މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އިން ކަޅުބިލަމަސް ގަންނަ އަގު މިއަދު ބޮޑުކޮށްފިއެވެ.
މިފްކޯއިން މިއަދު ބުނި ގޮތުގައި، ގެނައި މި ބަދަލާއެކު މިހާރު ކަޅުބިލަމަސް ކިލޯއެއް ގަންނާނީ 21 ރުފިޔާއަށެވެ. މީގެ ކުރިން މިފްކޯއިން ކަޅުބިލަމަސް ކިލޯއެއް ގަންނަމުން އައީ 20 ރުފިޔާއަށެވެ. މިއީ މަސް ކިލޯއަކުން 1 ރުފިޔާގެ އިތުރުވުމެކެވެ.
މިފްކޯއިން މަސް ގަންނަ އަގަށް މި ބަދަލު ގެނެސްފައިވަނީ ބައިނަލްއަޤްވާމީ ބާޒާރުގެ ޑިމާންޑާއި ސަޕްލައިއަށް ރިއާޔަތްކުރުމަށްފަހު، މަސްވެރިންނަށް އެކަށީގެންވާ ހެޔޮ އަގެއް ފޯރުކޮށްދިނުމުގެ މަޤްޞަދުގައެވެ. އަދި މިއީ ރާއްޖޭގައި ދެމެހެއްޓެނިވި މަސްވެރިކަން ހަރުދަނާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ގެންގުޅުއްވާ ހަރުދަނާ ސިޔާސަތުގެ ދަށުން އެޅުނު މުހިންމު ފިޔަވަޅެއްކަމަށް އެކުންފުނިން ފާހަގަކުރިއެވެ.
މިފްކޯއިން މަސް ގަންނަ ސަރަހައްދުތައް
މިފްކޯއިން ބުނީ އެކުންފުނިން އަބަދުވެސް މަސައްކަތް ކުރަމުންދަނީ ބާޒާރުގައި ހުންނަ އަގުތަކަށް ރިއާޔަތްކޮށް، މަސްވެރިން ބާނާ މަހަށް އެންމެ ފުރިހަމަ އަގު ހޯދައިދިނުމަށް ކަމަށެވެ. މިގޮތުން ދުނިޔޭގެ ބާޒާރަށް އަންނަ ބަދަލުތަކާ ގުޅިގެން، ކުންފުނިން މަސް ގަންނަ އަގުތަކަށް ދޭތެރެ ދޭތެރެއިން ހެޔޮ ބަދަލުތައް ގެންނަމުންދާނެ ކަމަށް މިފްކޯއިން ވަނީ ބުނެފައެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists