ސައޫދީ އަރަބިއްޔާގެ އެކި ސަރަހައްދުތަކުގައި ހުރި އާންމުން ދިރިއުޅޭ ތަންތަނަށާއި އިގްތިސާދީ މަރުކަޒުތަކަށް އަމާޒުކޮށް ހޫޘީން ދިން ނުރައްކާތެރި ހަމަލާތައް ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.
މި ހަމަލާތަކާ ގުޅިގެން ދިވެހި ހާރިޖިއްޔާއިން ނެރުނު ބަޔާނެއްގައި ބުނީ، ސައޫދީ އަރަބިއްޔާގެ އަބްހާ، ޚަމީސް މުޝައިތު، ޖީޒާން އަދި ނަޖްރާންގައި ހުރި އާންމުން ދިރިއުޅޭ ތަންތަނަށާއި އިގްތިސާދީ މުހިންމު މަރުކަޒުތަކަށް އަމާޒުކޮށް ހޫޘީ ޖަމާއަތުން ދިން ހަމަލާތައް ދިވެހި ސަރުކާރުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ. އަދި މި ހަމަލާތަކުގައި އަންހެނުންނާއި ކުޑަކުދިން ހިމެނޭހެން އެތައް ބަޔަކަށް އަނިޔާވެފައިވާތީ އެކަމުގެ ކަންބޮޑުވުން ހާރިޖިއްޔާއިން ވަނީ ފާޅުކޮށްފައެވެ.
ހާރިޖިއްޔާގެ ބަޔާނުގައި އިތުރަށް ފާހަގަކޮށްފައިވާ ގޮތުގައި، މިފަދަ ފިނޑި ހަމަލާތަކަކީ ސައޫދީ އަރަބިއްޔާގެ މިނިވަންކަމާއި ސިޔާދަތަށް އަރައިގަތުމުގެ އިތުރުން، މުޅި ސަރަހައްދުގެ ސުލްހަވެރިކަމާއި، ސަލާމަތާއި ހަމަޖެހުމަށް އޮތް ބޮޑު ނުރައްކަލެއް ކަމުގައި ދެކޭކަމަށް ވަނީ ބުނެފައެވެ.
މީގެއިތުރުން، ދިވެހިރާއްޖެ އަބަދުވެސް އޮންނާނީ ސައޫދީ ސަރުކާރާއި އެގައުމުގެ އަޚުވަންތަ ރައްޔިތުންނާ އެކުގައި ކަމަށާއި، ސައޫދީ އަރަބިއްޔާގެ ސިޔާދަތާއި، ރައްކާތެރިކަން ދެމެހެއްޓުމަށްޓަކައި އެ ގައުމުން އަޅާ ކޮންމެ ފިޔަވަޅަކަށް ދިވެހިރާއްޖޭގެ ފުރިހަމަ ތާއީދު އޮތްކަން ދިވެހި ސަރުކާރުގެ ބަޔާނުގައި ވަނީ ކަށަވަރުކޮށްދީފައެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists