުކުރުމަށް އެހީވުމުގެ ގޮތުން ކުރިއަށްގެންދާ މިޝަނެކެވެ. މިގޮތުން ކުރިއަށް އޮތް ދުވަސްތަކުގައި އިނގިރޭސި ރޯޔަލް އެއާފޯސް (އާރް.އޭ.އެފް) ގެ ވޮޔޭޖަރ މަތިންދާބޯޓެއް ބޭނުންކޮށްގެން ދިފާޢީ މިޝަންތަކުގައި ހަރަކާތްތެރިވާ ސަޢޫދީ ބޯޓުތަކަށް ތެޔޮއަޅައިދޭނެއެވެ.
އިނގިރޭސިވިލާތާއި ސަޢޫދީ ޢަރަބިއްޔާއަކީ ޒަމާންވީ އަސްކަރީ ބައިވެރިންނެވެ. އިނގިރޭސިވިލާތަކީ ސަޢޫދީއަށް އެންމެ ގިނައިން ހަތިޔާރު ސަޕްލައިކުރާ އެއް ޤައުމެވެ. މީގެއިތުރުން، އެމެރިކާ އަދި އިސްރާއީލުން އީރާނާ ދެކޮޅަށް ކުރި ހަނގުރާމައިގެ ތެރޭގައި އީރާނުން ދީފާނެ މިސައިލް ހަމަލާތަކުން ސަޢޫދީ ދިފާޢުކުރުމަށްޓަކައި، މި އަހަރުގެ ކުރީކޮޅު އިނގިރޭސިވިލާތުން ވަނީ 'ސްކައި ސޭބަރ' އެއާ ޑިފެންސް ސިސްޓަމްވެސް ސަޢޫދީގައި ޤާއިމުކޮށްދީފައެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists