ޖަރުމަންވިލާތުގެ ކުންފުނީގެ ޕްރިންޓިން މެޝިންތަކަށް ދިމާވި މައްސަލައެއްގެ ސަބަބުން ޕާސްޕޯޓު ބުކްލެޓް ސްޓޮކް ލިބުން ލަސްވެ ހމިހިނގާ އޮގަސްޓްމަހުގެ 28 ވަނަ ދުވަހުން ފެށިގެން ދިވެހި ޕާސްޕޯޓު ދޫކުރުމުގެ އުސޫލަށް ބަދަލުތަކެއް ގެނައުމަށް އިމިގްރޭޝަނުން ނިންމައިފިއެވެ.
މިކަމާ ގުޅޭގޮތުން އިމިގްރޭޝަނުން މިރޭ ބުނީ 2016 ވަނަ އަހަރުން ފެށިގެން ރާއްޖެއަށް ޕާސްޕޯޓު ބުކްލެޓް ފޯރުކޮށްދެމުން އަންނަ ޖަރުމަނުގެ އެ ކުންފުނީގެ މެޝިންތަކުގެ މައްސަލަ މިހާރު ހައްލުވެފައިވީ ނަމަވެސް ކުރިން ކަނޑައެޅި ތާރީޚަށް ސްޓޮކް ފޮނުވޭ ގޮތް ނުވެ ސެޕްޓެމްބަރު 2026 ގެ ނިޔަލަށް ސްޓޮކް ލިބޭނެ ކަމަށް އެ ކުންފުނިން އަންދާޒާކޮށްފައިވާކަމަށެވެ. އެހެންވެ ސްޓޮކް މެނޭޖްކުރުމުގެ ގޮތުން ދެ ބަދަލެއް ގެނައުމަށް ނިންމާފައިވާކަމަށް އިމިގްރޭޝަނުން ބުންޏެވެ.
އެގޮތުން ފުރަތަމަ ބަދަލަކީ ރާއްޖޭގައި ތިބެގެން މުއްދަތު ހަމަވެފައިވާ ޕާސްޕޯޓު އައުކުރަން ހުށަހަޅާ ފަރާތްތަކަށް އައު ޕާސްޕޯޓެއް ހެދުމުގެ ބަދަލުގައި ކުރީގެ ޕާސްޕޯޓުގެ މުއްދަތު 2027 ޖޫން 30 ގެ ނިޔަލަށް އިތުރުކޮށްދިނުމެވެ. މި ޚިދުމަތަށް އެއްވެސް ފީއެއް ނުނަގާނެ ކަމަށް އެ އިދާރާއިން ބުންޏެވެ. ދެވަނަ ބަދަލެއްގެ ގޮތުން އަލަށް ޕާސްޕޯޓު ހައްދާ ފަރާތްތަކުގެ ތެރެއިން އިންޑިއާ އާއި ސްރީލަންކާ ފަދަ ޤައުމުތަކަށް ކުރު މުއްދަތަށް ދަތުރުކުރާ ފަރާތްތަކަށް އެއް އަހަރު ދުވަހުގެ މުއްދަތުގެ އަށް ޞަފުހާގެ އިމަޖެންސީ ޕާސްޕޯޓެއް ހިލޭ ދޫކުރުމަށް ވަނީ ނިންމައިފައެވެ. މި ޕާސްޕޯޓަކީ އިންޓަނޭޝަނަލް ސިވިލް އެވިއޭޝަން އޯގަނައިޒޭޝަން (އައިކާއޯ) ގެ މިންގަނޑުތަކާ އެއްގޮތް މެޝިން ރީޑަބަލް ޕާސްޕޯޓެކެވެ.
މި ބަދަލުތައް ގެނައި ނަމަވެސް ރާއްޖެއިން ބޭރަށް ދަތުރުކުރުމުގައި އެއްވެސް ދިވެހި ރައްޔިތަކަށް ހުރަހެއް ކުރިމަތިނުވާނެ ކަމުގެ ޔަޤީންކަން އެ އިދާރާއިން ދީފައިވެއެވެ. ޕާސްޕޯޓު ބުކްލެޓް ފޯރުކޮށްދެމުން އައި ޖަރުމަންވިލާތުގެ ކުންފުންޏަކީ ފާއިތުވި 10 އަހަރު ދުވަހު މިފަދަ އެއްވެސް މައްސަލައެއް ކުރިމަތިވެފައި ނެތް ކުންފުންޏެއް ކަމަށް ވެސް އެ އިދާރާއިން ފާހަގަކޮށްފައިވެއެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists