މި ސަރުކާރު ވެރިކަމަށް އައި އިރު ޑޮލަރު އެކްސްޗޭންޖް ރޭޓް ހުރި ވަރަށްވުރެ ދަށަށް ގޮސްފައިވާ ކަމަށް އިކޮނަމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
ވަޒީރުންގެ މަޖިލީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ސަޢީދު ވިދާޅުވީ، ކަޅު ބާޒާރުގައި ”އާޓިފިޝިއަލީ މެނިޕިއުލޭޓް“ ކޮށްފައި ޑޮލަރު ވިއްކުމުގެ މައްސަލަ ވަރަށް ބޮޑުވެގެންދިޔަ ކަމަށާ، އެ މައްސަލަ ހައްލު ކުރުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރި ކަމަށެވެ.
އެ މަސައްކަތުގެ ތެރެއިން މިހާރު އަޅުގަނޑުމެންނަށް އެބަ އެނގޭ ދަށްވަމުންދާކަން އެކްސްޗޭންޖް ރޭޓް. މިހާރު އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަށް ލިބޭ މައުލޫމާތަށް ބަލާއިރު، މި ސަރުކާރާ އަޅުގަނޑުމެން ހަވާލުވިއިރަށްވުރެ ދަށަށް ގޮސްފައިވާކަމަށް އަޅުގަނޑުމެންނަށް މައުލޫމާތު ލިބެނީ. މާނައަކީ 17 ނޮވެމްބަރު 2023 އައި އިރުގައި ހުރި ރޭޓް، ސްލައިޓްލީ އެ ބޭންޑުގައި ހުރި ކަމަށް މައުލޫމާތު ލިބެނީ. މިއީ ވަރަށްބޮޑު ކުރިއެރުމެއް.
މުޙައްމަދު ސައީދު
ސަޢީދު ވަނީ ޑޮލަރު ރޭޓް ދަށް ކުރުމުގައި، ބޭރުފައިސާ ލިބޭ ފަރާތްތަކުން ދެމުންދާ އެއްބާރުލުން ފާހަގަކުރައްވައި އެކަމަށް ޝުކުރު އަދާކުރައްވާފައެވެ.
ބޭރު ފައިސާއިން ލިބޭ އާމްދަނީގެ 40 އިންސައްތަ ކޮންމެ މަހަކު ބޭންކުތަކަށް މާރުކުރަން ލާޒިމުކުރާ ގޮތަށް މަޖިލީހުން ފާސްކުރި އިސްލާހަށް މި މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ޢަމަލުކުރަން ވަނީ ފަށާފައެވެ.
އަދި ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ އަގު އިޝްރިހާރު ކުރުން މަނާކޮށް، ވިއްކާ ފަރާތްތައް ހައްޔަރުކޮށް، އެފަރާތްތަކާމެދު ހަރުކަށި ފިޔަވަޅު އެޅުމުގެ މަސައްކަތްވެސް ސަރުކާރުން ވަނީ ފަށާފައެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists