އޭޝިއަން ކަޕް 20 އަހަރުން ދަށުގެ ކޮލިފިކޭޝަންގައި ދިވެހިރާއްޖެ އާއި ބުރޫނާއީ ބައްދަލުކުރި ފޯރިގަދަ މެޗު، 2-0 ގެ ނަތީޖާއަކުން ދިވެހިރާއްޖޭގެ 20 އަހަރުން ދަށުގެ ޤައުމީ ޓީމުން ކާމިޔާބުކޮށްފިއެވެ.
މެޗުގެ ފުރަތަމަ ހާފުގައި ދިވެހި ޒުވާން ޓީމުގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު، ޓީމުން ވަނީ ލިބުނު ފުރުޞަތުތަކުގެ ބޭނުން ހިފާ ދެ ލަނޑުގެ ލީޑެއް ނަގާފައެވެ. އެގޮތުން، ރާއްޖޭގެ ޓީމަށް މެޗުގެ ލީޑު ނަގައިދީ ފުރަތަމަ ގޯލު ކާމިޔާބުކޮށްދިނީ މެޗުގެ 20 ވަނަ މިނެޓުގައި އީތަން އެވެ.
ފުރަތަމަ ލަނޑަށްފަހު ވެސް ރާއްޖެއިން ދިޔައީ ބުރޫނާއީގެ ގޯލަށް ނުރައްކާކޮށް ހަމަލާތައް އުފައްދަމުންނެވެ. އޭގެ ނަތީޖާއެއްގެ ގޮތުން، މެޗުގެ 32 ވަނަ މިނެޓުގައި އިލާން ވަނީ ހިތްގައިމު ލަނޑެއް ޖަހައި ރާއްޖޭގެ ލީޑު ފުޅާކޮށްދީފައެވެ. ދެވަނަ ހާފުގައި ވެސް ރަނގަޅު ކުޅުމެއް ދެ ޓީމުގެ ފަރާތުން ފެނިގެންދިޔަ ނަމަވެސް އިތުރު ލަނޑެއް ފެނިފައެއް ނުވެއެވެ.
މި މޮޅާއެކު ރާއްޖޭގެ ޒުވާން ޓީމަށް ވަނީ މުބާރާތުގައި ކުރިއަށްދިއުމަށް އިތުރު ހިތްވަރެއް ލިބިގެން ގޮސްފައެވެ. ކޮލިފައިންގައި ރާއްޖެ ދެން އެންމެ އަވަހަށް ނިކުންނަން ޖެހޭނީ އަވަށްޓެހި ސްރީލަންކާއާ ދެކޮޅަށެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists