ފ. ބިލެތްދޫގެ ރަށްވެހިކަމުން ވަކިވާން އެދޭ މީހުންގެ އަތުން 5،000 ރުފިޔާގެ ފީއެއް ނެގުމަށް ނިންމާފައިވާކަމަށް އެރަށު ކައުންސިލުން ބުނެފިއެވެ.
ބިލެތްދޫ ކައުންސިލުން އާއްމުކުރި މައުލޫމާތެއްގައި ބުނެފައިވަނީ އެރަށުގެ ރަށްވެހިކަން ދޫކޮށްލާ މީހުންގެ އަތުން ފީއެއް ނެގުމަށް ނިންމާފައިވާއިރު، ރަށްވެއްސަކަށް ވާ މީހުންނަށް 2،500 ރުފިޔާގެ ހަދިޔާއެއް ދިނުމަށް ހަމަޖެހިފައިވާކަމަށެވެ.
މިހާރު 967 މީހުންގެ އާބާދީއެއް އޮތް ބިލެތްދޫ ކައުންސިލުން މިފަދަ ނިންމުމެއް ނިންމާފައި މިވަނީ، ރަށުގެ ރަށްވެހިންގެ ގޮތުގައި ތިބޭ މީހުންގެ އަދަދު ދަށްވިޔަނުދީ ހިފެހެއްޓުމަށާއި ރަށުގެ އާބާދީ އިތުރުކުރުމަށް ހިތްވަރު ދިނުމުގެ މަގުސަދުގައި ކަމަށް މައުލޫމާތު ލިބެއެވެ.
ރާއްޖޭގެ ބައެއް އެހެން ރަށްރަށުގެ ކައުންސިލްތަކުން ވެސް މީގެ ކުރިން މިފަދަ ފިޔަވަޅުތައް އަޅާފައިވެއެވެ. އެގޮތުން ޅ. ހިންނަވަރުން ވެސް ރަށްވެހިކަން ދޫކޮށްލާ މީހުންގެ އަތުން 2،000 ރުފިޔާގެ ފީއެއް ނެގުމަށް މީގެ ކުރިން ވަނީ ނިންމައި އަމަލުކޮށްފައެވެ. ކުދި އާބާދީތައް ހުންނަ ރަށްރަށުން ރަށްވެހިކަން ބަދަލުކުރުން ހުއްޓުވުމަށް ކައުންސިލްތަކުން އަންނަނީ ތަފާތު އެކި ފިޔަވަޅުތައް އަޅަމުންނެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists