ތަމިލް ނާޑޫގެ ޗީފް މިނިސްޓަރު ވިޖޭގެ ސަރުކާރުން ސްޓޭޓް ސަރުކާރުގައި މަސައްކަތްކުރާ އަންހެން މުވައްޒަފުންނަށް ތިންވަނަ ދަރިފުޅު ލިބުމުން ވެސް 365 ދުވަހުގެ ވިހެއުމުގެ ޗުއްޓީ ލިބޭ ގޮތަށް އުސޫލު ބަދަލުކުރަން ނިންމައިފިއެވެ.
މީގެ ކުރިން އެ ސްޓޭޓް ސަރުކާރުގެ އަންހެން މުވައްޒަފުންނަށް ފުރަތަމަ ދެ ދަރީންނާ ހަމައަށް އެއް އަހަރުގެ ވިހެއުމުގެ ޗުއްޓީ ލިބެއެވެ. ނަމަވެސް ދެ ދަރީން ނުވަތަ އެއަށްވުރެ ގިނަ ދަރީން ތިބި މުވައްޒަފުންނަށް ލިބެނީ 12 ހަފުތާ ނުވަތަ 84 ދުވަހުގެ ޗުއްޓީއެކެވެ. މި ބަދަލާ އެކު ތިންވަނަ ދަރިފުޅަށް ވެސް ފުރަތަމަ ދެ ދަރީންނެކޭ އެއްގޮތަށް ފުރިހަމަ އެއް އަހަރުގެ ޗުއްޓީ ހަމަޖެހިގެންދާނެއެވެ.
ސްޓޭޓް އެސެމްބްލީގައި ވާހަކަ ދައްކަމުން ވަޒީރު ޑީ. ސަރަތުކުމާރު ވަނީ މި ނިންމުމަކީ އިޖުތިމާޢީ ރައްކާތެރިކަމާއި އަންހެނުން ބާރުވެރިކުރުމަށް ސަރުކާރުން ދެމުންދާ އިސްކަމުގެ ތެރެއިން ނިންމެވި ނިންމެވުމެއް ކަމަށް ބުނެފައެވެ.
"ތަމިލް ނާޑޫ ސަރުކާރަކީ އިޖުތިމާޢީ ރައްކާތެރިކަމާއި އަންހެނުން ބާރުވެރިކުރުވުމަށް އިސްކަންދޭ ރައްޔިތުންގެ ލާބައަށް މަސައްކަތްކުރާ ސަރުކާރެއް ކަމުން ސަރުކާރުގެ އަންހެން މުވައްޒަފުންގެ ތިންވަނަ ދަރިފުޅަށް މިހާރު ލިބެމުންދާ 12 ހަފުތާގެ ވިހެއުމުގެ ޗުއްޓީ 365 ދުވަހަށް އިތުރުކުރެވޭނެ" ޑީ. ސަރަތުކުމާރު ބުންޏެވެ.
ތަމިލް ނާޑޫ ސަރުކާރުން ވިހެއުމުގެ ޗުއްޓީ މަޑުމަޑުން އިތުރުކުރަމުން ގެންގޮސްފައިވެއެވެ. ފެށުނީ 90 ދުވަހުންނެވެ. 2011 ގައި ހަ މަހަށް ބަދަލުކޮށް 2016 ގައި ނުވަ މަހަށް އިތުރުކޮށް 2021 ވަނަ އަހަރުގެ ޖުލައިގައި ފުރަތަމަ ދެ ދަރީންނަށް 365 ދުވަހަށް ޗުއްޓީ ދިގުކޮށްފައިވެއެވެ.
ސީނިއާ ސަރުކާރު އޮފިޝަލަކު ބުނީ އެސެމްބްލީގައި އިޢުލާނުކުރި ބަދަލު ތަންފީޒުކުރުމަށް ވަރަށް އަވަހަށް ސަރުކާރު އަމުރެއް ނެރޭނެ ކަމަށެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists