ކުޑައަގަކަށް ހުޅުމާލެއިން ވިއްކާކަމަށް ސޯޝަލް މީޑިއާގައި ދައުރުވި ބިމުގެ މައްސަލާގައި ބިން ވިއްކުމުގެ ކަންކަން މުޅިން ނިންމާނީ އޭސީސީ އާއި ޤާނޫނި ލަފާ ހޯދުމަށްފަހުކަމަށް ހައުސިން މިނިސްޓްރީން ބުނެފިއެވެ.
ހުޅުމާލެއިން މީގެ 23 އަހަރުކުރިން ވިއްކަން ނިންމި އެ ބިމާ ބެހޭގޮތުން ހައުސިން މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނެފައިވަނީ، 2003 ވަނަ އަހަރު އޭރުގެ މިނިސްޓްރީ އޮފް ހޯމްއެފެއާޒް، ހައުސިންގ އެންޑް އެންވަޔަރަންމަންޓްގެ ދަށުން "މޯލްޑިވްސް ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓް ބޯޑު" މެދުވެރިކޮށް ހިންގި ބޯހިޔާވަހިކަމުގެ ސްކީމެއްގެ ތެރެއިން، "ރަށުތެރެއިން ވިއްކާ 56 ގޯތި" ގެ ދަށުން ހުޅުމާލެ ފޭސް 1 އިން ގޯއްޗެއް، އަޙްމަދު ޒާހިރަށް ލިބިފައިވާކަން ރަސްމީ ލިޔެކިޔުންތަކުން އެނގެން އޮންނަކަމަށެވެ. އަދި އެއީ 904 އަކަފޫޓުގެ ބިމެއް ކަމަށްވެސް ބުންޏެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ހުޅުމާލެ ޑިވެލޮޕްމަންޓް ޔުނިޓުން 24 ޑިސެންބަރު 2003 ގައި ދޫކުރި ލިޔުމުގައިވާ ގޮތުން އެ ބިމުގެ އަގަކީ 339,000 ރުފިޔާއެވެ. ހައުސިނުން ބުނީ ވޭތުވެދިޔަ އެކި ސަރުކާރުތަކުގައި ތަކުރާރުކޮށް އެ ބިން ހަވާލުކޮށްދިނުމަށް އެދި ހުށަހެޅި ނަމަވެސް މިއަދާ ހަމައަށް ވެސް ބިން އެފަރާތަށް ލިބިފައި ނުވާކަމަށެވެ.
މިނިސްޓްރީން ބުނީ އަޙްމަދު ޒާހިރުގެ ދިރިއުޅުމުގެ ޙާލަތަށް ރިޢާޔަތްކޮށް ކުރިން ބިން ވިއްކުމަށް އެއްބަސްވެފައިވާ ކޮމަރޝަލް ޝަރުޠުތަކާ އެއްގޮތަށް ވުޒާރާގެ ބެލުމުގެ ދަށުގައި އޮތް ބިމެއް ވިއްކުމަށް ނިންމާފައިވާކަމަށެވެ.. ވިއްކުމަށް ހަމަޖެހިފައިވާ ބިމަކީ ކުރީ ސަރުކާރުގެ ބިންވެރިޔާ ސްކީމުގެ ދަށުން ހިލޭ ދޫކުރުމަށް ކަނޑައެޅި ބިންތަކުގެ ތެރެއިން އުސޫލު ނަންބަރު 2022/G-19 ގައި ބަޔާންކުރާ އަސާސީ ޝަރުޠު ހަމަނުވާ ފަރާތެއްގެ އެއްބަސްވުން ބާޠިލުކުރުމުން ހުސްވެފައި އޮތް ބިމެއް ކަމަށްވެސް ބުންޏެވެ.
އޭނާއަށް ވިއްކުމަށް ނިންމީ ބިންވެރިޔާ ސްކީމުގެ ދަށުން ގުޅިފަޅުން އެ ފަރާތަށް ލިބިފައިވާ ޕްލޮޓާ ގުޅޭ އެންމެހައި ޙައްޤުތައް ދޫކޮށްލުމަށް އެއްބަސްވާ ގޮތަށް ކަމަށެވެ. މިކަމުގައި ކަނޑައެޅިފައިވާ އުސޫލުތަކާ ޚިލާފަށް ޢަމަލުކޮށްފައިވޭތޯ ބެލުމަށް ހައުސިން މިނިސްޓްރީން އިސްނަގައިގެން މި މައްސަލަ އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ހުށަހެޅުމަށް ނިންމާފައިވާކަމަށް މިނިސްޓްރީން ބުންޏެވެ.
އެގޮތުން ބިން ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމާ މެދު އެންމެ ފަހުގެ ނިންމުން ނިންމާނީ އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ބަހެއް ލިބުމަށް ފަހު ޤާނޫނީ ލަފާ ވެސް ހޯދައިގެން ކަމަށް ހައުސިން މިނިސްޓްރީގެ ބަޔާނުގައި ވަނީ ބުނެފައެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists