މިއަހަރުގެ މިހާތަނަށް ދައުލަތަށް އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި 28.73 ބިލިއަން ރުފިޔާ ލިބިއްޖެއެވެ.
ފިނޭންސް މިނިސްޓްރީން ނެރެ އާއްމުކޮށްފައިވާ އެންމެފަހުގެ ދައުލަތުގެ ހަރަދު ބަރަދު ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، މިހިނގާ ސެޕްޓެމްބަރުމަހުގެ ތިންވަަ ދުވަހުގެ ނިޔަލަށް ދައުލަތަށް 28.7 ބިލިއަން ރުފިޔާގެ އާމްދަނީ ލިބިފައިވާއިރު މިއީ މިދިޔަ އަހަރުގެ އެ މުއްދަތުގައި ލިބުނު 27.04 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 1.69 ބިލިއަން ރުފިޔާގެ ކުރިއެރުމެކެވެ. އެގޮތުން މިއީ ޖުމްލަ 6.2 އިންސައްތައިގެ އިތުރުވުމެކެވެ.
ދައުލަތުގެ އާމްދަނީ މި މިންވަރަށް މައްޗަށް ޖެހިލުމުގެ މައިގަނޑު ސިއްރަކީ ޓެކުހުގެ އާމްދަނީއަށް އައި ހެޔޮ ބަދަލެވެ. އެގޮތުން ވޭތުވެދިޔަ އަހަރު ޓެކުހުން ލިބުނު 20.61 ބިލިއަން ރުފިޔާ، މި އަހަރުގެ މި މުއްދަތުގައި ވަނީ 22.35 ބިލިއަން ރުފިޔާއަށް އަރައި، 8.5 އިންސައްތައިގެ ކުރިއެރުމެއް ހޯދާފައެވެ. ވަކިން ހާއްސަކޮށް ފަތުރުވެރިކަމުގެ ޓެކްސް (ޓީ.ޖީ.އެސް.ޓީ) އަދި އިމްޕޯޓް ޑިއުޓީން ލިބުނު އާމްދަނީ ވަނީ ވަރަށް ބޮޑަށް ރަނގަޅުވެފައެވެ.
ރިޕޯޓުގައިވާ ގޮތުން، ޓީ.ޖީ.އެސް.ޓީގެ ގޮތުގައި މިހާތަނަށް 7.71 ބިލިއަން ރުފިޔާ ދައުލަތަށް ލިބިފައިވެއެވެ. މިއީ މިދިޔަ އަހަރުގެ އެ މުއްދަތުގައި ލިބުނު 7.46 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 248.0 މިލިއަން ރުފިޔާ (3.3 އިންސައްތަ) ގެ ކުރިއެރުމެކެވެ. މި އަދަދުތަކުން ދައްކުވައިދެނީ ރާއްޖޭގެ އިޤްތިޞާދުގެ މައިބަދަ ކަމުގައިވާ ޓޫރިޒަމް ދާއިރާއިން ދައުލަތުގެ އާމްދަނީއަށް އަދާކުރާ މުހިންމު ދައުރެވެ.
މީގެއިތުރުން، އިމްޕޯޓް ޑިއުޓީން ލިބުނު އާމްދަނީވެސް ވަނީ 2.06 ބިލިއަން ރުފިޔާއިން 2.35 ބިލިއަން ރުފިޔާއަށް އުފުލިފައެވެ. މިއީ 291.1 މިލިއަން ރުފިޔާ ނުވަތަ 14.1 އިންސައްތައިގެ ބޮޑު ކުރިއެރުމެކެވެ.
ދައުލަތަށް ލިބޭ އާމްދަނީ އިތުރުވަމުން ދިޔަ ނަމަވެސް، ސަރުކާރު ހިންގުމުގެ ޚަރަދުތަކާއި، ސިވިލް ސަރވިސް މުވައްޒަފުންގެ މުސާރައާއި، ޤައުމީ ތަރައްޤީގެ އެކި މަޝްރޫޢުތަކަށް ދައުލަތުން ކުރަންޖެހޭ ހޭދަތައްވެސް މި މުއްދަތުގައި އިތުރުވެފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ހާމަކުރެއެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists