ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕްރިންސިޕަލް ސެކްރެޓަރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕޮލިސީ އެންޑް މެނިފެސްޓޯގެ މަގާމުގައި ހުންނެވި އަބްދުﷲ ނާޒިމް އިބްރާހިމް މިއަދު އިސްތިއުފާ ދެއްވައިިފި އެވެ.
ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް (މުންދު) ދެންމެ ވޮއިސްއަށް ވިދާޅުވީ ނާޒިމް، މިއަދު ހެނދުނު އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ. އިސްތިއުފާގެ ސަބަބާއި ގުޅޭގޮތުން ސުވާލު ދެންނެވުމުން މުންދު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އިދާރީ އޮނިގަނޑަށް ބައެއް ބަދަލުތައް ގެންނަވަން ނިންމަވާފައިވާ ކަމަށެވެ. އަދި އެކަން ނާޒިމަށްވެސް އެންގެވި ކަމަށެވެ.
ނާޒިމް ވަނީ މި ސަރުކާރުގައި ހެލްތް މިނިސްޓަރު ކަން ވެސް ކުރައްވާފަ އެވެ. އޭގެ ކުރީން ވެސް ރައީސް އޮފީހުގެ އިސް މަގާމެއް އަދާކުރެއްވި އެވެ.
ހެލްތް މިނިސްޓަރުގެ މަގާމުން ނާޒިމް އިސްތިއުފާ ދެއްވީ ކެބިނެޓްގެ ގިނަ މިނިސްޓަރުންތަކެއް އެއް ފަހަރާ އިސްތިއުފާ ދެއްވި ދުވަހު އެވެ. އެއީ ސަރުކާރު ހިންގުމަށް ގެންނަން ރައީސް ބޭނުންފުޅުވާ ބަދަލުތަކަށް ފުރުސަތު ދެއްވުމުގެ ގޮތުންނެވެ.
ނާޒިމް ވަނީ ކުރީގެ ރައީސް ޔާމީންގެ ސަރުކާރުގައި ވެސް ހެލްތް މިނިސްޓަރު ކަން ކުރައްވާފަ އެވެ. ރާއްޖޭގެ ސިއްހީ ދާއިރާއަށް ނާޒިމްގެ މިނިސްޓަރު ކަމުގައި ދެ ފަހަރު މަތީން ރަނގަޅު ހެޔޮ ބަދަލުތަކެއް ގެންނަވާފައިވެ އެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists