ކ. ހުރާގެ ގެސްޓްހައުސް ބީޗް ތަރައްޤީކޮށް ހިންގާނެ ފަރާތެއް ހޯދުމަށް އެ ރަށު ކައުންސިލުން އަނެއްކާވެސް އާންމުކޮށް ހުޅުވާލައިފިއެވެ.
ހުރާ ކައުންސިލުން މި ފުރުސަތު އަލުން ހުޅުވާލާފައިވަނީ، މީގެ ކުރިން މި މަޝްރޫޢު ކުރިއަށް ގެންދިއުމަށް ކުރި އިޢުލާން ބާޠިލުކުރުމަށް ފަހުގައެވެ. ހުރާ ކައުންސިލުން ބުނީ، މި މަޝްރޫޢުގެ ދަށުން ގެސްޓްބީޗް ސަރަހައްދު ތަރައްޤީކޮށް ޚިދުމަތް ދިނުމުގެ ފުރުސަތު ދިނުމަށް ހަމަޖެހިފައިވަނީ، އެ ކައުންސިލުން އާންމުކޮށްފައިވާ އުސޫލުތަކާ އެއްގޮތަށް ބީލަމުގެ އުސޫލުން ބިޑް ކާމިޔާބުކުރާ ފަރާތަކަށެވެ.
މި މަޝްރޫޢުގެ ދަށުން ބީޗް ސަރަހައްދުގައި ޚާއްޞަ ހަޓެއްގެ އިތުރުން، އެ ސަރަހައްދަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް ފަސޭހަވާނޭހެން 4 ފާޚާނާއާއި، ފެންވަރާނެ އިންތިޒާމުތައް ވެސް ޤާއިމުކުރަން ޖެހެއެވެ. މި ހަޓުގައި ޞިއްޙީގޮތުން ގެއްލުން ނުލިބޭ ތަފާތު ބުއިންތައް ވިއްކެއެވެ. މީގެ އިތުރުން ސްވެނިއާ އަދި ސްނޯކްލިންގއަށް ބޭނުންކުރާ ސާމާނު ވިއްކުމުގެ ހުއްދަ ލިބިގެންދާނެއެވެ.
ހުރާގެ ފަތުރުވެރިކަން ކުރިއެރުވުމުގެ މަޤްޞަދުގައި ކުރިއަށްގެންދާ މި މަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކުން، ބީލަން ހުށަހެޅުމުގެ އެންމެ ފަހު ތާރީޚަކީ 15 ސެޕްޓެމްބަރު 2026 ވާ އަންގާރަ ދުވަހުގެ މެންދުރު 12:00 އެވެ.
މި މަޝްރޫޢުގެ ސަބަބުން ހުރާގެ ލޯކަލް ޓޫރިޒަމަށް އިތުރު ކުރިއެރުމެއް ލިބި، ރަށަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް ފުރިހަމަ ޚިދުމަތްތަކެއް ލިބިގެންދާނެ ކަމަށް އެ ރަށު ކައުންސިލުން އުންމީދު ކުރެއެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists