މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ޑެޕިއުޓީ ޗެއާޕާސަންގެ މަގާމުން އަހުމަދު އަބްދުﷲ އިސްތިއުފާ ދެއްވައިފިއެވެ.
އަހުމަދު އަބްދުﷲ މި މަގާމުން އިސްތިއުފާ ދެއްވިކަން ހާމަކުރައްވައި، އެކަން ވަނީ އެ ޕާޓީގެ ޗެއާޕާސަން ރައީސް މުހައްމަދު ނަޝީދަށް ފޮނުއްވި ސިޓީއެއް މެދުވެރިކޮށް ރަސްމީކޮށް އަންގަވާފައެވެ.
އޭނާ ފޮނުއްވި ސިޓީގައި ބަޔާންކުރައްވާފައިވާ ގޮތުގައި، މަގާމުން އިސްތިއުފާ ދެއްވަން ނިންމެވީ ކުރިއަށް އޮތް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި އަބްދުﷲ ޝާހިދު ވާދަކުރެއްވުމަށް ނިންމަވާފައިވާތީ، ޝާހިދުގެ ކެމްޕެއިން ހަރަކާތްތަކުގައި އަމަލީ ގޮތުން ބައިވެރިވެވަޑައިގަތުމަށެވެ.
މީގެ އިތުރުން ޕާޓީގެ ރައީސް، ނައިބު ރައީސް، ޗެއާޕާސަން އަދި ޑެޕިއުޓީ ޗެއާޕާސަނުންގެ މަގާމުގައި ތިއްބަވާ ބޭފުޅުންނަކީ ޕްރައިމަރީގައި ވާދަކުރައްވާ ހުރިހާ ކެންޑިޑޭޓުންނަށް ވެސް ހަމަހަމަކަމާއެކު އިންސާފުވެރިކޮށް ކަންކަން ކޮށްދޭންޖެހޭ ބަޔަކަށް ވާންޖެހޭނެ ކަމަށް އެ ސިޓީގައި ވަނީ ފާހަގަކުރައްވާފައެވެ. އެހެންކަމުން ވަކި ކެންޑިޑޭޓެއްގެ ކެމްޕެއިނުގައި ސީދާ ބައިވެރިވެވަޑައިގަންނަވާތީ، މަގާމުގެ މަސްއޫލިއްޔަތާއި މަސްލަހަތު ފުށުއަރާނެތީ އިސްތިއުފާ ދެއްވީ ކަމަށް އޭނާ ވިދާޅުވިއެވެ.
އަހުމަދު އަބްދުﷲ ވަނީ އެމްޑީޕީގެ އިސް ސަފުގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރައްވާ، ޕާޓީގެ ހިންގުމުގައި މުހިންމު ދައުރެއް އަދާކުރައްވާފައެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists