ޔޫއޭއީގެ މަޝްހޫރު އީގަލް ހިލްސް ކުންފުންޏާ އެކު ދިވެހި ސަރުކާރުން އިއްޔެ ސޮއިކުރި އެއްބަސްވުމުގެ ދަށުން ކުރިއަށް ގެންދާ މަޝްރޫޢު ނިމޭއިރު ރަސްމާލެ ވެގެންދާނީ، ހުރިހާ ޚިދުމަތެއް ލިބޭ ޒަމާނީ އިންޓަގްރޭޓެޑް ސިޓީއަކަށް ކަމަށް ފިނޭންސް މިނިސްޓަރު ޙަސަން ޒަރީރު ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑިއާގެ "ރާއްޖެ މިއަދު" ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، 500 ހެކްޓަރުގެ ސަރަޙައްދެއްގައި ތަރައްޤީކުރާ މި މަޝްރޫޢުގައި ތިން ރިސޯޓާއި ތަފާތު ފެންވަރުގެ ޕްރޮޕަޓީ ހިމެނޭ ޓައުންތައް ހެދުމުގެ އިތުރުން ބައިނަލްއަޤުވާމީ ފެންވަރުގެ ސްކޫލްތަކާއި ހޮސްޕިޓަލްތައް ވެސް ބިނާކުރާނެ ކަމަށެވެ. ކުޑަކުދިންގެ ކުޅޭ ތަންތަނާއި ތީމްޕާކް ފަދަ ވަސީލަތްތައް ވެސް އެ ސިޓީގައި ހުންނާނެ ކަމަށް މިނިސްޓަރ ވިދާޅުވެފައިވެއެވެ.
ރިއަލްއެސްޓޭޓްގެ ތަފާތު ލެވެލްތަކުގެ ޕްރޮޕަޓީތައް ހުންނާނެ. ކުދިން ކުޅޭ ތަންތަނާއި ތީމްޕާކްތަކާއި އެގޮތަށް ގޮސް ކިޔާނެ ކަމެއް ނެތް އިންޓަގްރޭޓެޑް ޑިވެލޮޕްމެންޓެއްގެ ތެރޭގައި ކުރިއަރާފައިވާ ގައުމެއްގައި އޮންނަ އިންޓެގްރޭޓެޑް ސިޓީއެއްގެ ތެރޭގައި ހުންނަ ހުރިހާ ކަމެއް މި ޑިވެލޮޕްމެންޓްގެ ތެރޭގައި ހުންނާނެ
މިނިސްޓަރ ޒަރީރު ވިދާޅުވިއެވެ.
މިނިސްޓަރ ޒަރީރު އިތުރަށް ވިދާޅުވި، މި އެއްބަސްވުމުގައި ސޮއިކުރީ ކުންފުނީގެ މަސައްކަތުގެ ފެންވަރު ސީދާ ބެލުމަށް ފަހުގައި ކަމަށެވެ. އެ ގޮތުން މިސްރުގެ އިސްކަންދަރިއްޔާގައި "މަރާސީ" ގެ ނަމުގައި އީގަލް ހިލްސް އާއި އިމާރު ގުޅިގެން ހިންގާ މަޝްރޫޢެއް ބައްލަވާލެއްވި ކަމަށް ވިދާޅުވިއެވެ. އެ ތަނުގައި ވެސް ޔޮޓް މެރީނާއަކާއި އެކި ފެންވަރުގެ ތިން ހޮޓަލާއި ތިން ޓައުނެއްގެ ގޮތުގައި ޕްރޮޕަޓީ ތަރައްޤީކޮށް ސްމާޓް ސިޓީއެއްގެ ގޮތުގައި ޚިދުމަތް ދެމުން ގެންދާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
އަޅުގަނޑު ވެސް އަޅުގަނޑުގެ ޓީމާ އެކު މިކަން ޔަގީން ކުރަން މި ޕްރޮޖެކްޓް މިއީ ކިހިނެއް ހިނގާ ޕްރޮޖެކްޓެއްތޯ ބަލަން މި ޕްރޮޖެކްޓްގެ ފީސިބިލިޓީއަކީ ކޮބައިތޯ މިކަހަލަ އެހެން ކޮން ޕްރޮޖެކްޓްތަކެއްތޯ އެ ބޭފުޅުން ހިންގަވަނީ އެ ކަންކަން އަޅުގަނޑުމެން ބެލިން
މިނިސްޓަރ ޒަރީރު ވިދާޅުވިއެވެ.
މީގެ އިތުރުން، މަރާސީ މަޝްރޫޢުގެ ބައެއް ޚިދުމަތްތައް ފޯރުކޮށްދީ ބައެއް ޕްރޮޕަޓީތައް ހިންގަނީ ދިވެހިން ކަމަށް ވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ. އެގޮތުން، މިކަމުން ދައްކައިދެނީ އީގަލް ހިލްސް ކުންފުނިން ދިވެހީންގެ ޤާބިލުކަމަށް އިތުބާރުކުރާ ކަން ކަމަށް ވެސް މިނިސްޓަރ ޒަރީރު ވިދާޅުވިއެވެ.
ރަސްމާލެ ތަރައްޤީކުރުމުގެ މި މަޝްރޫޢަށް ފޮރިން ޑައިރެކްޓް އިންވަސްޓްމެންޓްގެ ގޮތުގައި ރިކޯޑް 20 ބިލިއަން ޑޮލަރަށް ވުރެ ގިނަ ފަންޑިންގ ލިބިގެންދާނެކަމަށް މަޝްރޫޢު ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists