އޭޑީކޭ ހޮސްޕިޓަލުން ރާއްޖޭގައި ފުރަތަމަ ފަހަރަށް ރޮބަޓިކް ސާޖަރީގެ ހިދުމަތް ތައާރަފްކޮށް އޮޕަރޭޝަން ކުރަން ފަށައިފިއެވެ.
މި ޒަމާނީ ޚިދުމަތް ފެށުމުގެ ގޮތުން، ރޮބޮޓްގެ އެހީގައި ކަކޫ ބަދަލުކުރުމުގެ (ޓޯޓަލް ނީ ރިޕްލޭސްމަންޓް) ދެ އޮޕަރޭޝަނެއް އެ ހޮސްޕިޓަލުން ވަނީ ކާމިޔާބީއާއެކު ނިންމާލާފައެވެ.
މިކަމާ ގުޅޭގޮތުން އޭޑީކޭ ގްރޫޕްގެ ޗެއާމަން އަދި ސީއީއޯ އަޙްމަދު ނާޝިދު ވިދާޅުވީ، ޞިއްޙީ ދާއިރާ ކުރިއެރުވުމަށާއި، ރާއްޖޭގައި މި ވަގުތު ލިބެންނެތް ޚާއްޞަ ޚިދުމަތްތައް ތަރައްޤީކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވާ އަހަންމިއްޔަތާއި ދެއްވާ ހިތްވަރު ފާހަގަކުރައްވާ ކަމަށެވެ.
ނާޝިދު އިތުރަށް ވިދާޅުވީ، ރޮބޮޓިކް ސާޖަރީއަށް އޭޑީކޭއިން ކުރި އިންވެސްޓްމަންޓަކީ ރާއްޖޭގެ ޞިއްޙީ ދާއިރާއަށް ޒަމާނީ ޓެކްނޮލޮޖީއާއި ފަންނީ ހުނަރު ތަޢާރަފުކުރުމަށް ކުރެވުނު މުހިންމު މަސައްކަތެއް ކަމަށެވެ. އަދި މިއީ ޞިއްޙީ ޚިދުމަތް ހޯދުމުގައި ރާއްޖެއަކީ އަމިއްލަ ފައިމައްޗަށް ތެދުވެފައިވާ ޤައުމަކަށް ހެދުމަށް އެޅުނު ބޮޑު ފިޔަވަޅެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ.
އޭޑީކޭއިން ރޮބަޓިކް ސާޖަރީގެ ހިދުމަތް ފެށިއިރު ދަރުމަވަންތަ ހޮސްޕިޓަލުންވެސް ދަނީ އެ ހިދުމަތަށް ތައްޔާރުވުމުގެ މަސައްކަތް ކުރަމުންނެވެ.
ރޮބަޓިކް ސާޖަރީތަކަކީ ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި، ޑޮކްޓަރުން ރޮބޮޓިކް ސިސްޓަމެއް ކޮންޓްރޯލްކޮށްގެން ކުރާ ވަރަށް ފުރިހަމަ އަދި ނާޒުކު އޮޕަރޭޝަންތަކެކެވެ. ރޮބަޓް ބޭނުންކޮށްގެން ކުރާ އޮޕަރޭޝަންތަކުގައި ގައިގެ ތަންތަން ބޮޑަށް ފަޅާލުމުގެ ބަދަލުގައި ކުދި ލޯވަޅުތަކުގެ އެހީގައި އޮޕަރޭޝަންތައް ކޮށްލެވެއެވެ. މީގެ އިތުރުން އޮޕަރޭޝަން ކުރާ ވަގުތު ހަށިގަނޑުން ލޭ އަންނަ މިންވަރު ވަރަށް ބޮޑަށް ކުޑަކޮށްދިނުމާއި ވޭން އެޅުމުގެ ބައިވެސް ކުޑަކޮށްދޭކަމަށް ސިއްހީ ބޭފުޅުން ފާހަގަކުރެއެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists