ދިވެހި ސަރުކާރާއި އިންޓަނޭޝަނަލް އިސްލާމިކް ޓްރޭޑް ފައިނޭންސް ކޯޕަރޭޝަން (އައިޓީއެފްސީ) އާ ދެމެދު، ކުރިއަށް އޮތް ފަސް އަހަރު ދުވަހުގެ މުއްދަތަށް 1.5 ބިލިއަން ޑޮލަރުގެ ޓްރޭޑް ފައިނޭންސިން ފްރޭމްވޯކް އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ.
މިނިސްޓްރީ އޮފް ފައިނޭންސްގައި މިއަދު ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި، ދިވެހި ސަރުކާރުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ފައިނޭންސް މިނިސްޓަރު އަދި އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކް (އައިޑީބީ) އަށް ރާއްޖެއިން ކަނޑައަޅުއްވާފައިވާ ގަވަރުނަރު ޙަސަން ޒަރީރެވެ. އައިޓީއެފްސީގެ ފަރާތުން ސޮއިކުރެއްވީ އެ ކޯޕަރޭޝަނުގެ ސީއީއޯ އިންޖިނިއަރ އަދީބު ޔޫސުފް އަލް-އާމާއެވެ.
މި އެއްބަސްވުމުގެ ދަށުން 2026 އިން ފެށިގެން 2031 އާ ހަމައަށް ސަރުކާރަށާއި ރާއްޖޭގެ ބޭންކުތައް މެދުވެރިކޮށް އަމިއްލަ ވިޔަފާރިތަކަށް ޓްރޭޑް ފައިނޭންސިން ފެސިލިޓީ ހަމަޖެހިގެންދާނެއެވެ. މީގެ މައިގަނޑު ބޭނުމަކީ ރާއްޖެއަށް ބޭނުންވާ ކާބޯތަކެއްޗާއި ޒަރޫރީ އެހެނިހެން މުދާ އިމްޕޯޓުކުރުމަށާއި، ރާއްޖެއިން ބޭރުކުރާ އުފެއްދުންތަކުގެ ވިޔަފާރި އިތުރަށް ފުޅާކުރުމަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުން ކަމަށް މާލީ ވުޒާރާއިން ބުންޏެވެ. އަދި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އިތުރުން ޝަރުތުހަމަވާ އަމިއްލަ ވިޔަފާރިތަކަށް ވެސް މި ފުރުޞަތު ފަހިވެގެންދާނެ ކަމަށް ފިނޭންސް މިނިސްޓްރީން މަޢުލޫމާތު ދެއެވެ. މީގެއިތުރުން، ވިޔަފާރިއާ ގުޅުންހުރި ފަންނީ އެހީތެރިކަން ދިނުމާއި ދުނިޔޭގެ ބާޒާރުތަކަށް ރާއްޖޭގެ އުފެއްދުންތައް ނެރުމުގެ ޤާބިލުކަން އިތުރުކުރުމުގެ މަޝްރޫޢުތައް ވެސް މި އެއްބަސްވުމުގެ ދަށުން ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.
ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މާލީ ވަޒީރު ޒަރީރު ވިދާޅުވީ، އައިޓީއެފްސީ އުފެދުނީއްސުރެ ރާއްޖެއަށް ދެމުންދާ އެހީތެރިކަން ވަރަށް ބޮޑަށް ފުޅާވެފައިވާ ކަމަށެވެ. ކުރިން ހަމައެކަނި ހަކަތައިގެ ދާއިރާއަށް ޚާއްޞަކުރެވިފައި އޮތް ނަމަވެސް، މިހާރު ކާބޯތަކެއްޗާއި ބޭސްފަރުވާގެ ސާމާނު އެތެރެކުރުމަށާއި މަސްވެރިކަމުގެ އިތުރުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް ވެސް އެ ކޯޕަރޭޝަނުން އެހީތެރިކަން ލިބެމުންދާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ. ވަކިން ޚާއްޞަކޮށް، 2017 ވަނަ އަހަރުން ފެށިގެން އެސްޓީއޯއަށް ލިބެމުންދާ ފެސިލިޓީގެ ސަބަބުން ރައްޔިތުންނަށް ބޭނުންވާ ޒަރޫރީ ތަކެތި މެދުނުކެނޑި އެތެރެކުރުމަށް މަގުފަހިވެފައިވާ ކަމަށް ވިދާޅުވިއެވެ.
އައިޓީއެފްސީ އާއެކު އެއްބަސްވުމުގައި ސޮއިކުރުމުގެ ތެރެއުން..
އައިޓީއެފްސީގެ ސީއީއޯ އިންޖިނިއަރ އަދީބު ޔޫސުފް ވިދާޅުވީ، މިއަދު ސޮއިކުރެވުނު އެއްބަސްވުމަކީ ދެފަރާތުގެ ދެމެދުގައި އޮތް ގާތް ގުޅުމުގެ ހެއްކެއް ކަމަށާއި، މި ފެސިލިޓީގެ ސަބަބުން ރާއްޖޭގެ ބޭންކުތަކާއި އަމިއްލަ ވިޔަފާރިތަކާއެކު އޮތް ގުޅުން އިތުރަށް ހަރުދަނާވެގެންދާނެ ކަމަށެވެ.
މިއީ 2019 އިން 2024 އަށް ހިންގި ފުރަތަމަ ފަސް އަހަރުގެ އެއްބަސްވުން ކާމިޔާބުކަމާއެކު ނިމުމާ ގުޅިގެން ސޮއިކުރެވުނު ދެވަނަ ފްރޭމްވޯކް އެއްބަސްވުމެވެ. ކުރީގެ އެއްބަސްވުމުގައި 1.5 ބިލިއަން ޑޮލަރު ކަނޑައެޅި ނަމަވެސް، އެ މުއްދަތުގައި 1.7 ބިލިއަން ޑޮލަރު ވަނީ ބޭނުންކޮށްފައެވެ. އަދި 2008 ވަނަ އަހަރުން ފެށިގެން މިއަދާ ހަމައަށް އައިޓީއެފްސީން ވަނީ ރާއްޖެއަށް ޖުމްލަ 3.3 ބިލިއަން ޑޮލަރުގެ މާލީ އެހީތެރިކަން ދީފައެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists