މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ބެލުމުގެ ދަށުގައި މާލެ ކައިރީގައި އަޅާފައި އޮތް، ހައިޓީގައި ރަޖިސްޓްރީކޮށްފައިވާ ދެ ބޯޓެއްގެ ނަގިލި ކަހައިގެން ގޮސް ރޭ ސިނަމާލެ ބްރިޖުގެ ތަނބަކަށް އުރި ހިނގި ހާދިސާއާ ގުޅިގެން ކަމާބެހޭ މުއައްސަސާތަކުން ރައްޔިތުންނަށް ޖަވާބުދާރީ ވާންޖެހޭނެ ކަމަށް މައި އިދިކޮޅު ޕާޓީ، އެމްޑީޕީން ބުނެފިއެވެ.
ވެރިފަރާތް ކަށަވަރު ނުވާ މި ދެ ބޯޓަކީ މިދިޔަ އެޕްރީލް މަހުގެ ތެރޭގައި އެއްވެސް ހުއްދައެއް ނެތި ރާއްޖޭގެ ސަރަހައްދަށް ވަދެ، މާލެ ކައިރީގައި ބަނދަރުކޮށްފައި އޮއްވައި ފެނުނު ދެ އުޅަނދުކަމަށް މައުލޫމާތު ލިބެއެވެ. ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވާގޮތުގައި މި ދެ ބޯޓު ރާއްޖޭގެ ސަރަހައްދުގައި އޮތްކަން ސަލާމަތީ ބާރުތަކަށް އެނގިފައިވަނީ ވެސް އެ އުޅަނދުތައް ބަނދަރުކުރިތާ ހަފުތާއެއް ފަހުންނެވެ. އަދި މީގެ ތެރެއިން އެއް ބޯޓުގައި ނަގިއްޔެއް ވެސް ނެތް އިރު، އިންޖީނު މަސައްކަތް ކުރަމުން ދިޔައީ ހަމައެކަނި އެއް ބޯޓުގައި ކަމަށް މައުލޫމާތު ލިބެއެވެ.
މި ހާދިސާއާ ގުޅިގެން އެމްޑީޕީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އެ ދެ ބޯޓުގެ ހާލަތު އިންތިހާއަށް ގޯސްވެފައި ވުމުގެ ސަބަބުން ރައްކާތެރި ތަނަކަށް ބަދަލުކުރުމަށް މީގެ ދޮޅު މަސް ކުރިން ނިންމާފައި އޮތް ނަމަވެސް، އެ މަސައްކަތް އޮތީ ނުކޮށްކަމަށެވެ. އަދި މި ހާދިސާ ހިނގަން މެދުވެރިވީ ސަލާމަތީ އެއްވެސް ކަމެއް ފުރިހަމަނުވާކަން ކަމާބެހޭ އިދާރާތަކަށް އެނގިތިބެ، އެކަށީގެންވާ ފިޔަވަޅު ނޭޅުމުގެ ސަބަބުން ކަމަށް ވެސް އެ ޕާޓީން ބުނެފައިވެއެވެ.
މި ހާދިސާއާ ގުޅިގެން މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ ޑރ. ޢަބްދުﷲ މުއްޠަލިބު ވިދާޅުވީ، ބޯޓު ޖެހުމުގެ ސަބަބުން ބްރިޖުގެ މައި އޮނިގަނޑަށް އެއްވެސް ގެއްލުމެއް ލިބިފައި ނުވާ ކަމަށެވެ. މިނިސްޓަރުގެ މި ވާހަކައާ ގުޅިގެން އެމްޑީޕީގެ ބަޔާނުގައި ބުނެފައިވަނީ، ހާދިސާ ހިނގިތާ ކުޑަވަގުތުކޮޅެއްގެ ތެރޭގައި އެހާ އަވަހަށް ބްރިޖުގެ ހާލަތު ބަލައި، ގެއްލުމެއް ނެތް ކަމަށް ނިންމި ގޮތާމެދު ކަންބޮޑުވާކަމަށެވެ.
އެމްޑީޕީން އިތުރަށް ބުނެފައިވަނީ، ހުއްދައެއް ނެތި ބޭރުގެ އުޅަނދުތައް ކަމާބެހޭ މުއައްސަސާތަކަށް ނޭނގި މާލެ ސަރަހައްދަށް ވަދެ ބަނދަރުކުރުމަކީ ރާއްޖޭގެ ކަނޑުމަތީގެ ސަލާމަތާއި ޤައުމީ ސަލާމަތަށް ވެސް އޮތް ނުރައްކަލެއް ކަމަށެވެ. އެހެންކަމުން، މިފަދަ ހާލަތްތަކުގައި އުޅަނދުތަކާމެދު ޢަމަލުކުރާނެ ހަރުދަނާ އަދި ސާފު އުސޫލެއް އެކުލަވައިލައި، އެ އުސޫލުތައް ފުރިހަމައަށް ތަންފީޒުކުރުމަށް ސަރުކާރަށް ވަނީ ގޮވާލައިފައެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists