ހުޅުމާލެ ފޭސް ދޭއްގައި އިމާރާތްކޮށްފައިވާ ފަހިދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) ގެ "އަމާން ދޯދި" އަދި "އަމާން އުދަރެސް" ޓަވަރުތަކުގެ އެޕާޓްމަންޓްތަކުގައި ދިރިއުޅެމުންދާ ފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ޚާއްސަ މަސައްކަތްތަކެއް ފަށައިފިއެވެ.
އެފްޑީސީން ބުނީ މި މަސައްކަތުގެ ދަށުން އެ ޓަވަރުތަކުގައި ކުޑަކުދިންނާއި ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތައް ދިރިއުޅޭ ޔުނިޓުތައް ފާހަގަކޮށް، ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ މުހިންމު ފިޔަވަޅުތައް މިހާރު އަޅަން ފަށާފައިވާކަމަށެވެ.
އެގޮތުން، އެޕާޓްމަންޓްތަކުގައި ދިރިއުޅޭ ބައެއް ފަރާތްތަކުގެ އެދުމުގެ މަތިން ފެންލައިޓްތައް ހުޅުވޭ މިންވަރު ކުޑަކުރުމާއި، ކުޑަދޮރުތަކުގައި ރައްކާތެރިކަމުގެ ޖާލި ޖެހުމުގެ މަސައްކަތުގައި އެ ކޯޕަރޭޝަނުން އަންނަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ. މި ފިޔަވަޅުތަކަކީ އެޕާޓްމަންޓްތަކުގައި ދިރިއުޅޭ އާއިލާތަކަށް، ޚާއްސަކޮށް ޅަދަރިން ތިބި އާއިލާތަކަށް އަމާން އަދި ރައްކާތެރި މާހައުލެއް ގާއިމުކޮށްދިނުމުގެ ގޮތުން އަޅަމުންދާ ފިޔަވަޅުތަކެކެވެ.
ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ވެސް ދަނީ ހިޔާ ފްލެޓްތަކުގައި ދިރިއުޅޭ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް މިފަދަ ހަރަކާތްތަކެއް ހިންގަމުންނެވެ.
ހުޅުމާލޭގެ ސޯޝަލް ހައުސިންގ ޓަވަރުތަކުގެ ރައްކާތެރިކަން އިތުރަށް ވަރުގަދަކުރުމުގެ މަސައްކަތްތައް ކަމާބެހޭ އިދާރާތަކުން ފަށާފައި މިވަނީ، ދާދިފަހުން ހުޅުމާލޭގެ ޓަވަރެއްގެ ކުޑަދޮރުން ކުޑަކުއްޖަކު ވެއްޓުމުގެ ހިތާމަވެރި ހާދިސާއެއް ހިނގާފައިވާ ދަނޑިވަޅެއްގައެވެ. މިފަދަ ހިތާމަވެރި ހާދިސާތައް ތަކުރާރުވިޔަ ނުދިނުމަށްޓަކައި ޢިމާރާތްތަކުގެ ރައްކާތެރިކަމުގެ ފިޔަވަޅުތައް ހަރުދަނާކުރުމަށް ސަރުކާރުގެ ކަމާބެހޭ ކުންފުނިތަކުން ދަނީ ޚާއްސަ އިސްކަމެއް ދެމުންނެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists