ސިކްސްތު ޖެނެރޭޝަންގެ ހަނގުރާމަމަތީ މަތިންދާބޯޓުގެ ޓެކްނޮލޮޖީ ހޯދުމުގެ ގޮތުން، ފަރަންސޭސީވިލާތުގެ ފިއުޗާ ކޮމްބެޓް އެއާ ސިސްޓަމް ޕްރޮގްރާމުގައި ބައިވެރިވުމަށް އިންޑިއާއިން މަސައްކަތްތަކެއް ފަށައިފިއެވެ. އިންޑިއާއިން މިނިންމުން ނިންމީ ޖަރުމަނުވިލާތާއެކު އުފެއްދުމަށް ރޭވި މަތިންދާބޯޓު މަޝްރޫއު ހުއްޓާލުމަށްފަހު، ފަރަންސޭސީން އެކަނި ކުރިއަށްދާން ނިންމާފައިވާ ދަނޑިވަޅެއްގައެވެ.
އިންޑިއާގެ ދިފާއީ ވުޒާރާއިން މި މަހު ގާނޫނުހަދާ މަޖިލީހަށް ހުށަހެޅި ދިފާއީ ކަންކަމާ ބެހޭ ކޮމިޓީގެ 25 ވަނަ ރިޕޯޓުގައި ބުނެފައިވަނީ، ފްރާންސުން އިސްނަގައިގެން ކުރިއަށްގެންދާ އެފްކާސް ޕްރޮގްރާމުގައި ބައިވެރިވުމަށްޓަކައި ރޭވުންތެރިކަމާއެކު މަސައްކަތްތަކެއް ފަށާފައިވާ ކަމަށެވެ. މިއީ މި މަޝްރޫއުގައި ބައިވެރިވުމަށް އިންޑިއާއިން މަސައްކަތްކުރާކަން ރަސްމީކޮށް ކަށަވަރުވި ފުރަތަމަ ފަހަރެވެ.
ނަމަވެސް، އިންޑިއާއަކީ އަދި މިހާތަނަށް އެފްކާސް ޕްރޮގްރާމްގެ ރަސްމީ ބައިވެރިއެއް ނޫނެވެ. އަދި މަސައްކަތާއި ފަންޑުކުރުމާއި، ޓެކްނޮލޮޖީ ބަދަލުކުރުމާއި، ނުވަތަ ޚަރަދާ ބެހޭ ގޮތުން އަދި އެއްވެސް އެއްބަސްވުމަކަށް އާދެވިފައެއް ނުވެއެވެ. މަޖިލީހުގެ ކޮމިޓީން ވަނީ އިންޑިއާގެ ބައިވެރިވުމުގެ ތާވަލާއި މަގުޗާޓު ހިމެނޭ ތަފްސީލީ ރިޕޯޓެއް ހުށަހެޅުމަށް ދިފާއީ ވުޒާރާގެ ކިބައިން އެދިފައެވެ.
މި ޕްރޮގްރާމްގައި ބައިވެރިވުމަށް އިންޑިއާއިން ނިންމާފައިވަނީ އެގައުމުގެ ވައިގެ ސިފައިންގެ ގާބިލްކަން އިތުރުކުރުމަށް އިންޑިއާ ސަރުކާރުން ޚާއްސަ މަސައްކަތްތަކެއް ފަށާފައިވާ ދަނޑިވަޅެއްގައިވެސްމެއެވެ. މިހާރުވެސް ހަނގުރާމަމަތީ ޖެޓްތައް މެދުވުމުގެ މައްސަލަ އިންޑިއާގެ ވައިގެ ސިފައިންނަށް ވަނީ ކުރިމަތިވެފައެވެ. މިދިޔަ އަހަރު މިގް-21 ބޯޓުތައް ބޭނުންކުރުން ހުއްޓާލުމާއި، ކުރިއަށް އޮތް ތަނުގައި މުސްކުޅިވެފައިވާ ޖެގުއާ އަދި މިރާޖް 2000 ބޯޓުތައް ބޭނުންކުރުން ހުއްޓާލުމުން މި ދަތިކަން އިތުރުވާނެއެވެ.
މާޗް މަހު އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ ކޮމިޓީން ވަނީ 6 ވަނަ ޖެނެރޭޝަންގެ ދެ މަޝްރޫއެއް ފާހަގަކޮށްފައެވެ. އެއީ އިނގިރޭސިވިލާތް، އިޓަލީ އަދި ޖަޕާން ގުޅިގެން ކުރިއަށްގެންދާ ގްލޯބަލް ކޮމްބެޓް އެއާ ޕްރޮގްރާމް ޖީކެޕް އާއި ފްރާންސް-ޖާމަނީގެ އެފްކާސް އެވެ.
އެފްކާސް ޕްރޮގްރާމަކީ 2017 ގައި ފަރަންސޭސީވިލާތާއި ޖަރުމަންވިލާތުން ފެށި، ފަހުން ސްޕެއިން ބައިވެރިވި މަޝްރޫއެކެވެ. ނަމަވެސް ބޯޓުގެ ޑިޒައިނާއި، މަސައްކަތް ބެހުމާއި، ފިކުރީ މިލްކުވެރިކަމާ މެދު ޖަރުމަންވިލާތުގެ ޑަސޯ އާއި ފްރާންސްގެ އެއާބަސް އާ ދެމެދު އުފެދުނު ޚިޔާލުތަފާތުވުންތަކާ ހުރެ ދެ ގައުމު ގުޅިގެން ޖެޓް އުފެއްދުމުގެ މަސައްކަތް ޖޫން މަހު ހުއްޓާލާފައެވެ. އެއާއެކު ފްރާންސުން ވަނީ އަމިއްލައަށް މި މަޝްރޫއު ކުރިއަށްދާން ނިންމައި، އާ ބައިވެރިންނަށް ފުރުސަތު ހުޅުވާލާފައެވެ.
އިނގިރޭސިވިލާތާއި ޖަޕާނުގެ ޖީކެޕް ޕްރޮގްރާމް ވަރަށް ބޮޑުތަނުން ކުރިއަރާފައިވީ ނަމަވެސް، އޭގެ ތެރެއަށް ވަނުމުގެ ފުރުސަތު އިންޑިއާއަށް ކުޑައެވެ. އަދި ޖަޕާނުން އިތުރު ގައުމުތައް ބައިވެރިކުރުމަށް މާ ބޮޑު ޝައުގުވެރިކަމެއް ނުދައްކައެވެ.
އަނެއްކޮޅުން، ފްރާންސަކީ އިންޑިއާއާއެކު ޒަމާންވީ ދިފާއީ ގުޅުންތައް ދަމަހައްޓަމުން އަންނަ ގައުމެކެވެ.
އިންޑިއާއިން އެފްކަސް ޕްރޮގްރާމާ ގުޅުނު ކަމުގައިވިޔަސް، އޭގެ ފުރަތަމަ ޓެސްޓު ބޯޓު ފެންނާނީ 2031-2032 ހިސާބުގައެވެ. އަދި ޚިދުމަތަށް ނުކުންނާނީ 2040 ގެ އަހަރުތަކުގައެވެ. އެހެންކަމުން، މި މަޝްރޫއަކީ އިންޑިއާގެ ކުރިއަށް އޮތް ދުރު މުސްތަގުބަލުގެ ދިފާއީ ބާރު ވަރުގަދަކުރުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists