ލައިސަންސް ނެތި ބޭރު ފައިސާ މާރުކުރުމުގެ ވިޔަފާރި ހިންގާ ފަރާތްތައް ފާހަގަކުރެވިފައިވާ ކަމަށާއި އެ ފަރާތްތަކާ އެކު މުޢާމަލާތް ނުކުރުމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން މިއަދު އިލްތިމާސްކޮށްފިއެވެ.
ބޭރު ފައިސާއާ ބެހޭ ޤާނޫނާއި މަނީ ޗޭޖިންގ ވިޔަފާރިއާ ބެހޭ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުން ރާއްޖޭގައި ބޭރު ފައިސާ މާރުކުރުމުގެ ވިޔަފާރި ކުރެވޭނީ އެމްއެމްއޭ އިން ދޫކުރާ ލައިސަންސެއް އޮވެގެންނެވެ.
މިކަމާ ގުޅިގެން އެ އޮތޯރިޓީން ނެރުނު ނޫސް ބަޔާނުގައި ބުނެފައިވަނީ، ހުއްދައާ ނުލައި ބޭރު ފައިސާ މާރުކުރުމުގެ މުޢާމަލާތްތައް ބައެއް ފަރާތްތަކުން ކުރިއަށް ގެންދާކަން ފާހަގަކުރެވިފައިވާކަމަށެވެ. އެގޮތުން ލައިސަންސް ނެތި ވިޔަފާރިކުރުމަކީ ރާއްޖޭގެ ޤާނޫނުތަކުގެ ދަށުން ކުށެއް ކަމަށް ވެސް އެ ބަޔާނުގައިވެއެވެ.
އެމްއެމްއޭ އިން ބުނީ ބޭންކެއް ނޫން އެހެން ފަރާތަކާ އެކު ބޭރު ފައިސާ މާރުކުރުމުގެ ކޮންމެ މުޢާމަލާތެއް ކުރާ އިރު ވެސް އެ ފަރާތަކީ ލައިސަންސް ލިބިފައިވާ ފަރާތެއްކަން ކަށަވަރުކުރަން ޖެހޭ ކަމަށެވެ. ލައިސަންސް ދޫކޮށްފައިވާ ފަރާތްތަކުގެ އެންމެ ފަހުގެ ލިސްޓު އެ އޮތޯރިޓީގެ ވެބްސައިޓުން ބެލެން ހުންނާނެ ކަމަށް މަރުކަޒީ ބޭންކުން ވަނީ ބުނެފައެވެ.
އެމްއެމްއޭގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިއަދުގެ ނިޔަލަށް ބޭރު ފައިސާ މާރުކުރުމުގެ ލައިސަންސް ދޫކޮށްފައިވަނީ ޖުމްލަ 59 ފަރާތަކަށެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists