ވޭތުވެދިޔަ ހަފްތާގެ ތެރޭގައި މާލެ ސަރަހައްދުން ހިމަބިހި (މީސަލްސް) ޖެހިފައިވާ 12 މީހަކު ފެނިފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފިއެވެ.
އެޗްޕީއޭ އިން އާންމުކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާ ގޮތުގައި، ރާއްޖެއިން މިހާތަނަށް ޖުމްލަ 264 ހިމަބިހީގެ ކޭސް ވަނީ ރިޕޯޓްކޮށްފައެވެ.
މި ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި ސަރުކާރުންނާއި ކަމާބެހޭ އިދާރާތަކުން ކުރަމުންދާ މަސައްކަތުގެ ދަށުން، މިހާތަނަށް 16،320 ފަރާތަކުން ވަނީ ހިމަބިހީގެ ވެކްސިން ފުރިހަމަކޮށްފައެވެ.
އެޗްޕީއޭ އިން ބަޔާންކުރާ ގޮތުގައި ހިމަބިއްސަކީ ވައިގެ ޒަރީއާއިން ވަރަށް ފަސޭހައިން ގައިންގަޔަށް އަރާ އަދި އޭގެ ސަބަބުން ސިއްހީ ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެދާނެ ބައްޔެކެވެ. އެހެންކަމުން، މި ނުރައްކާތެރި ބަލިން ރައްކާތެރިވުމަށް އެޅެން އޮތް އެންމެ މުހިންމު ފިޔަވަޅަކީ ހިމަބިހި ވެކްސިންގެ ދެ ޑޯޒް ފުރިހަމަކުރުން ކަމަށް އެ އެޖެންސީން ވަނީ ހަނދާންކޮށްދީފައެވެ.
އެހެންކަމުން، އެއްވެސް ސަބަބަކާ ހުރެ ވެކްސިން ފުރިހަމަނުކުރެވި ތިބި ފަރާތްތަކުން ވީ އެންމެ އަވަހަކަށް ވެކްސިންގެ ޑޯޒްތައް ފުރިހަމަކުރުމަށް އެޗްޕީއޭ އިން ވަނީ އިލްތިމާސްކޮށްފައެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists