އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރުގެ މަގާމުގައި ހުންނެވި ޢަބްދުލްޢަޒީޒު ޖަމާލް އަބޫބަކުރު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު އައްޔަންކުރައްވައިފިއެވެ.
އަބްދުލްއަޒީޒް އެ މަގާމަށް އައްޔަނުކުރެއްވީ މިއަދުގެ ވަގުތެއްގައެވެ. މި މަގާމަށް ޢަބްދުލްޢަޒީޒު އައްޔަންކުރައްވާފައި މިވަނީ، މީގެ ކުރިން އެ މަގާމުގައި ހުންނެވި އަޙްމަދު އާހިދު ރަޝީދުގެ މަގާމުގެ ދައުރު މިއަދަށް ހަމަވުމާ ގުޅިގެންނެވެ.
އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް ކުރިމަތިލުމަށް ފުރުސަތު ހުޅުވާލުމުން އެކަމަށް އެދި ހުށަހެޅުއްވި ބޭފުޅުންގެ ތެރެއިން، ޢަބްދުލްޢަޒީޒު ޖަމާލް އަބޫބަކުރު އެ މަގާމަށް ޢައްޔަންކުރެއްވުމަށް ފެނިވަޑައިގަންނަވާތީ އެނާގެ ނަންފުޅަށް މަޖިލީހުގެ ރުހުން ހޯއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ފޮނުއްވީ މިދިޔަ އޮގަސްޓް މަހުގެ ތެރޭގައެވެ.
ޢަބްދުލްޢަޒީޒަކީ މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގެ ދަށުން ދިވެހިރާއްޖޭގައި ފުރަތަމަ ފަހަރަށް އިންފޮމޭޝަން ކޮމިޝަނަރަކަށް ޢައްޔަންކުރެއްވި ބޭފުޅާއެވެ. އޭނާ އެ މަގާމުގެ 5 އަހަރުގެ ދައުރު ފުރިހަމަކުރެއްވުމަށްފަހު ވަކިވެވަޑައިގެންނެވީ 2019 ވަނަ އަހަރުއެވެ.
ޢަބްދުލްޢަޒީޒު ޖަމާލް އަބޫބަކުރަކީ ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެންބަރުކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ. މީގެއިތުރުން ދިވެހި ބަހުގެ އެކަޑަމީގައި ދިގު މުއްދަތަކަށް ޚިދުމަތް ކުރައްވައި، ދިވެހި ބަހާއި އަދަބިއްޔާތާ ގުޅޭ ގިނަ ފޮތްތަކެއް ވެސް އެމަނިކުފާނު ވަނީ ލިޔުއްވައި ޝާއިޢުކުރައްވާފައެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists