އަވައްޓެރި ސްރީލަންކާގެ އައިޑީ ކާޑު ހެދުމަށް ބޭނުންވާ ކާޑުތައް ސަޕްލައިކުރުމުގެ މަސައްކަތް ޖަރުމަނު ކުންފުންޏަކާ ހަވާލުކޮށްފިއެވެ.
ސްރީލަންކާގެ ރައްޔިތުންނަށް ދޫކުރާ ގައުމީ އައިޑީ ކާޑު ތައްޔާރުކުރުމަށް ބޭނުންވާ 5 މިލިއަން ޕޮލީކާބޮނޭޓް ކާޑު ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރިއަށްގެންދިޔަ މަޝްރޫއު، ހަވާލުކޮށްފައިވަނީ ޖަރުމަނުގެ "މުލްބައުއާ އައިޑީ ސާވިސަސް" އާއެވެ.
ލަންކާގެ ބައެއް މީޑިއާތަކުން ބުނީ ބައިނަލްއަގުވާމީ ބިޑިންގ އުސޫލުން ކުރިއަށްގެންދިޔަ މި ޕްރޮކިއުމަންޓް މަރުހަލާގައި ޖުމްލަ އަށް ކުންފުންޏަކުން ޕްރޮޕޯޒަލް ހުށަހެޅި ކަމަށެވެ. ނަމަވެސް، ހައި-ލެވެލް ޕްރޮކިއުމަންޓް ކޮމިޓީން ކުރި އިވެލުއޭޝަންތަކަށްފަހު، ކަނޑައެޅިފައިވާ މިންގަނޑުތަކަށް އެންމެ ބޮޑަށް ފެތޭ ފަރާތެއްގެ ގޮތުގައި ހޮވުނީ ޖަރުމަނުގެ މި ކުންފުންޏެވެ.
މި މަޝްރޫއުގެ ޖުމްލަ އަގަކީ 4.93 މިލިއަން ޔޫރޯއެވެ. މި އެއްބަސްވުމުގެ ދަށުން ސަޕްލައިކުރާ ކާޑުތައް ބޭނުންކުރާނީ ލަންކާގެ ޑިޕާޓްމަންޓް އޮފް ރެޖިސްޓްރޭޝަން އޮފް ޕާސަންސް އިން މުޅި ގައުމަށް އައިޑީ ކާޑު ދޫކުރުމުގެ މަސައްކަތް ހަރުދަނާކޮށް، ކުރިއަށް ގެންދިއުމަށް ކަމަށް ލަންކާ ސަރުކާރުން ވަނީ ބުނެފައެވެ. މި މަސައްކަތް ބައިނަލްއަގުވާމީ ބިޑިންގ އަށް ހުޅުވާލުމަށް ލަންކާގެ ކެބިނެޓުން ހުއްދަ ދީފައިވަނީ 2025 ވަނަ އަހަރުގެ އެޕްރީލް މަހުގައެވެ.
ލަންކާގައި އައިޑީކާޑަށް ބޭނުންކުރާ ކާޑުތައް ސަޕްލައިކުރުމުގެ މަސައްކަތް ޖަރުމަނު ކުންފުންޏަކާ ހަވާލުކޮށްފައިވާއިރު، ރާއްޖޭގެ ޕާސްޕޯޓް ހެދުމަށް ބޭނުންކުރާ ބުކްލެޓްވެސް ފޯރުކޮށްދެނީ ޖަރުމަނުގެ ކުންފުންޏަކުންނެވެ. ނަމަވެސް އެ ކުންފުންޏެއްގެ ނަމެއް ސަރުކާރުގެ ކަމާ ބެހޭ އިދާރާއަކުން ބުނެފައެއް ނުވެއެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists