ގައުމީ އެއާލައިން، މޯލްޑިވިއަން ހިންގަމުން އަންނަ އައިލެންޑް އޭވިއޭޝަން ސާވިސަސް ލިމިޓެޑުން ރާއްޖޭގެ 8 ސަރަހައްދަކަށް އެކްސްޕްރެސް ކާގޯގެ ހިދުމަތް ދިނުމަށް އެޖެންޓުން ހޯދުމަށް އިއުލާނުކޮށްފިއެވެ.
އައިލެންޑް އޭވިއޭޝަނުން މައުލޫމާތު ދެއްވާފައިވާ ގޮތުގައި، މި ހިދުމަތް ދިނުމަށް އެޖެންޓުން ހޯދަމުންދަނީ އެ އެއާލައިނުން ދަތުރުތައް ބާއްވަމުން އަންނަ މަންޒިލްތަކަށެވެ. އެގޮތުން ބ. ދަރަވަންދޫ، ހދ. ކުޅުދުއްފުށި، ޏ. ފުވައްމުލައް އަދި އައްޑޫ ސިޓީގެ ރަށްތައް މީގެ ތެރޭގައި ހިމެނެއެވެ.
މި ސަރަހައްދުތަކުގައި އެކްސްޕްރެސް ކާގޯގެ ހިދުމަތް ދިނުމަށް ޝައުގުވެރިވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު މިހާރު ވަނީ ރަސްމީކޮށް ހުޅުވާލާފައެވެ.
މޯލްޑިވިއަނުން ފާހަގަކުރި ގޮތުގައި، ރާއްޖޭގެ އެކި ސަރަހައްދުތަކަށް މި ހިދުމަތް ފުޅާކުރުމުން އެކި ރަށްރަށުގައި ހިންގާ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުން އުފައްދާ ތަކެއްޗާއި އެހެނިހެން މުދާ އެއްތަނުން އަނެއްތަނަށް އަވަހަށް އަދި ފަސޭހަކަމާއެކު ސަޕްލައިކުރުމަށް މަގުފަހިވެގެންދާނެއެވެ. މީގެ ސަބަބުން ވިޔަފާރިތަކަށް އިތުރު ކުރިއެރުމާއި ލުއިފަސޭހަތަކެއް ލިބިގެންދާނެ ކަމަށް އެ ކުންފުނިން ދެކެއެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists