އެކުވެރި ދައުލަތްތައް (އދ.) ގެ ޢާންމު މަޖިލީހުގެ 81 ވަނަ ސެޝަނުގެ ހަވާސާގައި، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަތީފް، އދ. ގައި ހުންނަ ދިވެހިރާއްޖޭގެ ދާއިމީ މިޝަނަށް ރަސްމީ ޒިޔާރަތެއް ކުރައްވައިފިއެވެ.
އެމެރިކާގެ ނިއުޔޯކުގައި ހުންނަ ދިވެހި މިޝަނަށް ނައިބު ރައީސް ޒިޔާރަތްކުރެއްވުމުން، އެ މަނިކުފާނަށް މަރުޙަބާ ދެންނެވީ އދ. އަށް ކަނޑައަޅުއްވާފައި ހުންނަވާ ދިވެހިރާއްޖޭގެ ދާއިމީ މަންދޫބު، ހިޒް އެކްސެލެންސީ ޑޮކްޓަރ ޢަލީ ނަޞީރު މުޙައްމަދެވެ.
މި ޒިޔާރަތުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ދިވެހިރާއްޖޭގެ ދާއިމީ މިޝަންގެ އިއްޒަތްތެރިން ސޮއިކުރައްވާ ފޮތުގައި ސޮއިކުރައްވާފައެވެ.
އަދި ބައިނަލްއަޤްވާމީ މައިދާނުގައި ދިވެހިރާއްޖޭގެ މަސްލަހަތު ހިމާޔަތްކުރުމަށާއި، ގައުމުގެ އަޑު އދ. ގައި އުފުއްލެވުމުގައި އެ މިޝަންގެ މުވައްޒަފުން ކުރައްވަމުން ގެންދަވާ އިޚްލާޞްތެރި އަދި ބުރަ މަސައްކަތްތަކާއި ދެއްވާ އަގުހުރި ޚިދުމަތްތައް ފާހަގަކުރައްވައި، އެ ކަމުގެ އަގުވަޒަންކުރައްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ބައިނަލްއަޤްވާމީ ގުޅުންތައް ބަދަހިކުރުމަށް ޚާއްޞަ އިސްކަމެއް ދެއްވަމުން ގެންދަވާއިރު، ނައިބު ރައީސް ކުރައްވަމުން ގެންދަވާ މި ދަތުރުފުޅަކީ އދ. ގެ އާންމު މަޖިލީހުގައި ރާއްޖެ ތަމްސީލުކުރެއްވުމަށާއި، ރާއްޖޭގެ ޚާރިޖީ ސިޔާސަތު އިތުރަށް ހަރުދަނާކުރެއްވުމަށް ކުރައްވާ މުހިންމު ދަތުރުފުޅެކެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists