ދިވެހީންގެ މެދުގައި ރިވެތި އަޚްލާޤު އިޔާދަކުރުމުގެ ބޭނުމުގައި ފަސް އަހަރު ދުވަހަށް ދެމިގެންދާ "އިޙުތިރާމު އަދާކުރުމުގެ ޤައުމީ މަޝްރޫޢު" ހިންގެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ނިންމެވި ނިންމެވުމުގެ ތަފްޞީލް ސަރުކާރުން ހާމަކުރައްވައިފިއެވެ.
ފަންނާއި ސަގާފަތާ ބެހޭ ވުޒާރާއިން ވަޒީރުންގެ މަޖިލީހަށް ހުށަހެޅުއްވި ކަރުދާހަކާ މެދު މި މަހުގެ ހަ ވަނަ ދުވަހު ބޭއްވެވި ޖަލްސާގައި މަޝްވަރާކުރެއްވުމަށް ފަހު މި މަޝްރޫޢު މުޅި ރާއްޖެއަށް ފުޅާކޮށް ހިންގެވުމަށް ވަނީ ފާސްކުރައްވައިފައެވެ. މި މަޝްރޫޢުގެ ޝިޢާރަކީ "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" ކަމުގައި ވެސް ވަނީ ކަނޑައަޅުއްވައިފައެވެ.
މަޝްރޫޢު ވިލަރެސްކުރުމަށް ދާއިރާގެ ތަޖުރިބާ ލިބިފައިވާ ނުވަ މެންބަރުންގެ ކޮމިޓީއެއް އެކުލަވައިލެއްވުމަށް ވެސް ވަޒީރުންގެ މަޖިލީހުން ނިންމެވިއެވެ. އެ ކޮމިޓީގައި ހިމެނޭނީ ފަންނާއި ސަގާފަތާ ބެހޭ ވުޒާރާ އާއި ދިފާޢީ ވުޒާރާ އާއި ދާޚިލީ ސަލާމަތާ ބެހޭ ވުޒާރާ އާއި މާލީ ވުޒާރާ އާއި ތަޢުލީމީ ވުޒާރާ އާއި އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާ އާއި ޒުވާނުންނާއި ކުޅިވަރާ ބެހޭ ވުޒާރާގެ އިތުރުން ޕަބްލިކް ސަރވިސް މީޑިއާ (ޕީއެސްއެމް) އެވެ.
ހަމައެއާ އެކު ކޮންމެ އަހަރަކު އެއް ފަހަރު "ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް" ފާހަގަކުރެއްވުމަށާއި އެ ދުވަހަކީ މި މަޝްރޫޢު ރަސްމީކޮށް އިފްތިތާޙުކުރާ ދުވަސް ކަމުގައި ހަމަޖެއްސެވުމަށް ވެސް ވަޒީރުންގެ މަޖިލީހުން ވަނީ ނިންމަވައިފައެވެ. މި މަޝްރޫޢަކީ ޒަމާނުއްސުރެ ދިވެހީންގެ ކިބައިގައި ހަރުލައިފައިވާ ރީތި އާދަތައް އަލުން ދިރުވައި އާލާކުރެއްވުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ ނިންމެވި ނިންމެވުމެކެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists