ދައުލަތަށް ޓެކުހުގެ ގޮތުގައި ލިބުނު އާމްދަނީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 12 އިންސައްތަ އިތުރުވެއްޖެ ކަމަށް ދައުލަތުގެ ޓެކްސް އިދާރާއިން ހާމަކޮށްފިއެވެ.
ޓެކްސް އިދާރާގެ ހިސާބުތަކުން ދައްކާގޮތުގައި، މިހިނގާ އޮގަސްޓްމަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށް އާމްދަނީގެ ގޮތުގައި ޓެކުހުން 21.1 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ. މިދިޔަ އަހަރުގެ މި މުއްދަތުގެ ތެރޭގައި ލިބިފައިވަނީ، 18.8 ބިލިއަން ރުފިޔާއެވެ.
އާމްދަނީ އިތުރުވި މައިގަނޑު ދާއިރާތަކަށް ބަލާއިރު، ވިޔަފާރި ފައިދާއިން ނަގާ ޓެކްސް (ބީޕީޓީ) ގެ ގޮތުގައި ލިބުނު އަދަދު ވަނީ 4.5 ބިލިއަން ރުފިޔާއިން 5.4 ބިލިއަން ރުފިޔާއަށް އިތުރުވެފައެވެ. މިއީ 20.6 އިންސައްތައިގެ ކުރިއެރުމެކެވެ. މީގެއިތުރުން އިމްޕޯޓް ޑިއުޓީގެ ގޮތުގައި ލިބުނު އާމްދަނީ 1.8 ބިލިއަން ރުފިޔާއިން 2.1 ބިލިއަން ރުފިޔާއަށް ނުވަތަ 16.4 އިންސައްތަ މައްޗަށް ގޮސްފައިވެއެވެ. އަދި އެއާޕޯޓް ސާވިސް ޗާޖާއި ޑިޕާޗާ ޓެކްސްގެ ގޮތުގައި 1.2 ބިލިއަން ރުފިޔާ ލިބިފައިވާއިރު، ގްރީން ޓެކްސްގެ ގޮތުގައި 1.4 ބިލިއަން ރުފިޔާ ވަނީ ލިބިފައެވެ. މިއީ 6.3 އިންސައްތައިގެ އިތުރުވުމެކެވެ.
ޓެކްސް ނޫން އާމްދަނީގެ ގޮތުގައި މިއަހަރުގެ މިހާތަނަށް 5.6 ބިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރު ލިބުނު 5.5 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 1.9 އިންސައްތައިގެ ކުރިއެރުމެކެވެ. މީގެ ތެރެއިން ހަރުމުދަލުން ލިބުނު އާމްދަނީ ވަނީ 1.3 ބިލިއަން ރުފިޔާއިން 1.7 ބިލިއަން ރުފިޔާއަށް ނުވަތަ 32.1 އިންސައްތަ އިތުރުވެފައެވެ. މީގެ ތެރޭގައި ރިސޯޓް ކުލީގެ ގޮތުގައި ލިބުނު 1.2 ބިލިއަން ރުފިޔާ (10.7 އިންސައްތަ) ހިމެނެއެވެ. ހަމައެއާއެކު، އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 1.2 ބިލިއަން ރުފިޔާ ނުވަތަ 15.4 އިންސައްތަ އިތުރަށް ލިބިފައިވާއިރު، ހިލޭ އެހީގެ ގޮތުގައި ލިބުނު މިންވަރު ވަނީ 242.1 މިލިއަން ރުފިޔާއިން 460.4 މިލިއަން ރުފިޔާއަށް ނުވަތަ 90.1 އިންސައްތަ މަތިވެފައެވެ.
އާމްދަނީ އިތުރުވި ނަމަވެސް، ދައުލަތުގެ ޖުމްލަ ހަރަދުތައްވެސް ވަނީ މިދިޔަ އަހަރާ އަޅާބަލާއިރު ބޮޑުތަނުން އިތުރުވެފައެވެ. އެގޮތުން މިއަހަރުގެ މިހާތަނަށް ދައުލަތުގެ ޖުމްލަ ހަރަދު 28.1 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ހަރަދުވި 23.5 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 4.5 ބިލިއަން ރުފިޔާ ނުވަތަ 19.3 އިންސައްތައިގެ އިތުރުވުމެކެވެ.
ހަރަދުތަކުގެ ތަފްސީލަށް ބަލާއިރު، ރިކަރަންޓް ހަރަދު ވަނީ 20.3 ބިލިއަން ރުފިޔާއިން 24.5 ބިލިއަން ރުފިޔާއަށް ނުވަތަ 20.9 އިންސައްތަ އިތުރުވެފައެވެ. އަދި ތަރައްގީގެ މަޝްރޫއުތަކަށް ކުރި ހަރަދު ނުވަތަ ކެޕިޓަލް ހަރަދު ވަނީ 3.3 ބިލިއަން ރުފިޔާއިން 3.6 ބިލިއަން ރުފިޔާއަށް ނުވަތަ 9.1 އިންސައްތަ މައްޗަށް ގޮސްފައެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists